ނެދަލޭންޑްސްއަކީ ތަށި ނެގުމުގެ ފުރުސަަތު އޮތް ޓީމެއް ކަމަށް ބުނި ނަމަވެސް، ނެދަލޭންޑްސްއިން ތަށި ނަގާނެއެކޭ ނުބުނާ ކަމަށް ކޯޗު ލުއިސް ވެން ހާލް ބުނެފިއެވެ.

ނެދަލޭންޑްސްއިން މިހާތަނަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ. ނެދަލޭންޑްސްއިން ފުރަތަމަ މެޗުގައި ސެނެގާލް ބަލިކޮށްފައިވާ އިރު، އަނެއް މެޗުގައި އެކުއެޑޯ ކައިރިން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުރިން ވެން ހާލް ބުނީ ނެދަލޭންޑްސްއަށް މުބާރާތް ނެގޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެން ބުނެފައިވުމާއެކު އެކުއެޑޯ ކައިރިން އެއްވަރުވުމާއެކު ގިނަ ބަޔަކު ވަނީ ނެދަލޭންޑްސްގެ ކުޅުމަށް ފާޑު ކިޔައިފައެވެ. ހާއްސަކޮށް ތަށްޓަށް ނުކުތް ޓީމެއްގެ ފެންވަރުގައި ނެދަލޭންޑްސްގެ ކުޅުން ނުފެންނަ ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އެ ވާހަކަތަކަށް ވެން ހާލް ވަނީ ރައްދުދީފައެވެ.

"ފާޑުކިޔުންތައް ބަލައިގަންނަން. އެކަމަކު އަހަރެމެންގެ ރެކޯޑަށް ބަލައި އިހުތިރާމް ދޭން ޖެހޭ. ނެދަލޭންޑްސް މިހާރު ބަލިނުވެ 17 މެޗު ކުޅެފި. ފައިދާ ގޯލަށް ބެލިޔަސް އަހަރެންގެ ފުޓުބޯޅަ އައިޑިއާ އެނގޭނެ،" ވެން ހާލް ބުންޏެވެ.

ވެން ހާލް ބުނީ ޓާގެޓެއް ކަނޑައަޅާ އިރު، މުބާރާތެއްގެ ކުއާޓާ ފައިނަލަށް ދާން ކަނޑައަޅައިގެން ނެދަލޭންޑްސްއިން ނުނިކުންނާނެ ކަމަށާއި، ހާއްސަކޮށް އެ ހީސަބަށް ދިޔުމުގެ ވިސްނުމެއްގައި ވޯލްޑް ކަޕަށް ނެދަލޭންޑްސް ނުދާނެ ކަމަށެވެ. އެ ވިސްނުމުގައި ތަށްޓަށް ވާދަނުކުރެވޭނެ ކަމަށްވެސް ވެން ހާލް ބުންޏެވެ.

"އަހަރެމެންނަށް ތަށި ލިބޭނެއެކޭ އަހަރެން ނުބުނަން. އަހަރެން ބުނީ ނެދަލޭންޑްސްއަށް ފުރުސަތު އޮތް ވާހަކަ. އެކަން އިހުސާސްކުރޭވޭނެ ކުޅުންތެރިންނަށްވެސް. ދެން ދުނިޔޭގެ ޗެމްޕިއަނުންނަށް ވެވޭނީ ހުރިހާ ޓީމެއް ބަލިކުރުމުގެ ފެންވަރު ހުރި ޓީމަކަށް." ވެން ހާލް ބުންޏެވެ.

ނެދަލޭންޑްސް މިވަގުތު ގްރޫޕްގެ އެއްވަނައިގައި އޮތީ އެކުއޭޑޯއާ ހުރިހާ ގޮތަކުންވެސް އެއްވަރު ވެގެންނެވެ. އެހެންކަމުން މިރޭ ގަތަރާއެކު ކުޅޭ މެޗުން މޮޅެއް އެޓީމަށް މުހިއްމެވެ. ކަޓާފައި އޮތް ހޯސްޓް ގަތަރާ ދެކޮޅަށް ނެދަލޭންޑްސް މިރޭ ކުޅޭނީ 8:00 ގައެވެ. އެވަގުތު އެގްރޫޕްގައި ސެނެގާލާއި އެކުއެޑޯވެސް ވާދަކުރާނެއެވެ.