ސްޕެއިން ކައިރިން 7-0ގެ ނަތީޖާއަކުން ބަލިވެފައި އޮތް ނަމަވެސް، އަދި އުންމީދު ގެއްލި، ޓީމު މަރުނުވާ ކަމަށް ކޮސްޓަ ރީކާގެ ކޯޗު ލުއިސް ފެނާންޑޯ ސުއަރޭޒް ބުނެފިއެވެ.

ސްޕެއިންއާ ދެކޮޅަށް ކޮސްޓަ ރީކާއިން ކުޅުނު މެޗު އެ ޓީމުން ނިންމާލީ ސްޕެއިން ކޮޅަށް ނުރައްކާތެރި ހަމަލާއެއްވެސް ފޮނުވާ ނުލައެވެ. މުޅި މެޗު އެއްކޮށްކަހަލަ ގޮތަކަށް ސްޕެއިނުން ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު، ކޮސްޓަ ރީކާއަށް އެއީ ތާރީހުގައިވެސް ބޮޑު ބައްޔެކެވެ. ނަމަވެސް އެ ޓީމުގެ ކޯޗު ގަބޫލުކުރާ ގޮތުގައި، އަލުން ދިރުމެއް ހޯދާކަށް ނުޖެހެއެވެ. އެއީ ކޮސްޓަ ރީކާ އަދި "މަރު ނުވާތީ"އެވެ.

"އަލުން ދިރުމެކޭ؟ އެކަން ކުރާކަނަށް ނުޖެހޭނެ. އަދި އަހަރެމެން މަރުވީކީ ނޫން،" ކޯޗު ސުއަރޭޒް ބުންޏެވެ.

ކޮސްޓަ ރީކާ ވޯލްޑް ކަޕަށް ނުކުތީ ޑިފެންސިވް ރަނގަޅު ރެކޯޑަކާއެކުގައެވެ. އެގޮތުން ކޮލިފިކޭޝަނުގައި އެ ޓީމުން ކުޅުނު މެޗުތަކުގައި ކޮޅަށް ވަނީ ޖުމުލަ އަށް ގޯލެވެ. ނަމަވެސް ކޮސްޓަ ރީކާގެ ކޮލިފިކޭޝަން ނިމިގެން ދިޔައީ ފަސޭހަކޮށެއް ނޫނެވެ. އެ ޓީމު ކޮލިފައިވީ އިންޓަ ކޮންޓިނެންޓަލް ޕްލޭ އޮފަށް ގޮސްގެންނެވެ.

"ދިހަ އަހަރު ކުރިން ހޮންޑިއުރަސް އިން ކެނެޑާ ބަލިކުރި 8-1ގެ ނަތީޖާއަކުން. މިހާރު ކެނެޑާއަކީ ވަރުގަދަ ޓީމެއް. އަދި އެކަމަށް ފާއިތުވީ އެންމެ 10 އަހަރު. އެއީ ގޯހުން ދަސްކުރީ. ކޮންމެ ބަޔަކުވެސް ހެދޭ ގޯސްތަކުން ޖެހޭނީ ދަސްކުރަން. އަހަންނަށް އެތައް ފާޑެއް ކިޔަސް އަހަރެން އެނބުރި އަންނާނަން. އެއީ އެނބުރި އަންނަން ބޭނުން ނުވާނީ ލޯސާސް ކަމަށްވާތީ،" ސުއަރޭޒް ބުންޏެވެ.

މިއަދު ކޮސްޓަ ރީކާއިން ޖަޕާނާ ދެކޮޅަށް ނުކުންނަ އިރު، ސުއަރޭޒް ބުނީ ޖަޕާނުން ހޯދި މޮޅާއެކު އެ ޓީމުގެ ވިސްނުން ކަސިޔާރުވެފައި ހުންނާނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި މެޗު އުނދަގޫވާނީ ޖަޕާނުގެ ކޮލިޓީގެ ސަބަބުން ކަމަށެވެ.

ޖަޕާނުން ޖަރުމަނު ކައިރިން ހޯދި 2-1ގެ މޮޅަކީ މިހާތަނަށް ވޯލްޑް ކަޕްގައި ފެނުނު އެންމެ ހައިރާން ގެނުވި އެއް ނަތީޖާއެވެ. އެ ނަތީޖާއާއެކު ޖަޕާނަށް ގަދަ 16ގެ ބޮޑު ފުރުސަތެއް އޮތްއިރު، މޮޅަކާއެކު ޖަޕާނަށް ގާތްގަނޑަކަށް އަނެއް ބުރު ޔަގީންވާނެއެވެ. ޖަޕާނުން ތިން ޕޮއިންޓް ހޯދައިފި ނަމަ، ދެން އެ ގްރޫޕުގައި ކުޅޭ އަނެއް މެޗުގައި ސްޕެއިނުން ޖަރުމަނު ބަލިކޮށް، ނޫނީ އެ މެޗު އެއްވަރު ވެއްޖެނަމަ ނަމަވެސް ޖަޕާނަށް ކޮލިފިކޭޝަން ޔަގީންވާނެއެވެ.

އެފަދަ ހަމަޖެލައިފައި އޮތް ހާލަތެއްގައި ޖަޕާން އޮތް ނަމަވެސް ކޯޗު ހަޖިމޭ މޮރިޔަސޫ ބުނީ ޖަރުމަނުގެ މޮޅަކީ ކޮސްޓަ ރީކާ ބަލިކުރެވޭނެ ކަމުގެ ހެއްކެއް ނޫން ކަމަށެވެ.

"އަހަރެން ވަރަށް ފަހުރުވެރިވޭ ޖަރުމަނު ކައިރީގައި ހޯދި މޮޅަށް. އެކަމަކު އެއީ ކޮސްޓަ ރީކާ ބަލިކުރެވޭނެ ކަމުގެ ޔަގީންކަމެއް ނޫން. ކޮސްޓަރީކާގައި އެތަކެއް ވަރުގަދަ ކުޅުންތެރިންނެއް އެބަ ތިބި. އަދި ހާއްސަކޮށް ސްޕެއިން ކައިރިން ބަލިވުމުން އެ ޓީމުން އަހަރެމެންނާ ދެކޮޅަށް ނުކުންނާނީ ވަރުގަދަކޮށް،" ކުރިން ގައުމީ ޓީމަށް ކުޅުނު މޮރިޔަސޫ ބުންޏެވެ.

ޖަޕާނާއި ކޮސްޓަ ރީކާގެ ކުރިމަތިލުން އޮންނާނީ މިއަދު 3:00 ގައެވެ.