ޚަބަރު

އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

މުހައްމަދު އިޝާން

ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ދަތިކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ލޯނުގެ ރަމްޒީ ލިޔުން ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރެވެ. ރާއްޖޭގެ ފަރާތުން އެ ލިޔުމާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ އިންޑިއާއިން ދިން މާލީ އެހީއަކީ މިދިޔަ އޮގަސްޓް މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހަމަޖެހުނު މާލީ އެހީއެއް ކަމަށެވެ. އަދި 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި، މާލޭ ބްރާންޗް) އިން ދިވެހި ސަރުކާރުގެ ޓްރެޝަރީ ބޮންޑެއްގައި އިންވެސްޓްކޮށްގެން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި، މާލޭ ބްރާންޗް) ސީއީއޯ ޑޯރާބާބޫ ޑަޕްރާތީ އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނު މަހާވަރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖެއިޝަންކަރު އޮންލައިންކޮށް ބައިވެރިވެވަޑައިގަތްކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖެއިޝަންކަރު ވިދާޅުވީ، އިންޑިއާއިން ދެއްވި 100 މިލިއަން ޑޮލަރުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ދަތިތަކުން އަރައިގަނެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އިންޑިއާގެ ނައިބަހުޑް ފަސްޓް ސިޔާސަތާއި ރާއްޖޭގެ އިންޑިއާ ފަސްޓް ސިޔާސަތުގެ ދަށުން ދަނީ މި ގުޅުމަކީ އޭގެ ހާއްސަކަމާ އެއްފަދައިން ވަރުގަދަވެސްމެ ގުޅުމެއްގެ ގޮތުގައި ގެނެސްދިނުމުގައި މަސައްކަތް ކުރަމުން. އަދި މި މަސައްކަތަކީ އޭގެ ނަތީޖާ އަބަދުމެ ފެންނަ، ހާއްސަކޮށް ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގައި އަދި ދެ ގައުމުގެ ރައްޔިތުންގެ އެދުމާއި އުއްމީދުތައް އަދި ބޭނުންޖެހިފައިވާ ކަންކަމަށް އިޖާބަދޭ މަސައްކަތެއް،" ޖެއިޝަންކަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަމެއް ބޭނުންވާއިރު އެންމެ ފުރަތަމަ އެހީވާ ގައުމު ކަމަށެވެ. ޝާހިދު ވަނީ އިންޑިއާއިން ދެއްވި މާލީ އެހީއަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝުކުރު އަދާކުރައްވައިފައެވެ.

އިންޑިއާއިން ވަނީ މީގެ ކުރިން ވެސް ރާއްޖެއަށް މާލީ ގޮތުން ބޮޑެތި އަދަދުތަކުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އިންޑިއާއާއެކު ހަދާފައިވާ ކަރަންސީ ސުވެޕް އެގްރީމެންޓެއްގެ ދަށުން އެގައުމުން ދަނީ ރާއްޖޭގައި ގިނަ ޕްރޮޖެކްޓުތަކެއް ހިންގަމުންނެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ދަނީ ތިލަމާލެ ބުރިޖުގެ މަސައްކަތް ވެސް ކުރަމުންނެވެ.