ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގެ ތިންވަނަ މެޗުގައި ދެކުނު ކޮރެއާ އާއި ގާނާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މެޗަށް ނުކުންނަ އިރު ގާނާ ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން ބަލިވީ 3-2 ގެ ނަތީޖާއަކުން. އެ މެޗުގައި ބަލިވުމުގެ މާޔޫސްކަމުގައި ގާނާ ކޯޗު އޮޓޯ އަޑޯ ވަނީ މެޗަށްފަހު ރެފްރީއަށްވެސް ފާޑު ކިޔާފައި. އެންމެ ބޮޑަށް ފާހަގަކުރެވުނީ އަޑޯ، ޕޯޗުގަލަށް ދިން ޕެނަލްޓީއަށް ކީ ފާޑު. އޭނާ ބުނީ އެ ޕެނަލްޓީއަކީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެގެން ދިން ފައުލެއް ކަމަށް. އަނެއްކޮޅުން ނުކުންނަ ދެކުނު ކޮރެއާ، ފުރަތަމަ މެޗުގައި އުރުގުއާއީއާ އެއްވަރުކުރީ 0-0 ގެ ނަތީޖާއަކުން.

  • ޖަރުމަނުގައި ހެމްބާގުގެ ޒުވާން ޓީމުގައި ދެކުނު ކޮރެއާގެ ހިއުން-މިން ސޮންއަށް ގާނާ ކޯޗު އަޑޯ ކޯޗުކަންކޮށްދިން
  • ޖަރުމަނަށް އުފަން ގާނާގެ ކޯޗު އަޑޯއަކީ ކުރިން ޖަރުމަނުގެ ޒުވާން ޓީމުތަކަށް ކޯޗުކޮށްދިން ކޯޗެއް
  • ސޮން ޔޫރަޕަށް ތައާރަފުކޮށްދިން ކޯޗަކީ އަޑޯ
  • އަޑޯ ހެމްބާގަށް ކޯޗުކޮށްދިން އިރު، ސޮން އެ ކްލަބު ޒުވާން ޓީމުގައި 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ހޭދަކޮށްފައިވޭ
  • މެޗުގެ ކުރިން ސޮންއަށް އަޑޯ ތައުރީފްކުރި، އޭނާ ބުނީ ސޮންއަކީ އެންމެ ކުރިން ފެށިގެންވެސް ވަރަށް ވަރަށް ޑިސިޕްލިން ކުޅުންތެރިއެއް ކަމަށް، އެއީ ކާމިޔާބީގެ ސިއްރު ކަމަށް
  • އަޑޯ ބުނީ ސޮންއަށް އަބަދުވެސް ހެޔޮ އެދި، ކާމިޔާބީއަށް އެދޭ ނަމަވެސް މެޗުގައި އެދެނީ ނާކާމިޔާބީއަށް ކަމަށް