ގަތަރު ވޯލްޑް ކަޕް 2022 ގައި މިއަދު ކުޅުނު މެޗުގައި ކޮސްޓަ ރީކާއިން ޖަޕާން ކައިރިން ތާރީހީ މޮޅެއް ހޯދައިފިއެވެ.

އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ކޮސްޓަ ރީކާއިން ޖަޕާން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ތާރީހުގައިވެސް ކޮސްޓަ ރީކާއަށް ޖަޕާން ބަލިކުރެވުނު ފުރަތަމަ ފަހަރެވެ.

މިއަދު ޖަޕާނު ކައިރިން ކޮސްޓަ ރީކާ ހޯދި މޮޅާއެކު އެޓީމަށް ވަނީ ގަދަ 16ގެ އުންމީދު އާވެފައެވެ. ދެ މެޗުން ތިން ޕޮއިންޓް ހޯދައި، ފަހު މެޗުގައި ޖަރުމަނާ ދެކޮޅަށް ކޮސްޓަ ރީކާ ނުކުންނަ އިރު، އެ މެޗުން ޖަރުމަނު ބަލިކޮށް ގަދަ 16 ހޯދުމަށް ކޮސްޓަ ރީކާއަށް ފުރުސަތު އޮންނާނެއެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ގަދަ 16ގައި ކުޅެ، ބެލްޖިއަމް އަތުން ހަނި ގޮތަކަށް ކެޓި ޖަޕާނަށް ދެން ގަދަ 16 އަށް ދެވެން އޮންނާނީ ފަހު މެޗުގައި ސްޕެއިން ބަލިކޮށްގެންނެވެ.

އެ ގްރޫޕުގައި މިރޭ ޖަރުމަނާއި ސްޕެއިން ކުޅޭ މެޗުގެ ނަތީޖާ މިހާރު މި ދެޓީމަށްވެސް މުހިއްމެވެ.

މިއަދުގެ މެޗަށް ޖަޕާނުން ނުކުތީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖަރުމަނު ބަލިކޮށް ހިތްވަރު ހޯދައިގެންނެވެ. މެޗުން މޮޅުވެއްޖެ ނަމަ ގަދަ 16އާ ވަރަށް ކައިރިއަށް ޖެހިލެވޭނެކަންވެސް އެނގި ތިބެގެންނެވެ. މެޗަށް ނުކުތް އިރު، ޖަޕާނުން ތިން ޕޮއިންޓް ހޯދައިފި ނަމަ، ދެން އެ ގްރޫޕުގައި މިރޭ ކުޅޭ އަނެއް މެޗުގައި ސްޕެއިނުން ޖަރުމަނު ބަލިކޮށް، ނޫނީ އެ މެޗު އެއްވަރުވެއްޖެ ނަމަވެސް ޖަޕާނަށް ކޮލިފިކޭޝަން ޔަގީންވާނެ ކަން އެޓީމަށް އެނގެއެވެ. އަނެއްކޮޅުން ކޮސްޓަ ރީކާ މެޗަށް ނުކުތީ ބޮޑު ބައްޔެއް ހަނދާން ނައްތާލުމަށެވެ. އެޓީމުން ފުރަތަމަ ކުޅުނު މެޗުގައި ބަލިވީ ސްޕެއިން އަތުން 7-0 އިންނެވެ. އެޓީމަށް މިއަދުގެ މެޗުން ބަލިވެއްޖެނަމަ، މިރޭގެ މެޗުގެ ނަތީޖާއަށް ބަލައި ކެޓުމުގެ ބޮޑު ފުރުސަތެއް އޮތެވެ.

މިއަދުގެ މެޗަކީ ޖަޕާނާއި ކޮސްޓަ ރީކާ ބޮޑު މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗެވެ. މީގެ ކުރިން އެކުވެރިކަމުގެ ހަތަރު މެޗެއް ކުޅުނު އިރުވެސް ޖަޕާނުން ކޮސްޓަ ރީކާ ކައިރިން ބަލިވެފައެއް ނުވެއެވެ. އެހެންކަމުން ތާރީހު އޮތީ ޖަޕާނު އަތުގައެވެ.

މެޗުގެ ކުރީކޮޅުގައި ފެނުނީ ޑިފެންސިވް ޓެކްޓިކްސްއެެއްގެ ފުޓުބޯޅައެކެވެ. ބެލުންތެރިން ޝައުގުވެރިވާ ފަދަ ކުޅުމެއް ދެ ޓީމުންވެސް ފެނިފައިނުވާ އިރު، ހަމަލާއެއްވެސް ފުރަތަމަ ހާފުގައި ނުފެނެއެވެ. ދެ ޓީމުންވެސް ބެލީ ބޯޅަ ހިފަހައްޓައިގެން ކޮންޓްރޯލު ހޯދޭތޯއެވެ. ފަހަތަށް ސަމާލުކަން ދީ، ގޯލަކަށް ކުރިއަށް ޖެހެން ދެ ޓީމުންވެސް ތިބީ ޖެހިލުންވެފައި ކަހަލަ ގޮތަކަށެވެ. ކޮސްޓަ ރީކާ ޖަޕާނަށް އިހުތިރާމުދީ މަޑުކޮށްލައިގެން ތިބިތަން ފެނުނު އިރު، އަނެއްކޮޅުން ޖަޕާނުންވެސް ބަލަމުން ދިޔައީ ކޮސްޓަ ރީކާއިން އެޓީމަށް ބޮނޑިއެއް ދީފާނެ ކަމަށެވެ.

ދާދި ހަމަހަމަކޮށް، ބަލައިލަން އެންމެ ޝައުގުވެރި ނޫން ގޮތަކަށް ދިޔަ ފުރަތަމަ ހާފަކަށްފަހު ދެވަނަ ހާފު ފެށީ ހަމަލާތަކަކުންނެވެ. ޖަޕާނުން ނުރައްކާކުރިއެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި އަސާނޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން މޮރީޓާ ފޮނުވާލި ހަމަލާ، ކޮސްޓަ ރީކާގެ ގޯލްކީޕަރު ކޭލާ ނަވާސް މަތަކުރި އިރު، އޭގެ ދެ މިނެޓް ފަހުން އެންޑޯ ފޮނުވާލި ހަމަލާވެސް ކޮސްޓަ ރީކާގެ ކީޕަރު ނަވާސް ވަނީ މަތަކޮށްފައެވެ. ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އަސާނޯ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ކޮސްޓަ ރީކާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗަށް ކޮންމެވެސް ވަރަކަށް ދިރުން ލިބި، ޖަޕާނުން ގޯލަކަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެ މަސައްކަތް އިރުކޮޅެއް ތެރޭގައި އަނެއްކާވެސް މަޑު ޖެހިލިއެވެ. ކޮންޓްރޯލުގައި ގިނަ ވަގުތު ބޯޅަ ބާއްވައި، ޖަޕާނުންވެސް ބެލީ މެޗުގެ ކޮންޓްރޯލް ނަގާލުމަށެވެ. ދެން ފެނުނީ 15 ވަރަކަށް މިނެޓުގައި އިތުރު ހަމަލާއެއް ފެނިފައި ނުވާ އިރު، ޖަޕާނުން ކުޅުން ރަނގަޅުކުރިއެވެ.

ޖަޕާނުން ކުރިއަށް ޖެހި ކޮސްޓަ ރީކާ ހާފު ތެރެއިން ކުރިއަށް ތުރޫ ޕާސްތަކެއް ޖަހަން މަސައްކަތް ކުރުންވީ ކޮސްޓަ ރީކާގެ ޑިފެންސަށް އުނދަގޫތަކެއް ކުރިމަތިކުރުވި ކަމަކަށެވެ. އެގޮތުން އެ ޕާސްތައް ހުއްޓުވަން މަސައްކަތް ކުރި ކޮސްޓަ ރީކާ ޑިފެންސުން ގިނަ އަދަދެއްގެ ފައުލުތަކެއް ކުރިތަންވެސް ފެނިގެން ގޮސްފައިވެއެވެ.

ޖަޕާނުން ބާރުބޮޑުކޮށް ފެންނަމުން ދަނިކޮށް، ތަނަވަސްކުރި އެންމެ ފުރަތެއްގައި ކޮސްޓަ ރީކާން ލީޑު ނެގިއެވެ. ޖަޕާނުގެ ޑިފެންސް މަޑު ޖެހުނު ގަޑީގެ ފައިދާ ނަގައި، ޓަހޭޔާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކޮސްޓަ ރީކާއަށް ލީޑު ނަގައިދިނީ ކޭޝާ ފުލާއެވެ. 81 ވަނަ މިނެޓުގައި ކޮސްޓަ ރީކާ ޖެހި އެ ގޯލަކީ، މި ވޯލްޑް ކަޕްގައި އެޓީމުން ނެގި ފުރަތަމަ ޝޮޓްގައި ޖެހި ގޯލެކެވެ.

އެ ގޯލަށް ފަހުވެސް ޖަޕާނުން ނަތީޖާ ހަމަހަމަކުރަން ބުރަކޮށް މަސައްކަތް ކުރިއެވެ. 2014 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ކުޅުނު ކޮސްޓަ ރީކާއަށް އެ މުބާރާތުގައިވެސް ވިދާލި ގޯލްކީޕަރު ނަވާސް، މިއަދުގެ މެޗުގައިވެސް ތަފާތު ދެއްކި އިރު، 88 ވަނަ މިނެޓުގައި މިޓޯމާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ކަމާޑާ ފޮނުވާލި ހަމަލާވެސް މަތަކުރީ އޭނާއެވެ.