ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ހިމެނޭ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަބްދުއްރަހްމާން ރަފީއުއަށް ކުރި އެއް އަހަރާއި 28 ދުވަހުގެ ޖަލު ހުކުމް ބޮޑުވުމުން، އޭނާގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ކުރިމިނަލް ކޯޓުން ރަފީއުގެ މައްޗަށް އެ ހުކުމް ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ބޭއްވި ސިއްރު އަޑުއެހުމެއްގައެވެ.
މި މައްސަލައިގައި ރަފީއު ވަނީ ކުށަށް އިއުތިރާފުވެ އާއްމުންގެ ކިބައިން މައާފަށްވެސް އެދިފައެވެ.
އޭނާގެ މައްޗަށް ދައުލަތުން އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާކުރީ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުންނެވެ.
ރަފީއުއަށް ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ރަފީއު ކުށަށް އިއުތިރާފުވުމުން ކުށުގެ އަސާސީ އަބަދުން އެއް ދަރަޖަ ދަށްކޮށް، ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް ކުރުމަށް ދައުލަތުން އެދުނެވެ.
ނަމަވެސް ކުރިމިނަލް ކޯޓުން ވަނީ ބަންދުގައި އޭނާ ހޭދަކުރި 15 ދުވަސް އުނިކޮށް، އެއް އަހަރާއި އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
ރަފީއުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ އިއްޔެއެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.
ރަފީއުއަށް ކުރި ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅައިފައި މިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުންވެސް އެ މައްސަލަ އިސްތިއުނާފު ކުރަން ނިންމައި ތައްޔާރީތައްވެފައި ވަނިކޮށެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރާއި ގާނޫނީ ވަކީލް ނާޒިމް ސައްތާރަށްވެސް ވަނީ ހުކުމްކޮށްފައެވެ. އެ މައްސަލައިގައި ދެން ދައުވާ އުފުލާފައިވަނީ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދަށެވެ. އޭނާގެ ޝަރީއަތްވެސް ވަނީ ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު