އިޓަލީގެ އެންމެ ތާރީހީ، އަދި އެންމެ ކާމިޔާބު ކްލަބު ޔުވެންޓަސްގެ ބޯޑު، އެ ކްލަބުގެ ރައީސް އަންދްރޭއާ އަގްނޭލީއާވެސް އެކު އިސްތިއުފާ ދީފިއެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އެ ކްލަބުގެ ބޯޑު އިސްތިއުފާ ދިނީ ރެކޯޑު ގެއްލުމެއް މިދިޔަ ސީޒަނުގައި އެކްލަބަށް ވުމާއެކުގައެވެ. އިޓަލީ ލީގުގެ އެންމެ ކާމިޔާބު ޓީމު ޔުވެންޓަސް، މިދިޔަ ސީޒަނުގެ ލީގު ނިންމާލީ ހަތަރު ވަނައިގައެވެ. އަދި ކްލަބަށް ވަނީ ރެކޯޑު 220 މިލިއަން ޕައުންޑްގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ ކްލަބުން ބުނެފައި ވަނީ ޓްރާންސްފާތަކުގެ ފައިސާގެ މައްސަލަތަކެއްގައި ފުލުހުން ކުރަމުން އަންނަ ތަހުގީގަކަށް އެއްބާރުލުން ދޭން ކްލަބުން ނިންމާފައިވާ ކަމަށެވެ. އެ ތަހުގީގުތައް ހިނގަމުން ދަނީ ކުޅުންތެރިންގެ އިމޭޖް ރައިޓް ފަދަ ކަންކަމުގެ ރެޖިސްޓްރޭޝަންތަކުގައި ބޮޑެތި ފައިސާގެ އިހުމާލުތަކެއް ހިނގާފައިވާތީއެވެ. އެ މައްސަލަތައް ހިނގާފައި ވަނީ 2019 ވަނަ އަހަރުން 2021 ވަނަ އަހަރާ ދެމެދު ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

ބޯޑާއެކު އިސްތިއުފާދިން ރައީސް އަގްނޭލީ އާއި ނައިބު ރައީސް، އަދި ކްލަބު ލެޖެންޑް ޕަވެލް ނެޑްވެޑަކީވެސް ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައިގައި ހިމެނޭ ދެމީހުންނެވެ.

ކުރީގެ ބޯޑުގެ ފަރާތުން ބުނެފައި ވަނީ އިސްތިއުފާ ދީފައި ދަނީ ކްލަބަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަންކަން ކުރުމަށް ފުރުސަތު ދޭން ކަމަށާއި އާ ބޯޑެއްގެ ފުރުސަތަކާއެކު ކްލަބުގެ ފައިސާގެ ކަންކަންވެސް ހަމައަކަށް އަޅުވަން ފުރުސަތު ލިބޭނެ ކަމަށެވެ. މިވަގުތު ޔުވެންޓަސް ހިންގުމާ ހަވާލުވެ ހުރީ މެނޭޖިން ޑިރެކްޓަރު މައުރީޒިއޯ އަރިވަބެނޭއެވެ. ޔުވެންޓަސްއަށް އާ ބޯޑެއް އައްޔަނު ކުރުމަށް ބާއްވާ އާންމު ބައްދަލުވުން ތާވަލު ކޮށްފައި ވަނީ އަންނަ އަހަރު ޖެނުއަރީއަށެވެ.

ޔުވެންޓަސްއިން އިސްތިއުފާދިން ރައީސް އަގްނެލީއަކީ މިދިޔަ އަހަރު ވުޖޫދުކުރަން މަސައްކަތް ކުރި ޔޫއެފާ ސުޕަ ލީގުގެ އެއް ބާނީއެވެ. ޔޫރަޕްގެ ޔޫއެފާއިން ބޭރުވާން ބައެއް ކްލަބުތަކުން ކުރި މަސައްކަތް ފްލޮޕްވީ، ގިނަ ކްލަބުތަކެއްގެ ސަޕޯޓަރުން އެކަމާ ދެކޮޅުވެގެންނެވެ.