މިދިޔަ އަހަރު މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ހޯދި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި ތިން މީހުން ބަންދުން ދޫކޮށްލި ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށާއި ދޫކޮށްލީ އެކަކު ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ގދ. ހޯނޑެއްދޫ/ ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) ގެ އިތުރުން ގދ. ހޯނޑެއްދޫ/ އަލޯރާ، އަހުމަދު މުޖާހިދު (29އ) އަދި ގދ. ހޯނޑެއްދޫ/ އިރުމަތީގެ، އަހުމަދު ސުނައިނު (25އ)ގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ކުރިން ވިދާޅުވީ އެ ތިން މީހުންވެސް ދޫކޮށްލާފައިވާ ކަމަށެވެ. ކޯޓުން ފަހުން، އެ މައުލޫމާތު ގޯސްކޮށް ބުނީ، މި މީހުންގެ ތެރެއިން ދޫކޮށްލީ މުޖާހިދު އެކަނި ކަމަށެވެ.

މިދިޔަ ހަފުތާގައި އޭނާ ދޫކޮށްލީ މައްސަލަ ބަލާ ސެކްޝަނުގައި ދާއިމީ ފަނޑިޔާރެއް ނެތުމުން މައްސަލައިގެ އަޑުއެހުންތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދެވިދާނެ ކަމަަށް ނުފެންނާތީއެވެ.

ނަމަވެސް އޭނާ ބަންދުން ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާ އެކުއެވެ. އެގޮތުން ދައުލަތުގެ ހެކިންނާއި މުއާސަލާތު ނުކުރުމާއި ހެއްކަށް ނުފޫޒު ނުފޯރުވުމާއި ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓަށް ހާޒިރުވުން ހިމެނެއެވެ. އޭގެ އިތުރުން ދިރިއުޅުމުގެ އަސާސީ ކަންކަން ފުއްދުމަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުދިއުންވެސް ހިމެނެއެވެ.

ކްރިމިނަލް ކޯޓުގައި ކުރިން މި މައްސަލަ ބަަލަމުން ގެންދެވީ ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ. ނަމަވެސް އޭނާ މިދިޔަ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރި ހިސާބުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެއް ނުވެއެވެ.

ރާއްޖެއަށް 119 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ފަސް މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު ވެސް ހިމެނެއެވެ.

އަހުމަދު ސުނައިން އާއި އަލީ ޒުބެއިރަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވިގެން 2020 ވަނަ އަހަރުވެސް ހައްޔަރުކުރި ދެ މީހުންނެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވުމުން އެމީހުން ދޫވީ، 2021 ސެޕްޓެމްބަރު 28 ވަނަ ދުވަހުއެވެ.