ޕޯޗުގަލް މިޑްފީލްޑަރު ޑެނީލޯ ޕެރޭރާގެ މޭކަށިގަނޑު ބިންދައިގެން ދާންވީ ސަބަބެއް ނޭނގޭ ކަމަށް ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.

ޕޯޗުގަލުން ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި ގާނާ ބަލިކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އެގައުމަށް މިރޭގެ މެޗުން މޮޅުވެ، ގަދަ 16 ޔަގީން ކުރެވެން އެބައޮތެވެ. މިރޭ ޕޯޗުގަލުން ނުކުންނާނީ މީގެ ކުރިން ދެފަހަރު ވޯލްޑް ކަޕް ހޯދާފައިވާ އުރުގުއާއީއާ ދެކޮޅަށެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ފާހަގަކުރި އެންމެ ތަފާތު ކަމަކީ ޕީއެސްޖީއަށް ކުޅެމުން އަންނަ އުމުރުން 31 އަހަރުގެ ޑެނީލޯ ޕެރޭރާގެ އަނިޔާގެ ވާހަކައެވެ. އެ ވާހަކަ ދައްކަމުން ސަންޓޯސް ބުނީ ޕެރޭރާގެ މޭކަށިގަނޑުގައި ރެނދު އެޅި ގޮތެއް ނުވެސް އެނގޭ ކަމަށެވެ.

"އެއީ އެއްވެސް މީހަކަށް ވާނުވާ ބުނެދޭން ނޭނގޭ ކަހަލަ އަނިޔާއެއް. އެކަން ވީގޮތެއް މެޑިކަލް ޓީމަކަށްވެސް އަދި އަހަންނަކަށްވެސް ނޭނގެ. އެކަހަލަ އަނިޔާތައް ތަމްރީނުތަކުގައިވެސް ވުމަކީ އާންމުކަމެއް. އެކަމަކު މިފަހަރު އެ އަނިޔާވީ ކޮން އިރަކުކަމެއްވެސް ނޭނގެ. ފުރަތަމަ ހީކުރީ އެއީ ސީރިއަސް ކަމެއްވެސް ނޫން ކަމަށް،" ސަންޓޯ ބުންޏެވެ.

ސަންޓޯސް ބުނީ ޑެނީލޯ ޕެރޭރާގެ މޭކަށިގަނޑުގައި ރެނދުލާފައިވާކަން އެނގުނީ ނޭވާލާން އުނދަގޫވެ ހެދި ޓެސްޓްތަކަކުން ކަމަށެވެ. ޓީމުގެ ޑޮކްޓަރުންވެސް ސީރިއަސްވީ އެހިސާބުން ކަމަށް ސަންޓޯސް ބުނެވެ. ސަންޓޯ އިތުރަށް ބުނީ އެކަމުގައި ޓީމު މަޑުޖެހިފައި އޮންނަން ބޭނުން ނުވާކަމަށާއި، ޑެނީލޯ ޕެރޭރާ ގެއްލުން އެއީ ބޮޑު މާޔޫސްކަމެއް ނަމަވެސް ކުރިއަށްދާނެ ކަމަށެވެ.

ޕޯޗުގަލާއި އުރުގުއާއީ ވާދަކުރާ މެޗު އޮންނާނީ މިރޭ މެންދަމު 12:00 ގައެވެ.