ވޯލްޑް ކަޕްގެ "ގްރޫޕު އޭ" ގައި ގަތަރު ބަލިކޮށް، ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ނެދަލެންޑްސް އިން ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.
ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ގަތަރުގެ މައްޗަށް ނެދަލެންޑްސް އިން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗަށް ނުކުތް އިރު، ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރަން ނެދަލެންޑްސްއަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. އަދި ގަތަރަށް ގަދަ 16 އަށް ދިއުމަށް އެއްވެސް ފުރުސަތެއް ނެތެވެ.
މެޗުގެ ކުރީކޮޅުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނުރައްކާކޮށް ފެނުނީ ނެދަލެންޑްސްއެވެ. އެގޮތުން އެޓީމަށް ގޯލު ޖަހާނެ ފުރުސަތުތަކެއް ވެސް ލިބިގެންދިޔައެވެ. ޑެލީ ބްލިންޑަށް ލިބުނު ފުރުސަތުން ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ގަތަރުގެ ކީޕަރު މެޝާލް ބާޝަމް މަތަކުރި އިރު، ޕެނަލްޓީ އޭރިއާ ތެރެއިން މެމްފިސް ޑިޕާއީ ފޮނުވާލި ހަމަލާ ގަތަރުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 26 ވަނަ މިނެޓުގައި ނެދަލެންޑްސް އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޑޭވީ ކްލާސަން ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯއެވެ. އޭނާގެ ހަމަލާ އަމާޒުވީ ގަތަރު ގޯލުގެ ތިރީ ކަނަކަށެވެ. އެ ގޯލަކީ މި ވޯލްޑް ކަޕްގައި އޭނާ ކާމިޔާބުކުރި ތިންވަނަ ގޯލެވެ.
އެ ގޯލަށްފަހު ގަތަރުން ކުރިއަށް ޖެހި، ނެދަލެންޑްސްގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ގަތަރުގެ ނުރައްކާ ހުރަސްތަކެއް ފެނުނު ނަމަވެސް، އެ ބޯޅަތައް ނެދަލެންޑްސްގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނެދަލެންޑްސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓުގެ ތެރޭގައި ނެދަލެންޑްސް އިން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފްރެންކީ ޑި ޔޮންގްއެވެ. އޭނާ އެ ގޯލު ޖެހީ ޑޭވީ ކްލާސަން ނަގައިދިން ހުރަހަކުން މެމްފިސް ޑިޕާއީ ފޮނުވާލި ހަމަލާ، ގަތަރުގެ ކީޕަރު ބާޝަމް މަތަކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ރީބައުންސް ބޯޅައިންނެވެ.
އެ ގޯލަށްފަހު ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ގަތަރުން ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރުމަށް މަސައްކަތްކުރި ނަމަވެސް، ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެއެވެ.
މެޗުގެ ދެވަަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ނެދަލެންޑްސްއަށް އިތުރަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ސްޓީވަން ބާގްހައުސް ފޮނުވާލި އެ ހަމަލާ އަމާޒުވީ ގަތަރު ގޯލުގެ ހުރަސްދަނޑިއަށެވެ.
އެ ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި އެކުއެޑޯ އަތުން 2-1 ގެ ނަތީޖާއަކުން ސެނެގާލް ވަނީ މޮޅުވެފައެވެ. އެ ނަތީޖާއާއެކު ގްރޫޕުގެ ދެވަނައިގެ ގޮތުގައި ސެނެގާލަށް ވަނީ ގަދަ 16 ގެ ޖާގައެއް ލިބިފައެވެ. އެ މެޗަށް ނުކުތް އިރު، އެކުއެޑޯއަށް މެޗު އެއްވަރުކޮށްލައިގެން ގަދަ 16 ގެ ޖާގައެއް ހޯދެން އޮތެވެ.
"ގްރޫޕު އޭ" ގެ ކުޅުން ނިމުނު އިރު، އެއްވަނަ ހޯދި ނެދަލެންޑްސްއަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ދެވަނައިގައި ނިންމާލި ސެނެގާލަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ފަހު މެޗުގެ ނަތީޖާއާއެކު ފުރުސަތު ގެއްލުނު އެކުއެޑޯއަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ގަތަރަށް ކުޅުނު ތިން މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022