ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ގާނާއިން ދެކުނު ކޮރެއާ ބަލިކޮށްފިއެވެ.
އެޑިއުކޭޝަނަލް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ގާނާއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި އެތައް ހަމަލާއެއް ފެނިގެން ގޮސްފައިވާ އިރު، މެޗު ވެގެންދިޔައީ ޝައުގުވެރިކުރުވަނިވި މެޗަކަށެވެ. މިރޭގެ ނަތީޖާއާއެކު ދެމެޗުން ތިން ޕޮއިންޓް ހޯދައި، ފަހު މެޗަށް ގާނާއިން ވަނީ އުންމީދު އާކޮށްފައެވެ. ފަހު މެޗުގައި ގާނާ ނުކުންނާނީ އުރުގުއާއީއާ ދެކޮޅަށެވެ. ދެކުނު ކޮރެއާއަށްވެސް އަދި އުންމީދު އޮތް އިރު، އެޓީމުން ފަހު މެޗުގައި ޖެހޭނީ ޕޯޗުގަލް ކައިރިން މޮޅުވާށެވެ.
ގްރޫޕް އެޗްގައި މޮޅަކުން ގަދަ 16 ހޯދެން އޮތީ މިހާރު ޕޯޗުގަލްއަށެވެ. އެޓީމުން މިރޭ އުރުގުއާއީއާ ދެކޮޅަށް ނުކުންނާނެއެވެ.
މެޗަށް ގާނާ ނުކުތީ ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެފައި އޮވެގެންނެވެ. އެމެޗުގައި ބަލިވުމުގެ މާޔޫސްކަމުގައި ގާނާ ކޯޗު އޮޓޯ އަޑޯ ވަނީ މެޗަށްފަހު ރެފްރީއަށްވެސް ފާޑު ކިޔާފައެވެ. އެންމެ ބޮޑަށް ފާހަގަކުރެވުނީ އަޑޯ، ޕޯޗުގަލަށް ދިން ޕެނަލްޓީއަށް ކީ ފާޑެވެ. އޭނާ ބުނީ އެ ޕެނަލްޓީއަކީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެގެން ދިން ފައުލެއްގައި ޖެހި ޕެނަލްޓީއެއް ކަމަށެވެ. އެ ނަތީޖާއާއެކު ގާނާ ނުކުތީ ބަލިވެއްޖެނަމަ ކަޓާނެކަން ވިސްނައިގެންނެވެ.
އަނެއްކޮޅުން ނުކުންނަ ދެކުނު ކޮރެއާ، ފުރަތަމަ މެޗުގައި އުރުގުއާއީއާ އެއްވަރުކުރީ 0-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއައެކު މިއަދު މެޗުން މޮޅެއް ހޯދައި، ފަހު މެޗަށްދާއިރު ހިތްވަރެއް އޮތުން އެއީ ދެކުނު ކޮރެއާއިން ބޭނުންވި ގޮތެވެ.
މެޗުގެ ފުރަތަމަ 25 ވަރަކަށް މިނެޓުގައި ބޯޅަ ހިފަހައްޓައިގެން ކުޅުނީ ކޮރެއާއިންނެވެ. އެޓީމުން ޕާސްތައް ގިނަކޮށް ބޯޅަ ހިފަހައްޓަމުން ދިޔައީ ގޯލެއްގެ އިންތިޒާރުގައި ނަމަވެސް، އެޓީމުގެ ފަރާތުން ހަމަލާއެއް ނުފެނުނެވެ. އެއީ ގާނާއަށް މެޗަށް ވަންނަން ލިބުނު ހިތްވަރުވެސް މެއެވެ.
ކޮރެއާ އަތުގައި ބޯޅަ ގެންގުޅެމުން ދަނިކޮށް، 24 ވަނަ މިނެޓުގައި ގާނާއިން ލީޑު ނެގިއެވެ. ޖޯޑަން އަޔޫ ނަގައިދިން ހިލޭ ޖެހުމަކުން ކޮރެއާ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ގާނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލީސޫއެވެ. ސަލީސޫ ވެފައި ވަނީ ވޯލްޑް ކަޕެއްގައި ގާނާއަށް ގޯލު ޖަހައިދިން ފުރަތަމަ ޑިފެންޑަރަށެވެ.
ގާނާގެ ތާރީހުގައި އެންމެ ކާމިޔާބު ވޯލްޑް ކަޕް 2010 ގެ ކާމިޔާބީ ތަކުރާރުކުރަން ނުކުތް އޮޓޯ އަޑޯގެ ޓީމުން ހިތްވަރު ހޯދިއެވެ. 2010 ވަނަ އަހަރު ގާނާއިން ކުއާޓާ ފައިނަލްގައި ކުޅެފައިވާ އިރު، މިފަހަރު ގަދަ 16 އަށް ދިރުން ހޯދަން އެޓީމުން ކުރަމުން ދިޔަ މަސައްކަތުގައި ހާފު ނިމުމުގެ ކުރިން އިތުރު ގޯލެއްވެސް ޖެހިއެވެ.
މެޗުގެ 34 ވަނަ މިނެޓުގައި ގާނާގެ ދެވަނަ ގޯލާއެކު ޓީމު ހަމައަކަށް އަޅުވާލީ މުހައްމަދު ކުޑޫސްއެވެ. އެ ގޯލަށްވެސް ފުރުސަތު ތަނަވަސްކޮށްދިނީ ގާނާ ކެޕްޓަން އަންދްރޭ އަޔޫގެ ކޮއްކޮ، ޖޯޑަން އަޔޫއެވެ. އޭނާ ނަގައިދިން ހުރަސް ކޫޑުސް ގޯލަށް ވައްދާލީ ބޮލުންނެވެ.
ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގަދަ 16 ގައި ކުޅުނު ކޮރެއާއަށް ދެވަނަ ހާފަށް އޮތް ޗެލެންޖް ބޮޑު ނަމަވެސް، އެޓީމުން ހިތްވަރު ދޫނުކުރާކަން އެނގުނީ ހާފުގެ ކުރީކޮޅުގައި އުފައްދަން މަސައްކަތް ކުރި ހަމަލާތަކުންނެވެ. މެޗުގެ 53 ވަނަ މިނެޓުގައި ދެކުނު ކޮރެއާއިން އެޓީމުގެ ފުރަތަމަ ހަމަލާ ގޯލަށް އަމާޒުކޮށްލި އިރު، އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައިގައި ޗޯ ބޮލުން ޖެހި ބޯޅަ ގޯލުގެ ކައިރި ކަނަށް ވަންނަން ދަނިކޮށް ގާނާ ކީޕަރު ޒިގީ ރީޓާ ވަނީ ދިފާއުކޮށްފައެވެ.
އެ ޕްރެޝަރުގައި ގާނާ ޑިފެންސް މާޔޫސްކޮށްލައި، 58 ވަނަ މިނެޓުގައި އެޓީމުން ގޯލު ޖެހިއެވެ. ލީ ކަންގް އިން ނަގައިދިން ހިތްގައިމު ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކޮރެއާއަށް އެގޯލު ކާމިޔާބުކޮށްދިނީ ޗޯ ގޫ ސަންގެވެ.
އެ ގޯލުގެ ޖޯޝުގައި ކޮރެއާއިން ނަތީޖާ ހަމަހަމަވެސް ކުރިއެވެ. ކޮރެއާގެ ފުރަތަމަ ގޯލަށް ދެމިނެޓުވެސް ނުވަނީސް، ކިމް ޖިން ސޫ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ކޮރެއާއަށް ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ޗޯ ގޫ ސަންގެވެ. އެޑިއުކޭޝަނަލް ސިޓީ ސްޓޭޑިއަމް ގުގުމާލިއެވެ. އެތައް ހާސް ކޮރެއާ ރައްޔިތުންނެއް ކެކިގަތެވެ.
މެޗު ހަމަހަމަވެ، ދެޓީމަށްވެސް ފަހު ގޯލަކަށް މަސައްކަތް ކުރަން ޖެހުނެވެ. އެ މަސައްކަތުގައި ކޮރެއާގެ ހަމަލާތައް އަނެއްކާވެސް ފެނުނީ ގިނަ ކޮށެވެ. އެގޮތުން 75 ވަނަ މިނެޓުގައި ލީ ކަންގް އިން ފޮނުވާލި ހިލޭ ޖެހުން، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް ގާނާގެ ކީޕަރު ޒިގީ މަތަކުރިއެވެ. އަދި ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ކިމް ޖިން ސޫ ފޮނުވާލި ހަމަލާ، ގޯލު ލައިން މަތިން ގާނާ ޑިފެންޑަރު ސަލީސޫ ދިފާއުކުރިއެވެ.
އޭގެ ފަހުންވެސް ސޮންގެ ދެ ހަމަލާއެއްވެސް ބްލޮކްވި އިރު، އަނެއްކާވެސް ގޯލު ޖެހީ ގާނާއެވެ. 68 ވަނަ މިނެޓުގައި އެ ގޯލު ޖެހީ ކުޑޫސްއެވެ. އުމުރުން 22 އަހަރުގެ ކުޑޫސްގެ އެ ގޯލަކީ ގިޑިއޮން މެންސާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ޖެހި ގޯލެކެވެ. މެންސާގެ ހުރަސް ފޮނުވާލުމަށް ގާނާގެ އިނާކީ ވިލިއަމް ވެސް މަސައްކަތްކުރިއެވެ. އެހެން ނަމަވެސް އޭނާގެ ފައިގައި ބޯޅަ ލައްވައެއް ނުލިއެވެ.
ގާނާގެ އެގޯލަށްފަހު އެޓީމުން ފަހަތަށް ޖެހި ޑިފެންސް ކުރަމުން ދިޔަ އިރު، ކޮރެއާ ދިޔައީ ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުންނެވެ. ސަޕޯޓަރުންގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. އެތައް ހަމަލާއަކުންވެސް ކޮރެއާއަށް މޮޅެއް ނުހޯދި ފައިބައިގެން ދާން ޖެހިދާނެކަމުގެ ބިރެވެ.
ފަހުކޮޅަށް ގޮސް ކޮރެއާ އާދަޔާހިލާފު ރޫހެއްގައި އެޓޭކް ކުރިއެވެ. 84 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ކިމް ޖިން ސޫ ފޮނުވާލި ހަމަލާ ދިޔައީ ގާނާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި އޭގެ ފަހުން އިތުރު ވަގުތުގައި ލީ ކަންގް އިން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޗޯ ގޫ ސަންގް ފޮނުވާލި ހަމަލާ، ގާނާގެ ކީޕަރު ޒިގީ ވަނީ މަތަކޮށްފައެވެ. މެޗު ނިމިގެން ދިޔައީ ކޮރެއާއަށް ހިތްދަތި ކޮށެވެ. އުންމީދީ ނަތީޖާއަކަށް ކުރި މަސައްކަތް ނާކާމިޔާވެ، ގާނާއަށް ހިތްވަރު ލިބިގެންނެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022