ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމާއި ކެނެޑާ ބައްދަލުކުރި މެޗުގެ ރެފްރީއަށް މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިއްޖެއެވެ. އެފްރިކާގެ ގައުމެއް ކަމަށްވާ ޒެމްބިއާއަށް ނިސްބަތްވާ ޖެނީ ސިކާޒްވޭއަކީ ވަރަށް އަނދިރިކަން ބޮޑު މާޒީއެއް ލިބިފައިވާ ރެފްރީއެކެވެ.
މިއީ އޭނާ ރެފްރީކަންކުރާ ދެވަނަ ވޯލްޑްކަޕެވެ. އޭނާއަކީ މީގެ ހަތަރު އަހަރުކުރިން ރަޝިޔާގައި ކުޅުނު ވޯލްޑްކަޕުގައި ބެލްޖިއަމާއި ޕެނަމާގެ މެޗުގައި ރެފްރީކަންކުރި މީހާއެވެ. އަނެއްކާވެސް ހަމަ ބެލްޖިއަމްގެ މެޗަކަށް އޭނާ ނެރެން މެދުވެރިވީ އިއްތިފާގަކުންތޯ މީހުން އަންނަނީ ސުވާލުކުރަމުންނެވެ. ކެނެޑާ މެޗުގައި އޭނާ ވަނީ ބެލްޖިއަމަށް ފައިދާވާގޮތަށް ނުހަނު ގިނަ ނިންމުންތައް ނިންމައިފައެވެ. ވީއޭއާރުގެ ބޭނުން ހިފުމެއްވެސް ނެތިއެވެ. ކެނެޑާއަށް ލިބެންޖެހޭ ދެ ޕެނަލްޓީއެއްވެސް އޭނާ އޮތީ ނުދީފައެވެ.
މި ރެފްރީއަކީ އެފްރިކާގެ ދެ ގައުމުކަމަށްވާ ޓިއުނީޝިޔާ އާއި މާލީ 2018 ވަނަ އަހަރު ކުޅުނު މެޗެއްގައި ރަތްކާޑު ދައްކަން ޖެހޭ މީހަކަށް ކާޑު ނުދައްކައި މެޗުގެ ވަގުތުހަމަވާން ފަސްމިނިޓު އޮއްވައި މެޗު ނިންމާލި ރެފްރީއެވެ. ވީއޭއާރުގެ އެހީތެރިކަން ހޯދުމަށްވެސް އިންކާރުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެފްރިކާގެ ސަރަހައްދީ ފުޓްބޯޅައިގެ އިދާރާގެ ފަރާތުން ދުވަސްތަކަކަށް އޭނާ ސަސްޕެންޑްވެސް ކުރިއެވެ.
ރިޝްވަތުގެ ބާރުގައި މެޗު އަނބުރައިލުމުގެ ކަންތައްތަކެއްގައި ޝާމިލްވުމުގެ ކުށް އޭގެކުރިންވެސް އޭނާގެ މައްޗަށް ސާބިތުވެފައިވެއެވެ. އެފްރިކާ ބައްރުގެ ކުލަބް ފުޓްބޯޅަ މުބާރާތެއްގައި އެސްޕަރެންސާއި ޕްރިމޭރޯ އެގޮސްޓޯ ކުޅުނު މެޗުގެ ނަތީޖާ އަނބުރައިލީ ރިޝްވަތުގެ ބާރުގައި މީނާއެވެ. މިކަންކަން މިހެންއޮތަސް މީނާއަކީ ފީފާއިން ވަރަށް އިތުބާރުކުރާ ރެފްރީއެކެވެ. ބޮޑު މުބާރާތެއް އޮތިއްޔާ އެ މުބާރާތަކަށް މީނާ ގެންދެއެވެ.