ޚަބަރު

މައްސަލަ ބޮޑުވި 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުވެސް މަޖިލީހުން ފާސްކޮށްދީފި

އިބްރާހިމް ޒަކީ

މި ހިނގާ 2022 އަހަރުގެ ބަޖެޓުގެ ބޭރުން ސަރުކާރުން ހަރަދު ކުރިކަމަށް ބުނާ 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްދީފިއެވެ.

އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގައި، ހިމަނައިގެން 5.8 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަން ސަރުކާރުން ހުށަހެޅީ މިހިނގާ 2022 ވަނަ އަހަރަށް މަޖިލީހުން ފާސްކޮށްދިން ބަޖެޓުގެ އިތުރަށް މިއަހަރަށް ހަރަދު ކުރުމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ހިމެނޭގޮތަށް ބައެއް މެމްބަރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

އެންމެ ބޮޑަށް ފާޑު ކިއުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މަޖިލީހަށް ބަޖެޓް ހުށަހެޅުމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓާ ބެހޭގޮތުން އިންކުއަރީއެއް ހަދަން އެންގުމުގެ އިހުތިޔާރު މަޖިލިސް ރައީސަށް ލިބިގެންވާ ކަމަށެވެ.

ނަމަވެސް ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން އިންކުއަރީއެއް ހެދުމަށް އެދިވަޑައިގެން، އިދިކޮޅު ޕީއެންސީގެ މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު އެމަނިކުފާނަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެކަމާބެހޭގޮތުން ގޮތެއް ނިންމުމުގައި ބުއްދިވެރި ގޮތަކީ ކަމާބެހޭ ކޮމެޓީގައި އެކަމާމެދު މަޝްވަރާކުރުމަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުއްވާން ނިންމެވީ ކަމަށްވެސް ވިދާޅުވިއެވެ.

ބައެއް މެމްބަރުން ވިދާޅުވީ، މިއަހަރަށް މަޖިލީހުން ފާސްކޮށްދިން ބަޖެޓަށްވުރެ އިތުރަށް ސަރުކާރުން ހަރަދު ކުރަން ޖެހޭނީ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކޮށްގެން ކަމަށެވެ. ނަމަވެސް ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާފައި މިވަނީ، އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ހިމަނައިގެން ކަމަށްވާތީ އެއީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ފާޑު ވިދާޅުވި މެމްބަރުންނަށް ރައްދު ދެއްވައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގައި ސަޕްލިމެންޓްރީ ބަޖެޓެއްގެ ގޮތުގައި މިއަހަރަށް 5.8 ބިލިޔަން ރުފިޔާ ޖަހާފައި އޮތަސް، އެ ފައިސާ އަދި ހަރަދު ނުކުރާ ކަމަށެވެ.

ބަޖެޓް ކޮމިޓީން 2023 ވަނަ އަހަރުގެ ބަޖެޓް ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވީ ވެސް ސަޕްލިމެންޓްރީ ބަޖެޓު ވެސް ހިމަނައިގެންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއިން ސަޕްލީމެންޓްރީ ބަޖެޓުވެސް ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 78 މެންބަރުންގެ ތެރެއިން 61 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.