ގަތަރު ވޯލްޑް ކަޕް 2022

ރަޝްފޯޑްގެ ދެ ގޯލާއެކު އިންގްލެންޑް ގަދަ 16 އަށް

ވޯލްޑް ކަޕްގެ "ގްރޫޕު ބީ" ގައި މާކަސް ރަޝްފޯޑް ކާމިޔާބުކުރި ދެ ގޯލާއެކު ވޭލްސް ބަލިކޮށް، އިންގްލެންޑުން ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.

ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު އެ މެޗުގައި ވޭލްސްގެ މައްޗަށް އިންގްލެންޑުން ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. ގްރޫޕު ސްޓޭޖުގެ ފަހު މެޗަށް އިންގްލެންޑުން ނުކުތް އިރު، ގަދަ 16 ގެ ޖާގައެެއް ކަށަވަރުކުރުމަށް އެޓީމަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. ވޭލްސްއަށް މޮޅަކާއެކު ވެސް އޮތީ ހަނި ފުރުސަތެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނުރައްކާކޮށް ފެނުނީ އިންގްލެންޑެވެ. އެޓީމަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބިގެންދިޔައެވެ. މެޗުގެ ދިހަވަނަ މިނެޓުގައި މާކަސް ރަޝްފޯޑަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ހެރީ ކޭން ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ރަޝްފޯޑް ފޮނުވާލި ހަމަލާ، ވޭލްސް ކީޕަރު ޑެނީ ވޯޑް ވަނީ މަތަކޮށްފައެވެ. މިރޭގެ މެޗުގައި ވޭލްސްގެ ގޯލު، ވޯޑް ބަލަހައްޓާފައިވަނީ އީރާނާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ އެއް ނަމްބަރު ކީޕަރު ވޭން ހެނެސީއަށް ރަތް ކާޑެއް ދައްކާފައިވުމުން، އޭނާ ސަސްޕެންޝަންގައި ހުރުމުންނެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ވެސް އިންގްލެންޑްގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ރީތި ކުޅުމަކާއެކު ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފިލް ފޮޑެން ފޮނުވާލި އެ ހަމަލާ، ވޭލްސްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވޭލްސްގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޖޯ އެލަން ފޮނުވާލި ހަމަލާ ދިޔައީ އިންގްލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ދެވަނަ ހާފު ފެށިތާ ފަސް މިނެޓު ތެރޭ އިންގްލެންޑުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ހިލޭ ޖެހުމަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ވޭލްސް ގޯލުގެ މަތީ ކަނަކަށެވެ.

ރަޝްފޯޑް ގޯލު ޖެހިތާ މިނެޓެއް ތެރޭ އިންގްލެންޑުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ހެރީ ކޭން ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފިލް ފޮޑެންއެވެ.

އިތުރު ހަމަލާތަކަކަށްފަހު އިންގްލެންޑުން ވަނީ މެޗުގެ 68 ވަނަ މިނެޓުގައި ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. ކެލްވިން ފިލިޕްސް ދިން ބޯޅައަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ރަޝްފޯޑެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބާރު ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ވޭލްސް ކީޕަރު ވޯޑްގެ ފައިގައި ޖެހިފައެވެ.

އިންގްލެންޑް ފޯވަޑް ރަޝްފޯޑަށް ވަނީ މެޗުގެ 75 ވަނަ މިނެޓުގައި ހެޓްރިކެއް ފުރިހަމަކުރަން ވެސް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ކެލަމް ވިލްސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރަޝްފޯޑް ފޮނުވާލި އެ ހަމަލާ، ވޭލްސް ކީޕަރު ވޯޑް ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް އިންގްލެންޑަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބިގެން ދިޔައެވެ. ހެރީ މެގުއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ޖޯން ސްޓޯންސް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ވޭލްސް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އިންގްލެންޑުން ގްރޫޕު ސްޓޭޖު ނިންމާލީ ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ. އެ ގްރޫޕުން ދެވަނައިގެ ގޮތުގައި ގަދަ 16 ގެ ޖާގަ ހޯދީ އެމެރިކާއެވެ. މިރޭ ކުޅުނު ގްރޫޕުގެ ފަހު މެޗުގައި އެމެރިކާ އިން ވަނީ 1-0 ގެ ނަތީޖާއަކުން އީރާން ބަލިކޮށްފައެވެ. އެ މެޗުން މޮޅުވެގެން އީރާނަށް ވެސް ގަދަ 16 އަށް ދިއުމުގެ ފުރުސަތު އޮތެވެ. އެ ނަތީޖާއާއެކު އެމެރިކާއިން ގްރޫޕުގެ ދެވަނަ ހޯދީ ފަސް ޕޮއިންޓާއެކުއެވެ.

އެ ގްރޫޕުގެ ތިންވަނައިގައި ނިންމާލި އީރާނަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެޓީމުން ހޯދި މޮޅަކީ ވޭލްސް އަތުން ހޯދި މޮޅެވެ. ގްރޫޕުގެ ފުލުގައި ނިންމާލި ވޭލްސްއަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.