ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ "ވިނަރެސް" އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވެ ފޯމު ހުށަހެޅި މީހުންގެ ތެރެއިން އެކަމަށް ޝަރުތު ހަމަވީ 723 މީހުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ވިނަރެސް ހައުސިން މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް އެޗްޑީސީން މިއަދު ވަނީ އާއްމުކޮށްފައެވެ.
ލިސްޓު އާއްމުކުރުމަށްފަހު އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ ވިނަރެސް އެޕާޓްމަންޓް ގަތުމަށް ޖުމުލަ 1413 މީހުން ފޯމު ހުށަހެޅި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވީ 723 މީހުން ކަމަށް ވިދާޅުވިއެވެ.
"ވިނަރެސް އެޕާޓްމަންޓްތަކަށް ހުޅުވާލީ ހައުސިން މިނިސްޓްރީން ކަނޑައެޅި ކްރައިޓީރިއާތަކަށް. ފުރަތަމަ އެޗްޑީސީން މި ބަލަނީ ހައުސިން މިނިސްޓްރީގެ އިޖުތިމާއީ ބޯހިޔާވަހި ކަމަށް ކަނޑައަޅާފައިވާ ކެޓަގަރީއަށް ކޮލިފައިވާ ފަރާތްތައް. އެހެންވީމަ 1،413 އެޕްލިކޭޝަންގެ ތެރެއިން 723 އެޕްލިކޭޝަންއަކީ ހައުސިން މިނިސްޓްރީގެ ކްރައިޓީރިއާއަށް ހަމަވާ ފަރާތްތައް،" އާތިފު ވިދާޅުވިއެވެ.
އެ ލިސްޓަށް ބަލައި އިރު، މާލޭގެ ރައްވެއްސަކަށް ވެފައިވާތާ 15 އަހަރުވެފައިވާ ފަރާތްތަކުގެ ކެޓަގަރީން 248 ފަރާތެއް ޝަރުތު ހަމަވެއެވެ. އެ ކެޓަގަރީން އެންމެ މަތިން 83 ޕޮއިންޓެވެ. އެންމެ ދަށުން ލިބިފައިވަނީ 25 ޕޮއިންޓެވެ. އަދި މާލޭގައި 15 އަހަރު ދިރުއުޅުނު މީހުންގެ ކެޓަގަރީން 475 ފަރާތަކަށް ޝަރުތު ހަމަވާއިރު އެ ކެޓަގަރީން އެންމެ މަތިން ލިބިފައިވަނީ 98 ޕޮއިންޓެވެ. އެންމެ ދަށުން ލިބިފައިވަނީ 25 ޕޮއިންޓެވެ.
އެޗްޑީސީން ބުނީ އެ މީހުން ޝަރުތު ހަމަވި ނަމަވެސް އޭގެ ތެރެއިންވެސް ގިނަ އަދަދެއްގެ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ބައެއް މާލީ ލިޔެކިޔުންތައް ހުށަނާޅާ ހުރި ކަމަށެވެ. އަދި ލިޔެކިޔުންތައް ހަމަނުވާ މީހުންނަށް ފަސް ދުވަހުގެ މުއްދަތެއް ދޭން ނިންމައި، އަންނަ ޑިސެމްބަރު 6 އިން 12 އަށް އެކަމާ ގުޅޭ އޯޕަން ޑޭ އެއް ހުޅުމާލޭގައި ބާއްވަން ނިންމާފައިވާ ކަމަށް ބުންޏެވެ.
ވިނަރެސް ފްލެޓުތަކަށް ޝަރުތު ހަމަވި މީހުންގެ ވަގުތީ ލިސްޓު އެޗްޑީސީގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފައެވެ. އެ ލިސްޓަށް ޝަކުވާ ހުށަހަޅަން މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
އޭގެ އިތުރުންވެސް ޕްލޭނިން މިނިސްޓްރީން ކަނޑައެޅި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މާލީ ގާބިލުކަން ބެލުމަށްފަހު ވިނަރެސްގެ ބާކީ ހުރި ފްލެޓްތަކަށް ހުޅުވާލާނެ ކަމަށާއި ނަމަވެސް އެކަމުގެ ތަފްސީލުތައް އާންމު ކުރާނީ މިހާރު ފްލެޓް ލިިބިފައިވާ ވަގުތީ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މާލީ ހާލަތު ބެލުމަށްފަހު ކަމަށްވެސް އެޗްޑީސީން ބުންޏެވެ.