ޖަރުމަނުގައި ހެމްބާގުގެ ޒުވާން ޓީމުގައި ދެކުނު ކޮރެއާގެ ހިއުން-މިން ސޮންއަށް ކޯޗުކަން ކޮށްދިން އިރުން ފެށިގެން އޭނާއަށް ހާއްސަ ލޯތްބެއް ދޭ ނަމަވެސް ގާނާއާ ދެކޮޅަށް ނުކުންނަ އިރު، ކާމިޔާބަށް ނޭދޭނެ ކަމަށް ގާނާގެ ކޯޗު އޮޓޯ އަޑޯ ބުނެފިއެވެ.

ޖަރުމަނަށް އުފަން ގާނާގެ ކޯޗު އަޑޯއަކީ ކުރިން ޖަރުމަނުގެ ޒުވާން ޓީމުތަކަށް ކޯޗުކޮށްދިން ކޯޗެވެ. ދެކުނު ކޮރެއާގެ ސޮން އެންމެ ޒުވާން ދުވަސްވަރު ޔޫރަޕަށް ފުރަތަމަ ފައްކާވީވެސް ޖަރުމަނުގެ ޔޫތު ސިސްޓަމުގެ ތެރެއިންނެވެ. ސޮން ޔޫރަޕަށް ތައާރަފުކޮށްދިން ކޯޗަކީ އަޑޯއެވެ. އަޑޯ ހެމްބާގަށް ކޯޗުކޮށްދިން އިރު، ސޮން އެ ކްލަބު ޒުވާން ޓީމުގައި 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ހޭދަކޮށްފައިވެއެވެ.

މާދަމާ ވޯލްޑް ކަޕް ގްރޫޕް އެޗްގެ މެޗުގައި ގާނާއިން ދެކުނު ކޮރެއާއާ ދެކޮޅަށް ނުކުންނަ އިރު، އަޑޯއާއި ސޮން އަލުން ބައްދަލުވާނެއެވެ. އަޑޯއަކީ އަބަދުވެސް ސޮންއަށް ލޯބިދިން ކޯޗެކެވެ.

"ސޮންއަކީ އެންމެ ކުރިން ފެށިގެންވެސް ވަރަށް ވަރަށް ޑިސިޕްލިން ކުޅުންތެރިއެއް. ސޮން މިހާރު ހުރި ފެންވަރަށް ދިޔައީ އެ ޑިސިޕްލިންނާއެކު ވަރަށް ބުރަ މަސައްކަތް ކޮށްގެން. މިއީ އެންމެ ކުރިންވެސް އަހަންނަށް ކުރެވުނު އުންމީދެއް. އަހަރެން ދެކެމުން އައިވެސް ދުވަހެއް،" އަޑޯ ޕްރި މެޗު ޕްރެސްގައި ބުންޏެވެ.

ގާނާއިން ފުރަތަމަ ކުޅުނު މެޗުގައި ޕޯޗުގަލް ކައިރިން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. އަނެއްކޮޅުން ނުކުންނަ ދެކުނު ކޮރެއާ އޮތީ ފުރަތަމަ މެޗުގައި އުރުގުއާއީއާ 0-0 އިން އެއްވަރު ކޮށްފައެވެ. ސޮންއަށް ހެޔޮއެދޭ އަޑޯ މެޗާ ގުޅިގެން ބުނީ "ސޮންއަށް އަބަދުވެސް ހެޔޮ އެދި، ކާމިޔާބީއަށް އެދޭ ނަމަވެސް މެޗުގައި އެދެނީ ނާކާމިޔާބީއަށް،" ކަމަށެވެ.

އެންމެފަހުން އުރުގުއާއީއާ ދެކޮޅަށް ކުޅުނު މެޗުގައި ސޮން މާސްކެއްގައި ކުޅެން ޖެހިފައި ވަނީ ކްލަބު ފުޓުބޯޅައިގެ ތެރެއިން މޫނުގެ ކަށިގަނޑަކަށް ލިބުނު އަނިޔާއަކުން ރައްކާތެރިވުމަށެވެ. ގާނާ މެޗުގެ ކުރިން ވާހަކަ ދައްކަމުން ދެކުނު ކޮރެއާގެ ޕޯޗުގަލް ކޯޗު، ޕައުލޯ ބެންޓޯ ބުނީ ސޮން އަދިވެސް މާސްކަށް ހޭނުމަށް ވަގުތު ނަގާނެ ކަމަށާއި، އެއީ އުނދަގޫކަމެއް ނަމަވެސް ރައްކާތެރި ކަމަށް މާސްކް ބޭނުންކުރަން ޖެހޭ ކަމަށެވެ.

ގާނާއާއި ދެކުނު ކޮރެއާގެ ކުރިމަތިލުން މިއަދު އޮންނަ އިރު، ގަދަ 16ގެ އުންމީދު ދަމަހައްޓަން ދެޓީމަށްވެސް ތިން ޕޮއިންޓް މުހިއްމެވެ. ހާއްސަކޮށް މެޗުން ބަލިވެއްޖެ ނަމަ، ގާނާ ކަޓާނެއެވެ. މެޗު އޮންނާނީ ރާއްޖެ ގަޑިން އިރުއޮއްސި 6:00 ގައެވެ.