ދުނިޔެ

އެއްޖިންސުން ގުޅުން ހިންގަވާ އިނގިރޭސި ވަޒީރު އެކަން ޕްރޮމޯޓް ކުރެއްވުމަށް ގަތަރަށް!

އިމާދު ލަތީފު

5

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އިންގްލެންޑާއި ވޭލްސް މިރޭ ބައްދަލުކުރާ މެޗު ދެކެވަޑައިގަތުމަށް ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމަށް ވަޑައިގަންނަވާނީ ވިއްސާރަދުނީގެ ބޭންޑެއް އަޅުއްވައިގެންކަމަށް އިނގިރޭސިވިލާތުގެ ކުޅިވަރާބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

މިހާރު ގަތަރުގައި ހުންނެވި ސްޓުއަރޓް އެންޑްރޫ ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުން އިޝްތިހާރުކުރުމަކީ ގަތަރުގައި ހުއްދަކަމަކަށް ނުވިޔަސް މިރޭ އޭނާ ސްޓޭޑިއަމަށް ވަޑައިގަންނަވާނީ "ވަން ލަވް" އާރމް ބޭންޑް އަޅުއްވައިގެން ކަމުގައެވެ. "ވަން ލަވް" އާރމް ބޭންޑަކީ އެއްޖިންސުން ގުޅުން ހިންގުން އިޝްތިހާރުކޮށް އެކަން ގިރިޓީ ކުރުމަށް ބޭނުންކުރާ ރަމްޒެކެވެ.

އިނގިރޭސި ވަޒީރު ވިދާޅުވީ އޭނާއަކީވެސް އެއްޖިންސުން ގުޅުން ހިންގާ މީހެއްކަން ދުނިޔެއަށް ދައްކަން ބޭނުންކަމަށާއި އެއީ ލަދުގަންނަ ކަމެއް ނޫންކަމުގައެވެ. ގަތަރުގައި ހުއްޓަސް، އެހެން ތަނެއްގައި ހުއްޓަސް އޭނާ ބަދަލެއް ނުވާނެކަމަށް ވެސް ވިދާޅުވިއެވެ. އުމުރުން 51 އަހަރުގެ ސްޓުއަރޓް އެންޑްރޫއަކީ އިނގިރޭސިވިލާތުގެ ތާރީޚުގައިވެސް އެލްޖީބީޓީ ކޮމިއުނިޓީއަށް ނިސްބަތްވާ ކުޅިވަރާބެހޭ ފުރަތަމަ ވަޒީރެވެ. އޭނާ އެމަގާމަށް އައްޔަންކުރެއްވީ މިއަހަރު ރިޝީ ސުނާކް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހުގައެވެ.

ގަތަރުގެ ގާނޫނުތަކާއި ފީފާގެ އުސޫލުތަކާ ދެކޮޅަށް ވިއްސާރަދުނީގެ ބޭންޑު އެޅުމުގެ މަގްސަދާމެދު ސްޓުއަރޓް އެންޑްރޫ ވިދާޅުވީ ގާނޫނަކަށް ބަލައިގެން މީހާގެ އަސްލު ފޮރުވަން ނުޖެހޭނެކަން ދުނިޔެއަށް ބުނެދިނުމަކީ މަގުސަދު ކަމުގައެވެ. އިނގިރޭސި ވަޒީރުގެ މި ވިދާޅުވުމަށް ގަތަރުން އެއްވެސް ރައްދެއް ނުދެއެވެ. ސްޓުއަރޓް އެންޑްރޫ މިރޭ ސަޕޯޓްކުރައްވާނީ ވޭލްސްއަށެވެ. އޭނާ ނިސްބަތްވަނީ ވޭލްސްއަށް ކަމަށް ވުމުންނެވެ. އޭނާއަކީ ވެރިކަންކުރާ ކޮންޒަރވެޓިވް ޕާޓީގެ ތެރޭގައި އޮންނަ ވިއްސާރަދުނި އޮޅީގެ ބާނީވެސްމެއެވެ.