ޚަބަރު

ބ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ފަށައިފި

އަލީ ޔާމިން

ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސްގެ ހިދުމަތް ފަށައިފިއެވެ.

ބ އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްއަށް ހާއްސަ ޔުނިޓެއް ގާއިމްކުރީ މިއަހަރެވެ. އެ ޔުނިޓުގައި މިވަގުތު ހުރީ އެކަމަށް ހާއްސަ ތިން އެނދެވެ. އެ ހޮސްޕިޓަލުން އަންނަނީ މިމަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން ޑައިލިސިސްއަށް އެޕޮއިންޓްމަންޓް ދޫކުރަމުންނެވެ.

ބ އަތޮޅު ހޮސްޕިޓަލުގައި ގާއިމުކުރި ޑައިލިސިސް ސެންޓަރުގައި ހިދުމަތް ދިނުމަށް ދެ ނަރުހުން ތަމްރީންކޮށްފައިވާ އިރު، މިއަހަރުގެ ތެރޭގައި އިތުރު ނަރުހުންވެސް ތަމްރީންކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

"އަޅުގަނޑުމެން އަދި އެއްވެސް ޕޭޝަންޓަކަށް ހިދުމަތެއް ނުދެން. ނަމަވެސް މިހާރުވެސް ޕޭޝަންޓަކު އައިސްފިނަމަ ފަރުވާ ދެވޭ ފެންވަރަށް އެހުރީ، ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެ މުވައްޒަފުން ތަމްރީންވެފައި،" ބ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު "ވަން" އަށް މިއަދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވި ގޮތުގައި ބ. އަތޮޅުގައި ޑައިލިސިސް ހަދާ 18 މީހަކު ތިބި އިރު، އޭގެ ތެރެއިން ހަތަރު ޕޭޝަންޓަކު އަންނަ މަހު އެ ހޮސްޕިޓަލުގެ ޑައިލިސިސް ސެންޓަރުން ހިދުމަތް ހޯދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ގިނަ ޕޭޝަންޓުން ދިރިއުޅެނީ މާލޭގައި ކަމަށްވުމުން އެ ޕޭޝަންޓުންނަށް އަތޮޅަށް ބަދަލުވުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށްވެސް ވިދާޅުވިއެވެ.

ބ އަތޮޅު ހޮސްޕިޓަލުގައި ގާއިމުކުރި ޑައިލިސިސް ސެންޓަރު ރަސްމީކޮށް ހުޅުވާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައެވެ.

އަތޮޅު ތެރޭގައި ޑައިލިސިސް ހިދުމަތް މިހާރު ދެމުން އަންނަނީ ރ. އުނގޫފާރު ހޮސްޕިޓަލާއި އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިތުރުން ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުންނެވެ. ޅ. ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގައިވެސް މި ހިދުމަތް ފެށުމުގެ އަންނަނީ ތައްޔާރުވަމުންނެވެ.