ފިހާރަތަކުން ގަންނަ މުދާ ލާފައި ދޭ ސިންގަލް ޔޫސް ޕްލާސްޓިކް ކޮންމެ ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަންޖެހޭ ގޮތަށް ކުނި މެނޭޖު ކުރުމާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ހުށަހެޅުއްވި، މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 54 މެމްބަރުންގެ އިއްތިފާގުންނެވެ.
މި ބިލުގައި ބުނަނީ ރާއްޖޭގައި ހިންގާ ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓު އޮފް ސޭލުގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން، މި ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލެވީ ނެގުން، މި ގާނޫންނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަސް ހަމަވާ ދުވަހުން ފެށިގެން ލާޒިމްވާނެ ކަމަށެވެ.
ބިލުގެ 33 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނުވަތަ އެހެން ފައިސާއަކުން ނަމަ، ދެ ރުފިޔާއާ އެއްވަރުގެ އަދަދަކަށް ފައިސާ ނަގަންވާނެ ކަމަށެވެ.
މި ގާނޫނުގެ ދަށުން ކޮތަޅުން ނަގާ ލެވީ، ތިރީގައި ނެގުން އިސްތިސްނާވާ ހާލަތްތަކެއްވެސް ބަޔާންކޮށްފައިވެއެވެ. އެއީ
- ޑިއުޓީ ފްރީ ފިހާރަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
- ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
- ބަންދުނުކޮށް ހުންނަ ހަނޑޫ، ހަކަރު އަދި ފުށް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
- ފަންސާސް ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި
- ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެންމެ އިދާރާއަކުން ކުނި އެޅުމަށް ޚާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ"
ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ މީރާއަށް ދެއްކުމަށް، ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް މި ބިލުން ލާޒިމުކުރެއެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުން ލެވީ ނެގުމުގައި އަމަލުކުރާނެ އުސޫލުތަކާއި ގަވާއިދު، މީރާއިން ހަދަން ޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ކުނި އުފެއްދުން މަދު ކުރުމާއި ކުންޏަކީ އަގެއްހުރި އެއްޗަކަށް ބަދަލު ކުރުމަށް ހިންގާ ހަރަކާތްތައް ކުރިއެރުމަށް ހާއްސަ އިނާއަތްތަކެއް ވެސް މި ބިލުގައި ވަނީ ހިމަނައިފައެވެ.
އެކި ކަންކަމުގައި ގާނޫނާ ހިލާފުވާ ފަރާތްތައް ފަސް މިލިޔަނާ ހަމައަށް ޖޫރިމަނާ ކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު