ކެނަބިސް ޓްރެފިކު ކުރުމުގެ ކުށް ސާބިތުވެގެން، ހ. އުދަރެސްގެ ސައީދު އަލީ ޝާހިދު އުމުރަށް ޖަލަށް ލުމަށާއި 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދު ކުރާ ކަމަށާއި އެ ހުކުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތް ކަަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
މިއީ ފުލުހުން މާލެތެރެ ޕްޓްރޯލްކުރަމުން ދަނިކޮށް، ސައީދު އަލީ ޝާހިދު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރުކުރާ ކަމަށް ބަޔަކު ދިން މައުލޫމާތަކާ ގުޅިގެން، ހ. ލަކީ ކުރިމަތިން، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފާސްކޮށްގެންނާއި ކުރި ތަހުގީގުން އޭނާގެ އަތުން މަސްތުވާތަކެތި ފެނިގެން އޭނާގެ މައްޗަށް ކުރި ދައުވާއެކެވެ.
މި ދައުވާގައި އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަަށް ކަނޑައަޅައި އެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
ނަމަވެސް އެ ހުކުމާ އެކު އިސްތިއުނާފީ 12 ނުކުތާއަކާ އެކު ސައީދުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި އިސްތިއުނާފީ މައްސަލައިގައި ސައީދު އަލީގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައި ވަނީ ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ ހުކުމް ބާތިލު ކުރުމަށް ހައިކޯޓުގައި އޭނާ ވަނީ އެދިފައެވެ.
މި މައްސަލަ ބަލައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ކުރިމިނަލް ކޯޓުން ސައީދު އަލީގެ މައްޗަށް ކުރި ހުކުމަށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ތާއީދުކޮށް ހައިކޯޓުން ހުކުމް ކުރާ ކަމަށެވެ.