އިންގްލެންޑުން މެޗުތަކަށް ނެރޭ ފުރަތަމަ 11 ގެ އިތުރުން މެޗު ތެރެއިން ކުރާ ބަދަލުތަކަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ކޯޗު ގެރެތު ގޭޓް އެކަމަށް ރައްދު ދީފިއެވެ.

އިންގްލެންޑުން މިހާތަނަށް ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ދެމެޗު ކުޅެފައިވާ އިރު، ފުރަތަމަ މެޗުގައި އިރާންގެ މައްޗަށް ކުރި ހޯދީ ބޮޑު ތަފާތަކުންނެވެ. 6-2 ގެ ނަތީޖާއަކުން އެމެޗު އިންގްލެންޑުން ކާމިޔާބުކުރި ނަމަވެސް އެމެރިކާ ކައިރީ އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާއެކު އިނގިރޭސި މީޑިއާގެ އިތުރުން ކުރީގެ ކުޅުންތެރިންވެސް ސައުތުގޭޓަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައިވެއެވެ. އެންމެ ބޮޑަށް ފާޑު ކިޔާފައި ވަނީ ފިލް ފޮޑެން ފަދަ ހުނަރުވެރި ކުޅުންތެރިން މެޗުތަކުގައި އެކަށީގެންވާ ގޮތަކަށް ބޭނުން ނުކުރާތީއެވެ. އިރާނާ ދެކޮޅަށް ފަހު ހާފުގައި ކުޅެން ފޮޑެން ނެރުނު ނަމަވެސް، އެމެރިކާއާ ދެކޮޅަށް އޭނާ ނެރެފައެއްވެސް ނުވެއެވެ.

އެކަމަށް ޖަވާބު ދެމުން ސައުތުގޭޓް ބުނީ މިއީ ވޯލްޑް ކަޕް ކަމަށާއި ސްކޮޑު ރޮޓޭޝަންގައި ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ ނުވާނެ ކަމެއް ކަމަށެވެ.

"ސްކޮޑު ނަގައި، ފުރަތަމަ 11 ނެގުމަކީ ޗެލެންޖެއް. އެއީ އަހަރެމެންގެ އެބަތިބި 26 ކުޅުންތެރިން. އެކަމަކު މިއީ ދުނިޔޭގެ އެންމެ ބޮޑު މުބާރާތް. މި މުބާރާތުގެ މައިގަނޑު މަގުސަދަކަށްވާނީ ކުޅުންތެރިންނަށް ފުރުސަތު ދިނުމެއް ނޫން. ބޭނުންވަނީ އެންމެ ދުރަކަށް ދިޔުން. ކުޅުންތެރިންގެ ހިތްހަމަނުޖެހުން ކުޑަކޮށް ހުންނާނެ ނަމަވެސް އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ ގުޅި، މުޅި ޓީމަށް ހިތްވަރު ދޭނެ،" ސައުތުގޭޓް ބުންޏެވެ.

އިރާނާއި އެމެރިކާއާ ދެކޮޅަށްވެސް ފުރަތަމަ 11 އަށް ސައުތުގޭޓް ނެރުނީ އެއް ޓީމެކެވެ. ސްކޮޑުގައި ބޭނުން ނުކުރާ 15 ކުޅުންތެރިން އަދިވެސް ތިބި އިރު، ސައުތުގޭޓް ބުނީ ކޮލިފިކޭޝަން ޔަގީން ނުވާހާ ހިނދަކު ވޯލްޑް ކަޕްގައި ކުޅުންތެރިންނަށް އެކަހަލަ ފުރުސަތު ދޭން އަދި ނުވިސްނާ ކަމަށެވެ.

"އެހެން މެޗުތަކުގައި އަހަރު ތެރޭގައި ކުޅުންތެރިންނަށް ފުރުސަތު ދީ، ވަގުތު ދެން. އެކަމަކު މިއީ ވޯލްޑް ކަޕް. އެގޮތަށް ފުރުސަތު ދޭން ވިސްނުމަކީވެސް ގޯހެއް. ކޮލިފިކޭޝަން ޔަގީން ނުވާހާ ހިނދަކު އެއީ އުނދަގޫވާނެވެސް ކަމެއް. އަހަރެންގެ ނަސީބަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިންތަކަކާ އެކުގައި މަސައްކަތް ކުރަންޖެހުން. ހުދު އަހަރެންވެސް މުބާރާތްތަކުގައި ބެންޗުގައި އިނދެގެން އެ ތަޖުރިބާކުރިން،" ސައުތުގޭޓް ބުންޏެވެ.

ވޭލްސްއާ ދެކޮޅަށް މިރޭ ނުކުންނަ އިރު، އިންގްލެންޑް އޮތީ ގްރޫޕްގެ އެއްވަނައިގައި ނަމަވެސް ޔަގީންކަމާއެކު ކޮލިފިކޭޝަން ހޯދަން ޕޮއިންޓެއް މުހިއްމެވެ. ކެޓުމުގެ ފުރުސަތު ހަނިކޮށް އެބައޮތެވެ. ސައުތުގޭޓް ބުނީ ވޭލްސްއާ ދެކޮޅަށް ނެރޭ ފުރަތަމަ 11އަށް ސަމާލުކަން ދޭން ޖެހެނީ މިހާރުވެސް ތަފާތު ދައްކާ ކުޅުންތެރިންގެ އިތުރުން ފްރެޝް ކުޅުންތެރިންނަށް ކަމަށެވެ.

އެހެންކަމުން މިރޭގެ މެޗަށް ސައުތުގޭޓް ބަދަލުތަކެއް ގެންނާނެ ކަމަށް ވަނީ ބެލެވިފައެވެ. އެގޮތުން މެދުތެރެއިން ފުރަތަމަ 11 ގައި ފޮޑެން އާއި ޖޯޑަން ހެންޑަސަން ހިމަނާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. ސައުތުގޭޓަކީ މިފަހަކަށް އައިސް ފެނުނު އިންގްލެންޑްގެ އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީއަށް އިންގްލެންޑާއެކު ގޮސް، އެންމެ ފަހުގެ ޔޫރޯ ފައިނަލަށްވެސް އެޓީމު ގެންގޮސްދީފައެވެ. އިންގްލެންޑުން މަސައްކަތް ކުރަމުން އަންނަނީ 1966 ވަނަ އަހަރަށްފަހު ފުރަތަމަ ބޮޑު ތަށްޓަށެވެ. އަދި އޭގެ ފަހުން ފުރަތަމަ ވޯލްޑް ކަޕެއް ހޯދުމަށެވެ.

އިންގްލެންޑާއި ވޭލްސް މިރޭ ގްރޫޕް ބީގައި ކުޅޭ މެޗު އޮންނާނީ މެންދަމު 12:00 ގައެވެ. އެގަޑީގައި އެ ގްރޫޕުގެ އަނެއް މެޗުގައި އެމެރިކާއާއި އިރާން ވާދަކުރާނެއެވެ. އެ މެޗުގައި ކުޅޭ ދެޓީމަށްވެސް ގަދަ 16ގެ ފުރުސަތު އެބައޮތެވެ.