ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމަށް އަންނަ އަހަރަށް ރާވައިފައިވާ މަސައްކަތްތަކުގެ ޕްލޭން މިއަދު ފާސްކޮށްފިއެވެ.
ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީއީއޭޕީ) ތަންފީޒު ކުރުމަށް އެކުލަވާލާފައިވާ "ހައިލެވެލް ސްޓިއަރިން ކޮމިޓީ" ގެ ފުރަތަމަ ބައްދަލުވުގައެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހައިލެވެލް ސްޓިއަރިން ކޮމިޓީއަކީ ޖެންޑާ އިކުއަލިޓީގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކޮމިޓީއެކެވެ. މިއީ ރައީސް ސޯލިހުއާއެކު އެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވެވި ފުރަތަމަ ފަހަރެވެ.
ހައިލެވެލް ސްޓިއަރިން ކޮމިޓީގެ މަގުސަދަކީ ގައުމީ ފެންވަރުގައި އަމަލުކުރާނެ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރަމުންދާ މިންވަރު މޮނިޓާކޮށް، އިތުރަށް ހަރުދަނާކުރަންވީ ކަންކަމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމެވެ.
ރައީސް އޮފީހުން ބުނީ އެ ކޮމެޓީގެ މެމްބަރުން ގައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް އިދާރާތަކުން ކުރެވޭ ކަންކަން ދެނެގަނެ، ޖެންޑާ މެއިންސްޓްރީމް ކުރުމަށް އިދާރާތަކުން ކުރާ ރަނގަޅު މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށް އެމްޖީއީއެމް ސެޓިފިކޭޝަން ދިނުމަށް ނިންމާފައިކަން ފާހަގަކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ ބައްދަލުވުމުގައި ގައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި، ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް ކުރެވޭ ކަންކަން ދެނެގަނެ، އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ހަލުވިކުރުމަށް ބޭނުންކުރާ ނިޒާމެއްކަމުގައި މޯލްޑިވިއަން ޖެންޑާ އިކުއަލިޓީ މޮޑެލް (އެމްޖެމް) ވަނީ ފާސްކޮށްފައެވެ.
އެމްޖެމްގެ ދަށުން ކޮންމެ އިދާރާއެއްގައި ޖެންޑާ ޕެރިޓީ ގާއިމުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި މޯލްޑިވިއަން ޖެންޑާ އިކުއަލިޓީ އިންޑެކްސްއެއް ތައާރުފު ކުރެވިގެންދާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނު އަސާސީ އަދި މިންތީގެ ހަމަހަމަ ކަމަށް ވަކާލާތުކުރާ ގާނޫނުތަކާއި ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އިދާރާތަކުން ތަންފީޒުކޮށް، އެ އިދާރާއެއްގައި ޖެންޑާ މެއިންސްޓްރީމް ކުރުމުގެ މަސައްކަތް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެންމެ އިސްކޮށް ބެލެހެއްޓުމަށްޓަކައި އެމްޖެމް އެޑްވޮކޭޓުންގެ ގޮތުގައި ކޮންމެ އިދާރާއެއްގައި ބަޔަކު އައްޔަން ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަންނަ އަހަރަށް ފާސްކުރި މަސައްކަތުގައި ޕްލޭންގައި 84 އަށް ވުރެ ގިނަ އިދާރާއަކާ އެކި މަސައްކަތްތައް ހަވާލުކުރެވިފައިވާކަމަށާއި މި އެކްޝަންތައް ހުށަހަޅާފައިވަނީ އެ އިދާރާތަކުގެ ބައިވެރިވުމާއެކުގައި ކަމަށް ކޮމެޓީގެ މެމްބަރުން ބުނެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.