ޓެރަރިޒަމްގެ ނުރައްކާތައް ކުޑަކޮށް ސަލާމަތީ ކަންކަން އިތުރުކުރުމަށް އެހީތެރިކަން ދިނުމަށް ހިންގާ މަޝްރޫއެއް މިއަދު އިފުތިތާހުކޮށްފިއެވެ.
މިއީ ޔޫރަޕިއަން ޔުނިއަންގެ މާލީ އެހީގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ރާއްޖޭގެ ސަރުކާރު ގުޅިގެން ހިންގާ މަޝްރޫއެކެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ފަހުގެ ތާރީހުގައި ރާއްޖޭގައި ހިނގާފައިވާ ހާދިސާތަކަށް ބެލުމުން ޓެރަރިޒަމްގެ ބިރުވެރިކަން މުޅި މުޖުތަމައަށް އެބައޮތްކަން ހާމަވާ ކަމަށާއި ނަމަވެސް މިކަމުގައި ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި ދާއިރާއިން މަސައްކަތް ކުރާނެ މީހުން މަދުވުމާއި ބޭނުންވާ ވަސީލަތްތައް މަދުވުން ކަމަށެވެ.
ޓެރަރިޒަމް ހުއްޓުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އީޔޫ އާއި ޔޫއެންއޯޑިސީގެ މާލީ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
"ރާއްޖެއިން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ބޭރުގެ އެހީ ވަރަށް ބޮޑު. މިކަމުގައި އެންމެ ބޮޑަށް ދިމާވަނީ މާލީ ދަތިކަން. ނަމަވެސް މި ކުރާ މަސައްކަތުގައި ބޭރުގެ މާލީ ބޮޑު އެހީއެއް ދަނީ ލިބެމުން،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ދުނިޔޭގެ ގައުމުތަކުގެ އަބާދީގެ ނިސްބަތަށް ބަލާއިރު އިސްލާމިކް ސްޓޭޓް(އައިިސިސް)ގެ ހަނގުރާމަތަކަށް އެންމެ ގިނައިން މީހުންދާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިފައިވާ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި ނަމަވެސް ގާނޫނަށް ގެނައި އިސްލާހުތަކާއި ބައިނަލްއަގުވާމީ އެހީގައި ރާއްޖެއިން ފަށާފައިވާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އީޔޫއިން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ލާސް ބްރެޑަލް ވަނީ ރާއްޖޭގެ ސިޔާދަތު ދެމެހެއްޓުމުގެ މަގުސަދުގައި 2020 ވަނަ އަހަރުވެސް މިފަދަ މަޝްރޫއުތައް ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރައްވައިފައެވެ.
ލާސް ވިދާޅުވީ މިއަދު އިފުތިތާހުކުރި މަޝްރޫއަކީ ދެ މިލިއަން ޔޫރޯގެ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް 18 މަސް ދުވަހަށް ދެމިގެންދާނެ ކަމަށެވެ. އަދި މި ޕްރޮގްރާމުގެ އެންމެ މުހިންމު ބޭނުމަކީ ރާއްޖޭގައި ޓެރަރިޒަމާއި ހައްދުފަހަނަ އަޅައި ދިއުން އޮތް މިންވަރު ދެނެގަތުމާއި މިކަމަށް ހުރި ނުރައްކާތައް ދެނެގަތުން ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ މޭ މަހުން ފެށިގެން 2024 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު