އުރީދޫ މޯލްޑިވްސް އިން ހއ. އުތީމު ސިއްހީ މަރުކަޒަށް ހެލްތު ކިޓް ހަދިޔާކޮށްފިއެވެ.
ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް އުރީދޫ އިން ހަދިޔާ ކުރަން ނިންމާފައިވާ މި ހެލްތް ކިޓަކީ ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރު، ޕަލްސް އޮކްސިމީޓަރު، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރު އަދި ނެބިއުލައިޒާ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތައް ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ ކިޓެކެވެ.
އުރީދޫ މޯލްޑިވްސްގެ ފަރާތުން އުތީމު ސިއްހީ މަރުކަޒަށް މިއަދު ހެލްތް ކިޓް ދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު ހާލިދު އަލް-ހަމާދީއެވެ.
އުރީދޫން ބުނީ ރާއްޖޭގައި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް އެހީތެރިވެދީ ކުރިއެރުވުމަށް އެކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އުތީމު ސިއްހީ މަރުކަޒާ ރަސްމީކޮށް ހެލްތު ކިޓްތައް ހަވާލުކުރުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އުރީދޫ މޯލްޑިވްސް އިން އަންނަނީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ތިން ވަނަ ލަނޑުދަނޑި "ގްލޯބަލް ގޯލްސް" ކަމަށްވާ "ގުޑް ހެލްތު އެންޑް ވެލްބީންގް" ހާސިލްކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ގާއިމު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެކުންފުނިން ބުނެއެވެ.
އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި ރެކްރިއޭޝަނަލް ކުލަބުތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސާކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށްވެސް އުރީދޫން އަންނަނީ މިހާރުވެސް މަސައްކަތް ކުރަމުން ކަމަށް އެކުންފުނިން ބުންޏެވެ.
އުރީދޫން މީގެ ކުރިން ވަނީ ކޮވިޑު ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު އާލާތްތަކާއި ސާމާނު ހޯދުމަށް އުރީދޫ ގުރޫޕާ ގުޅިގެން ދިވެހި ސަރުކާރަށް ދެލައްކަ ފަންސާސް ހާސް ރުފިޔާ ހަދިޔާކޮށްފައެވެ.