ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގައި މިއަދު ކުޅުނު މެޗުގައި ޕޮލެންޑުން ސައުދީ އަރަބިއާ ބަލިކޮށްފިއެވެ.

އެޑިއުކޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން ޕޮލެންޑް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ ނަތީޖާއާއެކު ގްރޫޕް ސީގެ އެއްވަނައިގައި މިވަގުތު އޮތީ ޕޮލެންޑެވެ. ސައުދީ އަރަބިއާ ދެވަނައިގައި އޮތް އިރު، އެ ގްރޫޕްގެ ފަހު މެޗުތަކަށް އޮތް ގޮތެއް އެނގޭނީ މިރޭ އާޖެންޓީނާއިން މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗަށްފަހުގައެވެ. ޕޮލެންޑުން ފަހު މެޗުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނަ އިރު، ސައުދީއަށް ދެން އޮތީ މެކްސިކޯއެވެ.

ސައުދީން މިރޭގެ މެޗަށް ނުކުތީ އާޖެންޓީނާ މެޗުން ހޯދި ހިތްވަރާއެކު މި ވޯލްޑް ކަޕްގެ ފުރަތަމަ ގަދަ 16 ޔަގީންކުރި ޓީމުގެ ޝަރަފު ހޯދުމަށެވެ. ފުރަތަމަ މެޗުގައި ސައުދީން ހައިރާންކުރުވަނިވި ގޮތަކަށް އާޖެންޓީނާ ބަލިކޮށްފައިވެއެވެ. އެ މެޗުގައި ސައުދީން ފަހަތުން އަރައި އާޖެންޓީނާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެއީ މިހާތަނަށް ވޯލްޑް ކަޕްގެ ތާރީހުގައިވެސް ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާއެވެ.

އަނެއްކޮޅުން މެޗަށް ނުކުތް ޕޮލެންޑަށް މިރޭގެ މެޗު ހާއްސަވީ ގަދަ 16 އަށް ފިޔަވަޅެއް އެޅުމަށެވެ. އެއީ ފުރަތަމަ މެޗުގައި މެކްސިކޯ ކައިރީ އެއްވަރުވެފައި އޮތުމުންނެވެ. އެ މެޗުގައި ޕޮލެންޑަށް ޕެނަލްޓީއެއް ލިބި، ގޯލު ޖަހަން ރަނުގެ ފުރުސަތުތައްވެސް ލިބުނެވެ. ޕެނަލްޓީގައި ރޮބާޓް ލެވަންޑޯސްކީ ޖެހި ބޯޅަ މެކްސިކޯ ގޯލްކީޕަރު ގިލޭމޯ އޮޗޮއާ ވަނީ މަތަކޮށްފައެވެ. ދުނިޔޭގައި މިވަގުތުވެސް ހުރި އެންމެ ކާމިޔާބު، އެންމެ މޮޅު އެއް ފޯވަޑް، ލެވަންޑޯސްކީ މި މެޗަށް ނުކުތީ ވޯލްޑް ކަޕެއްގެ ފުރަތަމަ ގޯލަށް ކުރަމުން އަންނަ އުންމީދު ނިންމާށެވެ.

ސައުދީގެ ގިނަ ސަޕޯޓަރުންގެ ފެހި ކުލައިން ސްޓޭޑިއަމްގެ ބޮޑު ބައެއް އޮތް އިރު، އެޓީމުން މެޗު ފެށީ އާޖެންޓީނާ މެޗުގައި މޫނަށް އަނިޔާވި ޔާސިރު އަލްޝެހެރާނީގެ ޖާޒީއަށް ހާއްސަ ޝަރަފެއް އަރުވައިފައެވެ. ޔާސިރުގެ މޫނަށް އެ މެޗުގައި ނުރައްކާތެރި އަނިޔާއެއް ލިބި، އެމަޖެންސީގައި ގައުމަށް ގެންގޮސް ސާޖަރީއަށް ހަދަން ޖެހިފައިވެއެވެ. އޭނާ މިހާރު ދަނީ މަޑުމަޑުން އަނިޔާއިން ރިކަވާ ވަމުންނެވެ.

ހާވޭ ރެނާޑްގެ ސައުދީން މިރޭގެ މެޗުވެސް ފެށީ ޖޯޝާއެކުގައެވެ. އެޓީމުގެ ހަލުވި ކުޅުމުގައެވެ. ހިތްގައިމު ކަމެއް ސައުދީގެ ކުޅުމުން ފުރަތަމަ ކޮޅުގައިވެސް ފެންނަމުން ދިޔަ އިރު، މެޗުގެ އަށްވަނަ މިނެޓުގައި މުހައްމަދު އަލް ބުރާކް ދުރުން ފޮނުވާލި ބާރު ހަމަލާ، ޕޮލެންޑްގެ ކްރިކޮވިއާކް ގައިގައި ޖެހި ވަނީ ބްލޮކްވެފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ސައުދު އަބްދުލްހާމިދު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މުހައްމަދު ކަނޯ ފޮނުވާލި ބަރު ހަމަލާ، ޕޮލެންޑްގެ ކީޕަރު ވޮޝެކް ޝެޒްނީ ވަނީ މަތަކޮށްފައެވެ.

ސައުދީން ފުރަތަމަ ކޮޅުގައި ހޯދި ފުރުސަތުތައް ނަގާލުމުން ޕޮލެންޑުން މަޑުމަޑުން މެޗު ތެރެއަށް ވަންނަން ފެށިއެވެ. 26 ވަނަ މިނެޓުގައި ޕިއޮޓާ ޒީލިންސްކީ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޕޮލެންޑްގެ ކްރިސްޓިއަން ބީލިކް ބޮލުން ފޮނުވާލި ހަމަލާ، ސައުދީގެ ގޯލާ އަމާޒުވާން ދަނިކޮށް ސަލާހް އަލް ޝެހްރީ ދިފާއުކުރި އިރު، ކުރިއަށް ޖެހެމުން ގޮސް ޕޮލެންޑުން ލީޑު ނެގީ 40 ވަނަ މިނެޓުގައެވެ.

ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ޕޮލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޕިއޮޓާ ޒީލިންސްކީއެވެ. އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްއަށް ހަމަ ހިމޭންކަން ވެރިވީ، އެ ސްޓޭޑިއަމްގައި މި ވޯލްޑް ކަޕްގައި ޖެހި ފުރަތަމަ ގޯލުންނެވެ.

އެ ގޯލާއެކު ހާފު ނިމެން ދަނިކޮށް ދެން ފެނުނީ ފުރަތަމަ ހާފުގެ އެންމެ މުހިއްމު ވަގުތުކޮޅެވެ. 44 ވަނަ މިނެޓުގައި ވީއޭއާރް އެހީގައި ރެފްރީ ސައުދީއަށް ޕެނަލްޓީއެއް ދިނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ސައުދީގެ ސަލާހް އަލް ޝެހްރީއަށް ޕޮލެންޑްގެ ބީލިކް ކުރި ފައުލަށް ލިބުނު ޕެނަލްޓީ ޖަހަން ނުކުތީ ސައުދީގެ އެންމެ އިތުބާރު ސާލިމް އަލް ދަވްސާރީއެވެ.

އެހެން ނަމަވެސް ޕޮލެންޑްގެ ހީރޯގެ ފެންވަރު މާ މޮޅެވެ. ބްރިކާން ފޮނުވާލި ޕެނަލްޓީ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން މުހައްމަދު އަލް ބުރާކް ފޮނުވާލި ހަމަލާ ވެސް ޕޮލެންޑް ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފުވެސް ރަނގަޅަށް ފެށީ ސައުދީންނެވެ. ފެރާސް އަލް ބްރިކަން ފޮނުވާލި ހަމަލާ، ޕޮލެންޑް ކީޕަރު ޝެޒްނީ ހުޝިޔާރުކަމާއެކު މަތަކުރި އިރު، މުޅި ސްޓޭޑިއަމް އެކީ ކޮޅަށް ތެދުވި ކަހަލައެވެ. އުންމީދީ ކުޅުމަކާއެކު ސައުދީގެ ސަޕޯޓަރުން ދިޔައީ 1994 ވަނަ އަހަރަށްފަހު ފުރަތަމަ ގަދަ 16 އަކަށް އިންތިޒާރު ކުރަމުންނެވެ.

އޭގެ ފަހުންވެސް ބްރިކާނާއި ކަނޯއަށް ހުސް ދެ ފުރުސަތެއް ލިބި ނަގާލި އިރު، އަނެއްކޮޅުން ޕޮލެންޑުން ކުރިއަށް ޖެހިލިއެވެ. 63 ވަނަ މިނެޓުގައި ބެރެޒީންސްކީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މިލިކް ބޮލުން ފޮނުވާލި ހަމަލާ ބޭރަށް ދިޔަ އިރު، އޭގެ ތިން މިނެޓް ފަހުން ލެވަންޑޯސްކީ ފޮނުވާލި ހަމަލާ މަތަކުރީ ސައުދީގެ ކީޕަރު މުހައްމަދު އަލް އޮވައިސްއެވެ. އޮވައިސް އަތުގައި ޖެހި އެ ބޯޅަ ކުޅުމަށް ނުކުތީ ދަނޑީގައިވެސް ޖެހިފައެވެ.

ލެވަންޑޯސްކީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕް ގޯލަށް ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުކުރީ 78 ވަނަ މިނެޓުގައެވެ. ސައުދީގެ އަބްދުﷲ އަލް މަލިކީއަށް ހެދުނު ގޯހަކުން ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާ ކެޕްޓަން ލެވަންޑޯސްކީ ގޯލަށް ވައްދާލީ ހަމަޖެހިލަައިފައި ތިރިތިރީންނެވެ. އޭނާގެ ބޮޑު ހުވަފެނެއް ހަގީގަތަކަށް ހަދައި، ޕޮލެންޑަށް އުންމީދު ހޯދައިދިނެވެ.

އޭގެފަހުންވެސް ލެވަންޑޯސްކީއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އެ ހަމަލާ މަތަކުރީ ސައުދީގެ ގޯލްކީޕަރު އޮވައިސްއެވެ.

21:00 ފްރާންސް - ޑެންމާކު (ގްރޫޕް ޑީ)

00:00 އާޖެންޓީނާ - މެކްސިކޯ (ގްރޫޕް ސީ)