ގަތަރު ވޯލްޑް ކަޕް 2022

އިރާން އެމެރިކާ ވޯލްޑްކަޕް 1998ގެ ހަނދާނުން: ހުދު ފިނިފެންމަލުން ވެދުންކޮށް ފެށިމެޗުން މޮޅުވީ "ފުޓުބޯޅަ"

މުޙައްމަދު ޝަމްޢޫން

މީގެ އެތައް އަހަރެއް ކުރިން 1980 ވަނަ އަހަރު ދާހިލީ ގުޅުން ކަނޑާލާފައިވާ ދެގައުމު ކަމަށްވާ އިރާނީ އެމެރިކާގެ ވާހަކައަކީ ދާހިލީ އެންމެ ބޮޑު ހަތުރުންގެ ވާހަކައެކެވެ. އެތައް އަހަރެއްގެ ކޯޅުން އެކަމުގައި އެކުލެވޭ ދެގައުމެއްގެ ހާރިޖީ ބޮޑު ވާހަކައެކެވެ. އެއްގައުމު އަނެއް ގައުމަށް ބަހުގެ ހަމަލާތައް އަބަދުހެން ބަދަލުކުރަމުން ދިޔަ ދެގައުމެއްގެ ވާހައެކެވެ. އެ ދަގައުމުގެ ވާދަވެރިކަން ފެންނަ ކޮންމެތަނެއްގައި އާދަޔާހިލާފު ކަންތައްތަކެއް ހިނގާނެކަންވެސް ޔަގީން ވެއެވެ. އެއީ ދަނޑު މައްޗަށް ވިޔަސްވެސް އެކަން އޮންނަނީ އެހެންނެވެ. ހާއްސަކޮށް 1900 ގެ އަހަރުތަކުގައި އިރާނާއި އެމެރިކާ މައްސަލަ ބޮޑެވެ.

އެ މައްސަލަ ބޮޑުކަން 1998 ވަނަ އަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި އިރާނާއި އެމެރިކާ ކުޅުނު މެޗުންވެސް ސާފުވާނެއެވެ. އެއީ މިހާރު އޮތް ހާލަތެއްވެސް ނޫނެވެ. އެއީ އާދަޔާހިލާފު ސިޔާސީ ހާލަތެއް، އެމެޗު ތެރެއަށް ވަދެގެން ގޮސް ކުޅެން ޖެހުނު މެޗެކެވެ.

"އެ މެޗަށް މުޅި ދުނިޔެ އޮތީ ބަލަން. އެއީ ފުޓުބޯޅައިގެ ސަބަބަކުން ނޫން. ދެގައުމުގައި އޮތް އެހެނިހެން ތަޅާފޮޅުންތަކުގެ ސަބަބުން،" ފްރާންސްގައި ބޭއްވި 1998 ވަނަ އަހަރު ވޯލްޑް ކަޕްގެ މީޑިއާ އޮފިސަރު މެހްރާދު މައްސޫދީ ބުނެފައިވެއެވެ.

"ފީފާއިން ބޭނުންވީ އެމެޗަކީ ފުޓުބޯޅައިގެ މެޗަކަށް ވާން. ހަމަޖެހިފައިވާ މާހައުލުގައި ކުޅެވޭނެ މެޗަކަށް ވާން. އެންމެންވެސް ދައްކަމުން ދިޔައީ ދާހިލީ ހަމަނުޖެހުންތަކުގެ ވާހަކަ. އެކަމަކު އެމެޗަކީ އެކަމުގެ ތެރެއަށް ވަންނާނެ މެޗަކަށް ނުހެދުން އެއީ ފީފާއިން ބޭނުންވި ގޮތަކީ،" މަސްއޫދީ އިތުރަށް ބުނެފައިވެއެވެ.

މެޗަކީ އާދައިގެ މެޗެއް ނޫންކަން ދައްކުވައިދިން އެއް ސަބަބަކީ މެޗުގެ ކުރިން ފެތުރިގެން ދިޔަ އެތައް އަޑުތަކަކުންނެވެ. އެތައް ވާހަކަތަކަކުންނެވެ. އިރާނުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތްތަކުން އެމެރިކާ ޓީމަށް ހަމަލާ ދޭން އުޅޭ ކަމުގެ އެތައް އަޑެއްވެސް އަރައިގެން ދިޔައެވެ. އެކަމުގެ ސަބަބުން އެމެރިކާ ކޭމްޕްކޮށްގެން ތިބި ހޮޓަލުގައި ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަވެސް ކުރަން ޖެހުނެވެ. އޭގެ އިތުރުން އިރާން ސަރުކާރާ ދެކޮޅު ގްރޫޕްތަކުން އެ މެޗުގެ ފައިދާ ނަގައި، އިރާން ޓީމަށް ކަންކަން ކުރަންވެސް ރޭވި ކަމަށް އަޑު ފެތުރުނެވެ.

"އެމެޗު ކުޅުވަން ފީފާއަށް އެތައް ޗެލެންޖުތަކެއް ކަޑައްތުކުރަން ޖެހުނު. އެތައް ކަމަކަށް ސަމާލުވާންވެސް ޖެހުނު،" މަސްއޫދީ ބުނެފައިވެއެވެ.

އެއީ މެޗު ދުވަހުގެ ކުރިއަށް ކުރިމަތިވި ކަންތައްތަކެވެ. މެޗު ދުވަހު އަދި މާ ޑްރާމާ ބޮޑުވިއެވެ. އިރާނަކީ އަވޭ ޓީމުގެ ގޮތުގައި އޮތް ޓީމުކަމުން މެޗުގެ ކުރިން ސަލާން ކުރަން އެމެރިކާ ޓީމާ ދިމާލަށް ދާން ޖެހިފައި އޮތީ އެޓީމު ނަމަވެސް، ސީދާ ސަރުކާރުގެ އެންމެ މަތިން އެކަން ނުކުރަން އެ ޓީމަށް އެންގިއެވެ. އެކަމަކު އެއީ ފީފާ ޕްރޮޓޮކޯލާ މުޅިން ހިލާފު ކަމެއްވެސް މެއެވެ. އެގޮތަށް ސަލާން ނުކޮށް މެޗެއް ނުވެސް ފެށޭނެއެވެ. އެކަމަކު ކުރާނީވެސް ވަކި ކީއްހެއްޔެވެ؟ ޓީމު ކަންކުރަންވީ ގޮތް ނިންމީ ގައުމުގެ ސަރުކާރުންނެވެ.

"އެކަން އިރާނަށް ނުކުރެވެން އޮތުމުން އަހަރެމެން ކުރި ކަމަކީ، ބަދަލެއް ގެނެސް މެޗުގެ ކުރިން ޓީމް ފޮޓޯއެއް ނަގަން ނިންމީ، ދެޓީމު އެއްކޮށް. އެ ފޮޓޯއަށްފަހު ދެން އެތުރުނީ ސަލާން ކުރަން، އެމެރިކާއިން ދިޔައީ އިރާން ކުޅުންތެރިން ގާތަށް. އިރާން ކުޅުންތެރިން، ކޮންމެ ކުޅުންތެރިޔަކު، އެމެރިކާގެ ކުޅުންތެރިޔަކަށް ހުދު ފިނިފެން މަލެއްވެސް ދިން. އަދި ހަނދާނީ ދިދައެއް އެމެރިކާއިންވެސް އިރާނަށް ދިން،" އެ މަންޒަރު ބަލަން ހުރި މަސްއޫދީ ބުންޏެވެ.

އެ ހިސާބުންވެސް ނިމުނީކީ ނޫނެވެ. މެޗު ފެށުމާއެކު އިރާނުގެ 3،000 އެއްހާ ސަޕޯޓަރުން ސިޔާސީ ބެނާތަކާއެކު ކުލަކުލައިގެ ފޮތިކޮޅުތަކުން ދަނޑު ހަލަބޮލި ކުރަން މަސައްކަތްވެސް ކުރިއެވެ. ފީފާގެ ވޮލަންޓްރީ ސެކިއުރިޓީންނާއި ސަލާމަތީ އެތައް ބަޔަކު އެކަން ހުއްޓުވަންވެސް އުޅެން ޖެހުނެވެ. އިރާނުގެ ސިޔާސީ ގްރޫޕެއް ދަނޑަށް ވެދެ އިރާނުގެ ސަޕޯޓަރުންނާ ދެމެދު ގޯސްތަކެއް ހިނގައިގެންވެސް އުޅެން ޖެހިފައިވެއެވެ. އެ މެޗަށް ފީފާވެސް އޮތީ އެންމެ މަތީ އެލާޓްގައެވެ.

"އެމެޗަށް ގިނައިން ސިފައިން ގެންނަން ޖެހޭނޭ އަހަރެން ބުނިން. އެމެޗަށް ހަތިޔާރާއެކު ތިބި 150 އަށްވުރެ ގިނަ ސިފައިން ގެންދިޔަ. ސަޕޯޓަރުންނަށް ދަނޑަށް ނޭރޭނެހެން ސިފައިން އެތުރިގެން ތިބި،" މަސްއޫދީ ފީފާއަށް ކިޔައިދީފައިވެއެވެ.

އެމެޗުން 2-1 އިން މޮޅުވީ އިރާނެވެ. ހީކުރި ގޮތާ ހިލާފު ނަތީޖާއެކެވެ. އޭރު އެމެރިކާއަކީ އަރަމުން ދިޔަ ފުޓުބޯޅަ ގައުމެކެވެ. އިރާން އޮތީ ދާހިލީ ގޯސްތަކެއްގެ ތެރޭގައެވެ.

"އެއީ ތާރީހީ ވަގުތެއް، އެތައް ބަޔަކަށް ދެއްކި މިސާލެއް. ދަނޑުމަތީގައި އެދުވަހު ވި ކަންތަކަކީ ދުނިޔެއަށް ދެއްކި މިސާލެއް. އެކިއެކި ނަސްލުން، އެކިއެކި ވިސްނުމުން އައިސް ތިއްބަސް ސުލްހައިގައި އުޅެވޭނެކަމުގެ މިސާލެއް. މެޗަށްފަހު ޖާޒީ ބަދަލުކޮށް، ގުޅުންތެރިކަމުގެ އެތައް މަންޒަރެއް ދެޓީމުންވެސް ފެނުނު. އެދުވަހު މޮޅުވީ ފުޓުބޯޅަ،" އިރާނަށް ނިސްބަތްވާ މަސްއޫދީ ބުނެފައިވެއެވެ.

ވޯލްޑް ކަޕްގައި އެމެރިކާއާއި އިރާން 1998 ކުރިމަތިލިފަހުން، އެންމެ ފުރަތަމަ ކުރިމަތިލުމަށް ނުކުންނާނީ މިރެއެވެ. އެ މެޗަށްވެސް ދުނިޔެ ދާނީ ބަލަމުންނެވެ. ގަދަ 16 އަށް ދާން ދެޓީމަށްވެސް އޮތީ މޮޅުވުމެވެ. މިފަހަރުގެ މެޗަށް ދާއިރުވެސް ވަކި ޑްރާމާ މަދެއްވެސް ނޫނެވެ. ދުނިޔެ އޮތީ އަނެއްކާވެސް ބަލާށެވެ.

އިރާނުން މުބާރާތް ފެށީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައިގެން، އެމެރިކާއިން އިރާން ދިދަ ބޭނުންކުރި ގޮތުގެ މައްސަލަވެސް

އިރާނުގެ ދާހިލީ މައްސަލަ ގޯސްކޮށް އޮތް އިރު، ވޯލްޑް ކަޕަށް ދިޔަ ގައުމީ ޓީމަށްވެސް އެކަމުގެ ހިޔަނި އޮތީ އެޅިފައެވެ. އިންގްލެންޑް މެޗުގެ ކުރިން ކެޕްޓަން އެހުސާން ހަޖްސާފީ ނޫސްވެރިންނާ ވާހަކަ ދައްކަމުންވެސް ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ. ކޮންމެ މެޗެއްގެ ތެރޭގައި ސަޕޯޓަރުންވެސް ދަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

އިރާނުގައި މުޒާހަރާ ކުރަމުން ދަނީ ފުލުހުންގެ ހައްޔަރުގައި ހުއްޓައި މަރުވި އަންހެނެއް ކަމަށްވާ ކުރުދިސްތާނަށް ނިސްބަތްވާ މާޝާ އަމީނީގެ މަރާ ގުޅިގެންނެވެ. އީރާނުގައި ފުލުހުން އޭނާ ހައްޔަރު ކޮށްފައި ވަނީ ރަނގަޅަށް ބޯނިވާނުކޮށް ހުރެގެންނެވެ. ފުލުހުން ބުނެފައި ވަނީ އަމީނީ ހައްޔަރުގައި ހުރީ އިރާނުގެ ގަވާއިދާ ހިލާފުވެގެން ކަމަށެވެ.

ނޫސްތަކުން ބުނީ މިހާރު އިރާނުގައި ހިނގަމުންދާ މުޒާހަރާތަކަކީ އެތައް ޒަމާނަކަށްފަހު އެގައުމުގައި ހިނގަމުންދާ އެންމެ ބޮޑު މުޒާހަރާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން ދަނީ "ޒާން ޒިންދަގީ، އާޒާދީ"ގެ އަޑުން އަޑު އުފުލަމުންނެވެ. ބުނަމުން އެދަނީ "އަންހެނުން، ދިރިއުޅުން، މިނިވަންކަން،" މި ބަސްތަކެވެ. އިރާނުގެ ސަރުކާރުން ބުނަމުންދަނީ އެ މުޒާހަރާއަކީ ހުޅަނގުން ބާރު ދީގެން ސަރުކާރަށް ޕްރެޝަރު ކުރަން ކުރާ މުޒާހަރާއެއް ކަމަށެވެ. ސަރުކާރުން ބާރުގެ ބޭނުން ކޮށްގެންވެސް އާންމު ރައްޔިތުން ހުއްޓުވަނީ އެހެންވެގެން ކަމަށެވެ.

އެ ގައުމުގައި މުޒާހަރާ ކުރަމުންދާ އެތައް ހާސް ރައްޔިތުންނަކާ އެކު ގައުމީ ޓީމު ތިބިކަން ދެއްކުމަށް، ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އިރާނުން އިންގްލެންޑް މެޗުގެކުރިން ގައުމީ ސަލާމް ކިޔަން އިންކާރު ކުރި އިރު، ސަޕޯޓަރުން ދިޔައީ ގައުމީ ސަލާމަށް "ބޫ" ކުރަމުންނެވެ.

އެއީ އަދި ނިމުނީކީ ނޫނެވެ. އެމެރިކާއާވެސް މިހާރު މައްސަލަ ގޯސްވެއްޖެއެވެ. އެއީ އެމެރިކާއިން ހެދި ގޯހެއްގެ ސަބަބުންނެެވެ. އެމެރިކާއިން ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓްތަކުގައި އިރާނުގެ ދިދައިގައިވާ ﷲގެ އިސްމަފުޅު ނުލައި ދިދަ ޖަހާފައިވުމުން އެ މައްސަލައިގައި އިރާނުން ވަނީ ފީފާއަށް ރަސްމީކޮށް މައްސަލަވެސް ވައްދާފައެވެ. އެމެރިކާއިން އެކަން ރަނގަޅުކުރަން އަލުން ޕޯސްޓް ޖެހި އިރު، އެކަމުގައި އެމެރިކާގެ ކޯޗު ގްރެގް ބާހާލްޓާ ވަނީ މައާފަށްވެސް އެދިފައެވެ. އެ ކޯޗަކީ 1998 ވަނަ އަހަރުގެ ހަނދާންވެސް ހުރި ކޯޗެކެވެ.

ދެކޯޗުންވެސް ވާހަކައިގައި ސިޔާސީ ކަންތަކާ ދުރަށް

މެޗުގެ ކުރިން ދެގައުމުގެ ކޯޗުންނަށްވެސް ސިޔާސީ ދާހިލީ، ހާރިޖީ ސުވާލުތަކެއް އައެވެ. އެހެންނަމަވެސް ދެކޯޗުންނާއި ކެޕްޓަނުންވެސް ބެލީ އެކަމުގެ ތެރެއަށް ނުވަދެ ނިންމާލުމަށެވެ.

އެހެން ނަމަވެސް ބާހާލްޓާ ވަނީ 1998 ވަނަ އަހަރުގެ މެޗު ހަނދާނުގައި ހުރި ކަމަށް ބުނެ ވާހަކަ ދައްކާފައެވެ.

"އެ މެޗު އަހަރެންގެ ހަނދާނުގައި އެބަހުރި. އެ ހަނދާންތައް އަހަރެންގެ ލޭ ކައްކުވާލާ. އެމެޗުގެ ފުރަތަމަ ކަށިގަނޑުން ފެށިގެން މޮޅުވާން ކުޅުނީ އެންމެ ޓީމެއް. އެއީ އިރާން. އެހެންވެ އިރާން މޮޅުވީވެސް. މޮޅަކަށް ކުޅެގެން. އެ މިސްޓޭކް ކުޅުންތެރިން ހަދާކަށް ބޭނުމެއް ނޫން،" އެ މެޗުގެ ސިޔާސީ ފަޅިއަށް ނުގޮސް، މެޗުގެ ކޮމެންޓޭޓަރަކަށް އިން ބާހާލްޓާ ބުންޏެވެ.

އިރާން ކޯޗު ކާލޯސް ގުއެރޯޒްގެ ނަޒަރުގައި ސިޔާސީ އާއި ހާރުޖީ ކަންކަމުގެ މެޗަކަށް އަސަރެއް ނުކުރާނެއެވެ. އެކަމުގައި ޖެހެންވެސް ބޭނުމެއް ނުވެއެވެ.

ކޮންމެއަކަސް ތާރީހުން އެތައްކަމެއް ދައްކުވައިދިން އެންމެ މެޗެއް މީގެ ކުރިން ވޯލްޑް ކަޕްގައި ކުޅުނު ދެގައުމުގެ ކުރިމަތިލުމަށް އިންތިޒާރު ކުރަމާ ހިނގާށެވެ.