ފްރާންސަށް އޮތް ފުރަތަމަ މަރުހަލާއަކީ ޗެމްޕިއަނުންގެ ޕްރެޝަރުގައި ގަދަ 16 ޔަގީންކުރުން ކަމަށާއި އެކަން ކުރެވި ހަމަޖެހުމެއް ލިބިއްޖެ ކަމަށް ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ބުނެފިއެވެ.

ގަތަރުގެ އަބޫ އަބޫދް ސްޓޭޑިއަމްގައި ފްރާންސުން ރޭ އެ ފުރުސަތު ހޯދީ، 2-1 އިން ޑެންމާކު ބަލިކޮށްގެން، ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. މެޗުގައި ދެ ގޯލުވެސް ޖަހައިދިނީ އުމުރުން އެންމެ 23 އަހަރުގެ ކިލިއަމް އެމްބާޕޭއެވެ. އެ ނަތީޖާއާއެކު ފްރާންސަށް ގަދަ 16 ޔަގީންވި އިރު، ޑެންމާކަށް ދެން އޮތީ ފަހު މެޗުގައި އޮސްޓްރޭލިއާ ބަލިކުރުމެވެ.

ފްރާންސް ވެފައި ވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަނުންނަށް ފަހު، ދެން އައި ވޯލްޑް ކަޕްގައި ގްރޫޕް ސްޓޭޖުން ސަލާމަތްވި ފުރަތަމަ ޓީމަށެވެ. 2006 ވަނަ އަހަރުގެ ޗެމްޕިއަން އިޓަލީންނާއި 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިން އަދި 2014 ވަނަ އަހަރުގެ ޗެމްޕިއަން ޖަރުމަނުންނަށްވެސް ވަނީ ގްރޫޕް ސްޓޭޖުން ކެޓުމުގެ ބަދުނަސީބާ ކުރިމަތިވެފައެވެ.

"މިއީ އަހަރެމެންނަށް ހާސިލުވި ވަރަށް ބޮޑު ކަމެއް. އަހަރެމެންނަށް ދެ މެޗުން ހަ ޕޮއިންޓް ލިބި ކޮލިފިކޭޝަން ޔަގީން ކުރެވުމަކީ ހަމަޖެހުން ލިބުނު ކަމެއް. އަދި ގްރޫޕްގެ އެއްވަނަ ލިބުމަށްވެސް ބޮޑު ފުރުސަތެއް އެބަ އޮތް. އެއީ އޮސްޓްރޭލިއާއަށްވުރެ ގިނައިން ގޯލު ޖެހި، އެކަމުގެ ފައިދާ އޮތުމުން. ފުރަތަމަ މަރުހަލާއަކީ ގަދަ 16 އަށް ދިއުން. އެކަން ހާސިލުވެއްޖެ،" ޑިޝޭމްޕްސް ބުންޏެވެ.

އޭނާ އިތުރަށް ބުނީ ޗެމްޕިއަނުންގެ ގޮތުގައި ނުކުމެ، އެ ޕްރެޝަރުގައި ގަދަ 16 އަށް ދިއުމަކީ އުނދަގޫ ކަމެއް ކަމަށާއި ގްރޫޕްވެސް ވަރުގަދަ ކަމަށެވެ.

"މިއީ ފަސޭހަ ކަމެއް ނޫން. ހާއްސަކޮށް އުންމީދުތައް އޮންނަ ވަރާއި، ޗެމްޕިއަނުން ގޮތުގައި އޮތުމުން އޮންނަ ޕްރެޝަރު ބޮޑުވާނެ. މިއީ އުނދަގޫ ގްރޫޕެއް. ހުރިހާ ޓީމަކުންވެސް ކުޅުނީ ތާރީހަށްޓަކައި، އެކަން ފެންނާނެ ކުޅުނު ދެ މެޗުންވެސް. އެހެންވީމާ މި މަސައްކަތް ކާމިޔާބުކޮށް މި ފެންނަނީ،" ފްރާންސްގެ ފުޓުބޯޅަ ތާރީހުގައި ރަން އަކުރުން ލިޔެވިފައިވާ ޑިޝޭމްޕްސް ބުންޏެވެ.

އަނިޔާގެ އެތައް މައްސަލައަކާއެކު ވޯލްޑް ކަޕަށް ނުކުތް ފްރާންސަށް މުބާރާތުގެ ތެރެއިންވެސް އަނިޔާގެ އިތުރު މައްސަލަތަކާ ކުރިމަތިލާން ޖެހުނު އިރު، އެކަންކަމުގެ ތެރެއިން އެންމެ ފުރަތަމަ ގަދަ 16 ޔަގީންކުރީ ފްރާންސެވެ.