ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގައި ބްރެޒިލް ކުޅުނު ދެވަނަ މެޗުގައި ސްވިޒަލޭންޑް ބަލިކޮށް، އެޓީމުން ވަނީ ރޭ ގަދަ 16 ޔަގީން ކޮށްފައެވެ. ސްޓޭޑިއަމް 974 ގައި ރޭ ކުޅުނު މެޗު ބްރެޒިލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ދެ މެޗުން ހަ ޕޮއިންޓް ބްރެޒިލަށް ލިބިފައިވާ އިރު، ފުރަތަމަ މެޗުގައި ބްރެޒިލުން ސާބިއާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަށް ބްރެޒިލުން ނުކުތީ ކުޑަހުޅުގެ އަނިޔާގައި ހުރި ޓީމުގެ ތަރި، ނޭމާ ނުލައެވެ. އެކަމާ ވަރަށް ބޮޑަށް ބްރެޒިލުން މާޔޫސްވެފައި އޮއްވައި، އެ މާޔޫސްކަން ކަނޑުވާލީ މެޗުގެ 83 ވަނަ މިނެޓުގައި ރޮޑްރީގޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކަސެމީރޯ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ރޭގެ މެޗު ނިމުމާއެކު ނޭމާ ޓްވިޓާގައި ބުނީ، ކަސެމީރޯއަކީ މިދިޔަ ދެތިން އަހަރެއްގެ ތެރޭގައިވެސް ދުނިޔޭގައި ހުރި އެންމެ ކުޅަދާނަ މިޑްފީލްޑަރު ކަމަށާއި، އެކަން އޭނާ ސާބިތުކޮށްދެމުން އަންނަ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ޕޯސްޓް މެޗު ޕްރެސްގައި ކޯޗު ޓީޓޭއަށްވެސް ނޫސްވެރިޔަކު ވަނީ ނޭމާގެ ވާހަކަތައް ގަބޫލުކުރަންތޯ ބުނެ ސުވާލު ކުރިމަތިކުރުވައިފައެވެ. ޖަވާބުގައި ޓީޓޭ ބުނީ އެކަމަށް އެއްބަސްވާ ކަމަށެވެ.

"އަހަންނަކީ އަސްލު ތިކަހަލަ މީހުން ދެކޭ ދެކުންތަކަށް ޖަވާބު ދޭނެ ކޯޗެއްވެސް ނޫން. އެކަމަކު މިފަހަރު ތި ސުވާލަށް ޖެހިލުމެއް ނެތި ޖަވާބު ދޭނަން. އެއީ އަހަރެންވެސް ގަބޫލުކުރާ ގޮތް،" ޓީޓޭ ބުންޏެވެ.

އޭގެ އިތުރުން ޕްރެސްގައި ޓީޓޭ ވަނީ ނޭމާ ނެތްތަން މެޗުން ދެއްކި ކަމަށްވެސް ބުނެފައެވެ. ޓީޓޭ ބުނީ ނޭމާއަކީ ޖާދުވީ ހުނަރެއް ހުންނަ ކުޅުންތެރިއެއް ކަމަށާއި، ގޮތް ހުސްވެގެން ދާވަގުތުވެސް ނޭމާ ކުއްލިއަކަށް ކުޅުންތެރިން ނައްޓުވާލައިފައި ގޮސް ނަތީޖާ ނެރެދޭނެ ކަމަށެވެ.

ޓީޓޭ ބުނީ ނޭމާ ވަރަށް ބޮޑަށް "މިސްވި" ކަމަށާއި، އެޓޭކް އުފައްދަން ނޭމާ ބޭނުން ކުރަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް ނޭމާ ނެތްތަން ފޫބައްދަން ދަނޑުމަތީގައި މަސައްކަތް ކުރި ހުރިހާ ކުޅުންތެރިންނަށް ތައުރީފު ހައްގު ކަމަށްވެސް ޓީޓޭ ބުންޏެވެ. ހާއްސަކޮށް އޭނާ ބުނީ މިއީ ތަފާތު ދައްކަން އެ ކުޅުންތެރިންނަށް ލިބޭނެ ފުރުސަތެއް ކަމަށެވެ.

ބްރެޒިލުން ގްރޫޕްގެ ފަހު މެޗުގައި ކެމަރޫނާ ދެކޮޅަށް ނުކުންނަ އިރު، އެއީ ގްރޫޕް އެއްވަނަ ޔަގީންކުރަން ބޭނުންތެރި މެޗެކެވެ.