ޚަބަރު

ޗައިނާގެ ބައްދަލުވުމެއްގައި ރާއްޖޭން ބައިވެރިވި ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

ޗައިނާއާ ގުޅިގެން އެކި ދާއިރާތަކުން މަސައްކަތްކުރުމާ ބެހޭ ގޮތުން އެކި ގައުމުތަކުން ބައިވެރިވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ރާއްޖެއިން ބައިވެރިވި ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފިއެވެ.

މިމަހުގެ 21 ވަނަ ދުވަހު ޗައިނާގެ ކުންމިންގައި ބޭއްވި މި ފޯރަމުގައި ރާއްޖެ ހިމެނޭހެން 19 ގައުމަކުން ބައިވެރިވި ކަމަށް އެ ފޯރަމާ ގުޅޭ ގޮތުން ޗައިނާއިން ނެރުނު ގުޅިފައިވާ ބަޔާނުގައިވެއެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ފޯރަމުގައި ރާއްޖެއިން ބައިވެރި ނުވާ ކަމަށެވެ. އަދި އެ ފޯރަމުގައި ރާއްޖެއިން ބައިވެރިނުވާނެކަން މިމަހުގެ 15 ވަނަ ދުވަހު ޗައިނާ އެމްބަސީއަށް އަންގާފައިވާ ކަމަށްވެސް ބުންޏެވެ.

"މި ފޯރަމުގައި ބައިވެރިވި ބޭފުޅުންނަކީ ދިވެހި ސަރުކާރު ތަމްސީލްކުރި ބައެއް ނޫނެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ހާރިޖީ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރެއް ކަމަށާއި ރާއްޖޭން ބައިވެރިވާ ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ބައިވެރިވާނެ މީހުން ކަނޑައަޅައި އެކަން ހަމަޖައްސަނީ ޑިޕްލޮމެޓިކް ޗެނަލްތަކުން ކަމަށެވެ.

އެ ފޯރަމަށް ކުރީގެ ރައީސް މުހައްމަދު ވަހީދުގެ މެސެޖެއް ފޮނުއްވި ނަމަވެސް އެ މަނިކުފާނު ތަމްސީލު ކުރެއްވީ އަމިއްލަފުޅު ހައިސިއްޔަތެވެ.

ޗައިނާ-އިންޑިއަން އޯސަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި ރާއްޖޭގެ އިތުރުން އިންޑޮނީޝިއާ، ޕާކިސްތާން، މިއަންމާ، ސްރީ ލަންކާ، ބަންގްލާދޭޝް، ނޭޕާލް، އަފްޣާނިސްތާން، އީރާން، އޯމާން، ސައުތު އެފްރިކާ، ކެންޔާ، މޮޒަމްބީކް، ޓެންޒޭނިއާ، ސޭޝެލްސް، މަޑަކަސްކާ، މޮރިޝަސް، ޖިބޫތީ އަދި އޮސްޓްރޭލިއާ ބައިވެރިވި ކަމަށް ޗައިނާއިން ބުނެއެވެ. އެ ފޯރަމުގައި ސަރަހައްދީ ބާރެއް ކަމަށްވާ އިންޑިއާއިން ބައިވެރިވެފައެއް ނުވެއެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ފޯރަމުގައި ބައިވެރިވުމަށް އިންޑިއާއަށް ދައުވަތުވެސް ނުދެއެވެ.