ގަތަރު ވޯލްޑް ކަޕް 2022 ގެ ގަދަ 16 އިން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް ފްރާންސް ވެއްޖެއެވެ.
ގަތަރުގެ އަބޫ އަބޫދް ސްޓޭޑިއަމްގައި ފްރާންސުން އެ ފުރުސަތު ހޯދީ، 2-1 އިން ޑެންމާކު ބަލިކޮށްގެން، ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. މެޗުގައި ދެ ގޯލުވެސް ޖަހައިދިނީ އުމުރުން އެންމެ 23 އަހަރުގެ ކިލިއަމް އެމްބާޕޭއެވެ. އެ ނަތީޖާއާއެކު ފްރާންސަށް ގަދަ 16 ޔަގީންވި އިރު، ޑެންމާކަށް ދެން އޮތީ ފަހު މެޗުގައި އޮސްޓްރޭލިއާ ބަލިކުރުމެވެ.
އެންމެފަހުގެ ޗެމްޕިއަން ފްރާންސުން މިރޭގެ މެޗަށް ނުކުތީ ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ކައިރިން 4-1 ގެ ނަތީޖާއަކުން މޮޅުވެފައި އޮވެގެންނެވެ. މޮޅަކާއެކު ގަދަ 16 އަށް ދާ ފުރަތަމަ ޓީމުގެ ޝަރަފު ހޯދަން ފްރާންސް އޮތީ ކެތްމަދުވެފައެވެ. އެހެން ނަމަވެސް އިދިކޮޅަށް ނުކުތް ޑެންމާކަކީ ފްރާންސަށް އަބަދުވެސް "ލަނޑު" ދޭ ޓީމެއްގެ ގޮތުގައި މެޗުގެ ކުރިން ފްރާންސް ކޯޗު ޑިޑިއޭ ޑިޝޭމްޕްސްވެސް ސިފަކުރިއެވެ.
އެންމެފަހުން 2018 ވަނަ އަހަރު ވޯލްޑް ކަޕްގައި ދެ ޓީމުން ކުޅުނު މެޗު ވެފައި އޮތް އިރު، މިދިޔަ ފަސް ވަރަކަށް މަސް ދުވަހުގެ ތެރޭގައި ނޭޝަންސް ލީގުގައި ދެ ޓީމުން ކުރިމަތިލި ދެ މެޗުވެސް ކާމިޔާބުކުރީ ޑެންމާކުންނެވެ. ޑެންމާކަކީ އެންމެފަހުން ޔޫރޯގެ ސެމީ ފައިނަލުގައި ކުޅުނު ޓީމަކަށްވުމުން އެޓީމު ނުކުތީ ޖެހުލުން ނުވެއެވެ. ފުރަތަމަ މެޗުގައި ޓިއުނީޝިއާ ކައިރީ ގޯލެއް ނުޖެހި އޮތް އޮތުން ހަނދާން ނައްތާލުމަށެވެ.
ޖާޒީގެ މޭމަތީގައި ވޯލްޑް ކަޕް ޗެމްޕިއަނުންގެ ރަން ބެޖު ޖަހައިގެން ނުކުތް ފްރާންސަށް އަނިޔާގެ މައްސަލަތައް އަދިވެސް އޮތީ ބޮޑުކޮށެވެ. އެންމެފަހުން ކުޅުނު މެޗުގައި ލޫކަސް ހެނާންޑޭޒަށް އަނިޔާވެ ވޯލްޑް ކަޕް ގެއްލުނު އިރު، އެތަން ފޫބައްދަން ނުކުތީ އެއްބަނޑު އެއްބަފާ ކޮއްކޮ ތެއޯ ހެނާންޑޭޒްއެވެ. ޑިޝޭމްޕްސް ދެން ގެނައި ބަދަލަކީ ސެންޓަ ބެކަށް ރަފޭލް ވަރާން ނެރުމާއި، އަނެއް އަރިމައްޗަށް ބެންޖަމިން ޕަވާޑްގެ ބަދަލުގައި ޖޫލްސް ކޫންޑޭ މެޗަށް ނެރުމެވެ.
ޖާޒީގެ މޭމަތީގައި ވޯލްޑް ކަޕް ޗެމްޕިއަަންގެ ރަން ބެޖު ޖަހައިގެން ނުކުތް ފްރާންސުން ފުރަތަމަވެސް ބެލީ އެޓީމުގެ އެންމެ ނުރައްކާތެރި ހަތިޔާރު، ހަލުވި ވިންގުންގެ ބޭނުންކޮށް ޑެންމާކު މާޔޫސްކޮށްލެވޭތޯއެވެ. އެ މަސައްކަތުގައި ކިލިއަން އެމްބާޕޭއާއި އުސްމާން ޑެމްބެލޭގެ ނުރައްކަލަށް ޑެންމާކުން ބޮޑުކޮށް ސަމާލުވާން ޖެހުނު އިރު، އެ މަސައްކަތުގައި ޑެންމާކުގެ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ.
ރަނގަޅަށް ފްރާންސް ހިފަހައްޓަން ޑެންމާކު މަސައްކަތް ކުރި ނަމަވެސް އެޓީމުގެ ހަމަލާތައް ފެނުނެވެ. ފުރަތަމަ ކޮޅުގައި ޑެމްބޭލޭ ހުރަހަކުން އޮލިވިއާ ޖިރޫ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ކާމިޔާބު ނުވި އިރު، ޖިރޫ މަސައްކަތް ކުރީ ފްރާންސްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑަށެވެ. މެޗަށް ނުކުތް އިރު، އޭނާ އޮތީ ތިއަރީ އޮންރީގެ ރެކޯޑާ ހަމަކޮށްފައެވެ.
ހާފުގައި ފްރާންސްގެ އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ 21 ވަނަ މިނެޓުގައެވެ. ޑެމްބެލޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އެޑްރިއަން ރާބިއޯ ފޮނުވާލި ހަމަލާ، ޑެންމާކުގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ މަތަކޮށްފައެވެ. މެޗު ބަލަން ގޮސް އިން ޑެންމާކުގެ ކުރީގެ ކީޕަރު، އަދި ކެސްޕާގެ ބައްޕަ، ޕީޓާ ޝޫމައިކަލް ތައުރީފުގެ އަތްތިލަބަޑިއާއެކު ތެދުވެލިވެސް މެއެވެ.
ޑެންމާކުގެ މާ ބޮޑު ނުރައްކަލަކަށް ފުރުސަތު ނުދީ ކުޅެމުން ދިޔަ ފްރާންސުން ހާފު ނިންމާލީ އިތުރު ހަމަލާތަކަކާވެސް އެކުގައެވެ. އަރިމަތިން ހަނި އެންގަލަށް ކުރިއަށް އަރައި އެންޓޮއިން ގްރީޒްމަން ޖެހި ބޯޅައާއި، ޑެމްބެލޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި އެމްބާޕޭ ފޮނުވާލި ހަމަލާ ފާހަވިއެވެ. ގްރީޒްމަންގެ ހަމަލާ ކެސްޕާ މަތަކުރިއެވެ. އެމްބާޕޭގެ ހަމަލާ ޑެންމާކުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ގޯލަކަށް މަސައްކަތް ކުރި ފްރާންސުން ދެވަނަ ހާފުވެސް ފެށީ ފުރަތަމަ ހާފު ނިންމާލި ރާގުގައެވެ. އެ ހަލުވި އެޓޭކިންގައެވެ. 56 ވަނަ މިނެޓުގައި މެދު ރޮނގުން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އެމްބާޕޭ ފޮނުވާލި ހަމަލާ، ޑެންމާކުގެ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައެވެ. އަދި އޭގެ ފަސް މިނެޓް ފަހުން އެމްބާޕޭ އޭނާގެ ގޯލު ހޯދިއެވެ.
މެޗުގެ 61 ވަނަ މިނެޓުގައި ތިއޯ ހެނާންޑޭޒް ދިން ބޯޅައަކުން ޑެންމާކުގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެމްބާޕޭ ލީޑު ނަގައިދިނީ މި ވޯލްޑް ކަޕްގައި ޖެހި ދެވަނަ ގޯލުންނެވެ. ފްރާންސަށް ގަދަ 16 މަންޒަރު ފެނުނެވެ. އެ އުންމީދު ހުރިހާ ސަޕޯޓަރުނަށްވެސް ގެނުވިއެވެ.
އެ އުފާވެރިކަމުގެ ޖަޒުބާތުގައި ފަހަތުން ސަމާލުކަން ކުޑަވުންވީ މެޗުގައި އިތުރު މަސައްކަތެއް ކުރަން ޖެހުނު ކަމަކަށެވެ. މެޗުގެ 68 ވަނަ މިނެޓުގައި ޑެންމާކުން ފްރާންސްގެ ގޯލު ހުޅުވާލައި އެއްވަރުކުރިއެވެ. ކޯނަރެއްގެ ތެރެއިން ވިކްޓާ ނެލްސަން ޖައްސާލި ބޯޅައަކުން، ފްރާންސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޑެންމާކަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު އަންދްރޭސް ކްރިސްޓެންސެންއެވެ.
އެ ގޯލާއެކު ފްރާންސުން ކަރު އެލުނު ނަމަވެސް، ހިތްވަރެއް ދުލެއް ނުކުރިއެވެ. ޗެމްޕިއަނުންގެ ޝަރުފެ ދެމެހެއްޓުމަށް ކުރި މަސައްކަތުގައި ގޯލަކަށް ކުރިއަށް ޖެހުނު ވެގުތުގައި ޑެންމާކުވެސް ރަނގަޅުކުރިއެވެ. 81 ވަނަ މިނެޓުގައި ޑޮލްބާގް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބްރެތުވެއިޓް ފޮނުވާލި ހަމަލާ ދިޔައީ ފްރާންސް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
ފްރާންސްގެ ރަން ތަރި، އުމުރުން ހަގު، ބާރު ދުވެލީގެ އެމްބާޕޭ އޭނާގެ ދެވަނަ ގޯލާއެކު ފްރާންސަށް ގަދަ 16 ޔަގީންކޮށްދިނީ 86 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. އެމްބާޕޭ އެ ގޯލު ކާމިޔާބުކުރީ އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރަހަކުން ޑެންމާކުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.
ފްރާންސުން ހަމަޖެެހިލައި ޑިފެންސްކޮށް، ގަތަރު ވޯލްޑް ކަޕްގެ 2022 ގެ ގަދަ 16 އިން ފުރުސަތު ހޯދި ފުރަތަމަ ގައުމަކަށްވުމުގެ ޝަރަފު ހޯދިއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022