މިދިޔަ އަހަރު މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ހޯދި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި ތިން މީހުން، މައްސަލަ ބަލާ ސެކްޝަންގައި ދާއިމީ ފަނޑިޔާރަކު ނެތި މައްސަލަ ލަސްވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ގދ. ހޯނޑެއްދޫ/ ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) ގެ އިތުރުން ގދ. ހޯނޑެއްދޫ/ އަލޯރާ، އަހުމަދު މުޖާހިދު (29އ) އަދި ގދ. ހޯނޑެއްދޫ/ އިރުމަތީގެ، އަހުމަދު ސުނައިނު (25އ)ގެ މައްޗަށެވެ.

އެ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނިންމީ މިދިޔަ މާޗު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ތިން މީހުން ދޫކޮށްލީ މިދިޔަ ހަފުތާގައެވެ.

ކްރިމިނަލް ކޯޓުގައި ކުރިން މި މައްސަލަ ބަަލަމުން ގެންދެވީ ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ. ނަމަވެސް އޭނާ މިދިޔަ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރި ހިސާބުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެއް ނުވެއެވެ.

ރާއްޖެއަށް 119 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ފަސް މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު ވެސް ހިމެނެއެވެ.

އަހުމަދު ސުނައިން އާއި އަލީ ޒުބެއިރަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވިގެން 2020 ވަނަ އަހަރުވެސް ހައްޔަރުކުރި ދެ މީހުންނެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވުމުން އެމީހުން ދޫވީ، 2021 ސެޕްޓެމްބަރު 28 ވަނަ ދުވަހުއެވެ.