ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީގައި މިއަދު ކުޅުނު މެޗުގައި އޮސްޓްރޭލިއާއިން ޓިއުނީޝިއާ ބަލިކޮށްފިއެވެ.

ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން އޮސްޓްރޭލިއާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއަދު އޮސްޓްރޭލިއާއިން ހޯދި ކްލީންޝީޓަކީ ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު 17 މެޗުގައި އެޓީމުން ހޯދި ފުރަތަމަ ކްލީންޝީޓެވެ. މީގެ ކުރިން އޮސްޓްރޭލިއާ ވޯލްޑް ކަޕްގެ ކްލީންޝީޓެއް ހޯދާފައި އޮތީ، 1974 ވަނަ އަހަރުއެވެ. މިއަދުގެ ނަތީޖާއާއެކު އޮސްޓްރޭލިއާއަށް ވަނީ އަނެއްކާވެސް ގަދަ 16 ގެ އުންމީދު ލިބިފައެވެ. އެޓީމުން ކުޅުނު ދެ މެޗުން ތިން ޕޮއިންޓާއެކު އޮތް އިރު، މިވަގުތު އޮތީ ގްރޫޕްގެ ދެވަނައިގައެވެ. އެއްވަނައިގައި ފްރާންސް އޮތް އިރު، ތިންވަނައިގައި އޮތީ ޑެންމާކެވެ.

ގްރޫޕް ޑީގައި މިރޭ ފްރާންސާއި ޑެންމާކު ވާދަކުރާނެއެވެ. ގްރޫޕުގެ ފަހު މެޗުތަކުގައި ޓިއުނީޝިއާއިން ފްރާންސާ ވާދަކުރާ އިރު، ޑެންމާކުން ވާދަކުރާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. ގްރޫޕްގެ ފަހު ދުވަހަށް ދާއިރު ވާނެ ގޮތެއް ކަނޑައަޅަން އެނގޭނީ މިރޭގެ މެޗަށްފަހުއެވެ. މިވަގުތު ހުރިހާ ޓީމަކަށްވެސް އަދި ގަދަ 16ގެ ފުރުސަތު އެބައޮތެވެ.

މިއަދުގެ މެޗަށް ދެ ޓީމުވެސް ނުކުތީ ގަދަ 16ގެ އުންމީދުތަކަށް ދިރުން ހޯދުމަށެވެ. އޮސްޓްރޭލިއާއިން 2006 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ގަދަ 16 ހޯދަން ކުރަމުން އަންނަ މަސައްކަތުގައި މިއަދު އޮތީ މަޖުބޫރުވެސް މެޗެވެ. ޓިއުނީޝިއާ ކައިރިން ބަލިވެއްޖެނަމަ ކަޓާނެ ކަން އެނގި ތިބެ އޮސްޓްރޭލިއާއިން މިއަދުގެ މެޗަށް ނުކުތީ ފުރަތަމަ މެޗުގައި ފްރާންސް އަތުން ވެފައި އޮތް ބަލި ހަނދާން ނައްތާލުމަށެވެ. ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ކައިރިން ފްރާންސް ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.

ޓިއުނީޝިއާ އިން ފުރަތަމަ މެޗުގައި ޑެންމާކާ އެއްވަރުކުރީ 0-0 ގެ ނަތީޖާއަކުންނެވެ. އެ ޕޮއިންޓާއެކު ޓިއުނީޝިއާއަށް އޮތް ޔަގީންކަމަކީ މިއަދުގެ ނަތީޖާއިން އެޓީމު ކަޓާކަށްވެސް، އަދި ގަދަ 16 ޔަގީން ކުރެވެންވެސް ނެތް ކަމެވެ. އެހެން ނަމަވެސް މޮޅަކުން ގަދަ 16ގެ ފުރުސަތު ފަހިކުރެވޭނެ ކަމަށް އެޓީމުން މެޗަށް ނުކުތީވެސް ފެވަރިޓުންގެ ޓެގްގައި ކަމަށް ބުނެވިދާނެއެވެ.

ޓިއުނީޝިއާގެ މޮޅަކަށް ގިނަ ބަޔަކު ބަރޯސާވެފައި އޮތް ނަމަވެސް ފެށުމުގެ މަންޒަރު ތަފާތެވެ. ފުރަތަމަ ދިހަ ވަރަކަށް މިނެޓުގައި ބޯޅަ ގެންގުޅެ ހިތްވަރާއެކު ފެށީ އޮސްޓްރޭލިއާއިންނެވެ. ހަމަލާތައް މަދުކޮށް ފުރަތަމަ ކޮޅުގައި ފެނުނު ނަމަވެސް، 23 ވަނަ މިނެޓުގައި އޮސްޓްރޭލިއާ ލީޑު ނެގީ ކުޅުމުގެ އޮއިވަރަށެވެ.

އޮސްޓްރޭލިއާއަށް މެޗުގައި ލީޑު ނަގައިދިނީ މިޗެލް ޑޫކެވެ. އެ ގޯލަކީ ކްރެއިގް ގުޑްވިން ނަގައިދިން ހުރަހަކުން ޓިއުނީޝިއާ ޕެނަލްޓީ އޭރިއާ ތެރޭ ހުރަސްވި ބޯޅަ، ބަލާލައިފައި ގޯލުގެ ކަނަށް އަމާޒުކޮށްގެން އޭނާ ޖަހައިދިން ގޯލެކެވެ. އެ ހަމަލާއާއެކު ޓިއުނީޝިއާ އެލާމަށް ގެނުވިއެވެ. ކުރިއަށް ޖެހި ގޯލަކަށް މަސައްކަތް ކުރަން މަޖުބޫރުވިއެވެ.

ކުރިއަށް ޖެހި ހާފު ނިންމާލަން ޓިއުނީޝިއާ ކުރި މަސައްކަތުގައި 41 ވަނަ މިނެޓުގައި ރަނގަޅު ފުރުސަތަކަށް މަސައްކަތްވެސް ކުރިއެވެ. ޔޫސުފް މަސާކްނީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ މުހައްމަދު ޑްރޭގާ ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ޑިފެންޑަރު ހެރީ ސޫޓާ ވަނީ ހުޝިޔާރުކަމާއެކު ޓެކަލްކޮށް ދިފާއުކޮށްފައެވެ.

އޭގެ އިތުރުން ހާފުގެ ފަހު މިނެޓުގައި އިސާމް ޖަބާލީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ޓިއުނީޝިއާ ކެޕްޓަން ޔޫސުފް މަސާކްނީ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޓިއުނީޝިއާއިން ރަނގަޅު ފޯމެއްގައި ނިންމާލި އިރު، ދެވަނަ ހާފު ފެށީ އެ ރޫހުގައެވެ. އެޓީމުން މެޗުގެ ކޮންޓްރޯލް ނެގި ނަމަވެސް މަދުވީ ހަމަލާތަކެވެ. 61 ވަނަ މިނެޓުގައި ސަސީ ފޮނުވާލި ހަަމަލާ، އޮސްޓްރޭލިއާގެ ގޯލާ އަމާޒު ނުވެ ދިޔަ އިރު، 72 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ޓިއުނީޝިއާގެ ކެޕްޓަން ޔޫސުފް މަސާކްނީ ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ކީޕަރު މެޓް ރަޔަން ވަނީ މަތަކޮށްފައެވެ.

އެ ހަމަލާތަކުގެ ތެރެއިން އޮސްޓްރޭލިއާއަށް ލީޑު ފުޅާކުރަންވެސް ހުސް ފުރުސަތެއް ތަނަވަސްވިއެވެ. މެކްލެރެން ދިން ނުރައްކާތެރި ބޯޅަ، ޓިއުނީޝިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ލެކީގެ ފައިގައި ލައްވާލާ ގޮތެއް ނުވިއެވެ.

މެޗުގެ ފަހު މިނެޓާ ޖެހެންދެންވެސް ޓިއުނީޝިއާއިން ޕޮއިންޓަކަށް މަސައްކަތް ކޮށްފައިވާ އިރު، 84 ވަނަ މިނެޓުގައި ޓަލްބީ ފޮނުވާލި ހަމަލާ އަމާޒުވީ އޮސްޓްރޭލިއާ ގޯލްކީޕަރު އަތަށެވެ. އަދި ކެޗްރީޑާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކަޒްރީ ފޮނުވާލި ހަމަލާގައިވެސް މާ ބޮޑު ބާރެއް ނެތެވެ.

18:00 ޕޮލެންޑް - ސައުދީ އަރަބިއާ (ގްރޫޕް ސީ)

21:00 ފްރާންސް - ޑެންމާކު (ގްރޫޕް ޑީ)

00:00 އާޖެންޓީނާ - މެކްސިކޯ (ގްރޫޕް ސީ)