ޚަބަރު

ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އަލީ ފާއިޒު އައްޔަންކުރަން މަޖިލީހުން ރުުހުންދީފި

އިބްރާހިމް ޒަކީ

ރާއްޖޭން ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމުގެ މަގާމަށް މއ. މަނާގެ/ އަލީ ފާއިޒު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ރުހުންދީފިއެވެ.

އަލީ ފާއިޒަށް ރުހުން ދޭން މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން 62 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އަލީ ފާއިޒަކީ ފުލުހުންގެ ހިދުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުގެ ރައީސެވެ. ފާއިޒު ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގެ އިތުރުން މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވައިފައެވެ.

މީގެ ކުރިން ރާއްޖޭގެ ފަރާތުން ލަންކާގައި ސަފީރެއްގެ ގޮތުގައި ހުންނެވީ، އުމަރު އަބްދުއްރައްޒާގެވެ. މިހާރު އޭނާއަކީ ރާއްޖޭން ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އަދި ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ވެސް އޭނާއެވެ.