މުސްލިމް ގައުމެއްގެ ފުރަތަމަ ވޯލްޑް ކަޕަކަށް ކުރި އިންތިޒާރު ނިމިއްޖެއެވެ. މުސްލިމް އުސޫލުތަކަށް ބޯލަނބައި، މުސްލިމް އާދަކާދަތައް ދަމަހައްޓާ ގައުމެއްގެ ގޮތުގައި ގަތަރު އޮތް އޮތުމަކީ މިފަހަރުގެ ވޯލްޑް ކަޕް އެތައް ބަޔަކަށް ހާއްސަވި ސަބަބެވެ. އޭޝިއާގެ ދެވަނަ ވޯލްޑް ކަޕަކަށް ގަތަރަށް ފުރުސަތު ދިންކަން ފީފާގެ އޭރުގެ ރައީސް ސެޕް ބްލެޓާ އިއުލާނުކުރި ހިސާބުންވެސް ގަތަރަށް އަމާޒުވީ ފާޑުކިޔުމެވެ. ގަތަރުން ބިޑް ކާމިޔާބުކުރީ ރިޝްވަތު ދީ، ފައިސާގެ ނުފޫޒު ބޭނުންކޮށްގެން ކަމަށް ބަޔަކު ތުހުމަތު ކުރިއެވެ. ގަތަރުގައި އިސްލާމީ އުސޫލު ދަމަހައްޓާނެތީ ހުޅަނގަށް ހަމަނިދިވެސް ނުނިދެއެވެ.
ހާއްސަކޮށް ގަތަރުގައި ބޭނުންހާ ތަނެއްގައި ބަނގުރާ ނުބޮވޭނެ މައްސަލައާއި މެޗުތަކުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ނުކުރެވޭނެ މައްސަލައިގެ އިތުރުންވެސް އެތައްއެތައްކަމަކަށް، ހުޅަނގުން ހުއްޓުމެއްނެތި ފާޑުކީއެވެ. ހުޅަނގުގެ މީޑިއާތައް ޕްރޮޕެގެންޑާ ފަތުރާ "ހިޕޮކްރެޓިކް" ބަޔަކަށް ވެއްޖެއެއެވެ. އެހެންނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓައި، އެންމެ ޗާލު އަރަބީންގެ ވޯލްޑް ކަޕެއް ގަތަރުން ގެނެސްދިނީ މުސްލިމް އާއިލާއަށް ހިނިތުންވުން ގެނެސްދީފައެވެ. ގަތަރުގެ މަގުތަކުގައި މުސްލިމް ނޫން އެތައް ބަޔަކުވެސް މުސްލިމް އާދަތަކަށް ހޭނިއްޖެއެވެ. "އައްސަލާމް އަލައިކުމް" ކިޔައި އެކަކު އަނެކަކާ ބައްދަލުވެލާ އިސްލާމީ ރިވެތި ސަލާން މުޅި ދުނިޔެއަށް ކަމުގޮސްފިއެވެ.
މުޅިން އާ ސިޓީއަކަށް ފަހިކޮށް، އާ 8 ސްޓޭޑިއަމެއް ބިނާކޮށް، އާ އެތައް މަގެއް ހަދައި، ހޮޓާތަކާއި ސަހަރާގެ ފޭލިގެތައްވެސް މެހުމާނުންނަށް ހާއްސަކޮށް ގަތަރުން ތައްޔާރު ކުރިއެވެ. އެ ހުރިހާ ތައްޔާރީތަކެއްގެ ތެރެއިންވެސް ގަތަރަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށް ފުރަތަމަ ވީ ގައުމުގެ އުސޫލު މުގުރާލައި ސްޓޭޑިއަމް ސަރަހައްދުގައި ރާ ބުއިމަށް ހުއްދަ ދޭން ޖެހުމެވެ. އެގޮތަށް ފުރަތަމަ އެކަން އޮތް ނަމަވެސް، އިސްލާމީ އުސޫލު ނަގަހައްޓަން ގަތަރުން އެ ނިންމުން ބަދަލުކުރީ ފަހު ވަގުތުއެވެ. އެ ބަދަލަށް ރައްދު ދީ ހުޅަނގުގެ އަނގަ ބަންދުކޮށްލީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ.
"ގަތަރު، އަރަބި، އެފްރިކާގެ މީހެއްގެ އިހުސާސް މިއަދު އަހަންނަށް އިހުސާސްވޭ،. އަހަންނަށް އިހުސާސްކުރެވޭ އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ އިހުސާސް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިހުސާސް. އަހަންނަށް އިހުސާސްކުރެވޭ ބިދޭސީ މަސައްކަތްތެރިންގެ ޖަޒުބާތުވެސް. އަހަންނަކީ ޔޫރަޕްގެ މީހެއް. މުޅި ދުނިޔޭގައި އަހަރެމެން 3،000 އަހަރު ވަންދެން ކުރި ކަންކަމަށް ކުރިއަށް އޮތް 3،000 އަހަރު މައާފަށް އެދެން ޖެހޭ. އެހެން ބަޔަކަށް ފާޑު ކިޔެން އޮތީ އެ ވާހަކަތައް ދެއްކުމަށްފަހު،" އިންފަންޓީނޯ ޖަޒުބާތާއެކު ވޯލްޑް ކަޕަށް އެންމެ ދުވަހަކަށް ވެފައި އޮއްވައި ވިދާޅުވިއެވެ.
އިންފަންޓީނޯ ވިދާޅުވީ ހުޅަނގުން އުޅެނީ މުނާފިގުވެގެން ކަމަށާއި، ގަތަރަށް ފާޑު ކިޔުމުގެ ކުރިން، ގަތަރަށް އިހުތިރާމު ކުޑަކުރުމުގެ ކުރިން އަމިއްލަ ފަތިފުށް ހާވައި ރަނގަޅުރަން ޖެހޭ ކަމަށެވެ. ގަތަރު ވޯލްޑް ކަޕް ހިނގާނީ ގަތަރުގެ އިސްލާމީ ދިރިއުޅުމާއި ވައްޓަފާޅި ތެރެއިން ކަމަށް ސާފުކޮށް ފީފާ ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރުގެ އީދު، ވޯލްޑް ކަޕް ފެށުނީ ގަތަރުގެ އިހުސާސްތަކުންނެވެ. ހުޅުވުމުގެ ރަސްމިއްޔާތުން ފެނިގެން ދިޔައީ ގަތަރުގެ ބަދަވީންގެ ތަރިކައެވެ. އެގައުމުގެ ތާރީހީ ސަގާފަތުގެ ރަމްޒެވެ. ވަކިން ހާއްސަކޮށް އިސްލާމީ މަރުހަބާއަކުން ގަތަރު ދުނިޔެއަށް މަރުހަބާ ކީ މަންޒަރުވީ އެތައް ބަޔަކަށް ލޯބި ދެވުނު މަންޒަރަކަށެވެ. ހުޅަނގުފިޔަވައެވެ. އިނގިރޭސި އެންމެ ބޮޑު ނެޓްވޯކް، ބީބީސްވެ އެ މަންޒަރުތަކުގެ ވީޑިއޯ ނުދައްކައި، ޓެކްޓް ލައިވް އެކަންޏަށް ހަދާލީ، އިސްލާމީ އުސޫލު ދުނިޔެއަށް ފެނުނަ ނުދޭށެވެ.
ބަދަވީންގެ ފޭލިގެއެއްގެ ރަމްޒުން ފަރުމާކޮށްފައިވާ އަލް ބައިތު ސްޓޭޑިއަމްގައި ގަތަރު ވޯލްޑް ކަޕަށް ރަސްމީކޮށް މަރުހަބާ ވިދާޅުވީ ގަތަރުގެ އަމީރު ޝެއިޚް ތަމިމް ބިން ހަމަދު އަލް ޘާނީއެވެ. "ގަތަރުން، އަރަބި ދުނިޔެއިން، އަހަރެން ވޯލްޑް ކަޕަށް 2022 އަށް މަރުހަބާ ކިޔަން،" އަމީރް ވިދާޅުވިއެވެ. "އެތައް ބަޔަކު، އެތައް ތަފާތުތަކެއް އެއްކިބާކޮށް، އެއް ފުރާޅެއްގެ ދަށުގައި ތިބުމަކީ ހާދަ ނަލަކަމެކޭ،" އަމީރު އިތުރަށް ވިދާޅުވިއެވެ.
އެ ބަސްތަކާއެކު ބަޑިބޭހުގެ ޗާލު މަންޒަރުތަކުން ދެން ދައްކުވައިލަދިނީ ހާއްސަ މެސެޖެއް ދިން މަންޒަރެކެވެ.
އޮސްކާ އެވޯޑު ހާސިލު ކޮށްފައިވާ މަޝްހޫރު އެކްޓަރު މޯގަން ފްރީމެންއާއެކު ހުޅުވުމުގެ ރަސްމިއްޔާތަށް ނުކުތް އުމުރުން 20 އަހަރުގެ ގާރީ ގާނިމް އަލް މުފްތާހު ވޯލްޑް ކަޕް ފެށީ ގުރުއާނުގެ އާޔަތަކުންނެވެ. މުފްތާހް ކިޔައިދިނީ އަލް ހުޖުރާތު ސޫރަތުގެ 13 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައި ވަނީ އިންސާނުންގެ އުފެއްދުވުމުގެ ވާހާކައާއި އެކިއެކި ގަބީލަތަށް ދުނިޔޭގައި އިންސާނުން ލެއްވި ސަބަބުތަކުގެ ވާހަކައެވެ. އެ ގަބީލާތައް އެއްބަޔަކު އަނެއް ބަޔަކަށް މަރުހަބާ ކިޔައި ތައާރަފުވުމުގެ ވާހަކައެވެ. ތަގުވާވެރީންނަކީ އެ މަރުހަބާ ކިޔައި، ހެޔޮ ހުލްގު ދައްކާ މީހުން ކަމުގައި ބުނެފައިވާ ވާހަކަތަކެވެ.
އެ އާޔަތަށްފަހުވެސް އުފެދުމުގައި ހުރި ބައްޔެއްގެ ސަބަބުން ނުކުޅެދިފައިވާ، ވޯލްޑް ކަޕްގެ އެމްބެސެޑަރު މުފްތާހާއި މޯގަން ފްރީމެން ވަނި ހާއްސަ ވާހަކަތަކެއް ދައްކާފައެވެ. އެ ވާހަކަތަކުގައި ފްރީމެން މުފްތާހާ ސުވާލުކުރަނީ އެތައް ނަސްލެއްގެ، އެތައް ބަހަކުން ވާހަކަ ދައްކާ، އެތައް ސަގާފަތެއްގެ ބަޔަކު އެކުވެ ތިބި ސަބަބަކީ ކޮބައިތޯއެވެ.
ޖަވާބުގައި މުފްތާހުދެއްވީ ބަދަވީންގެ ފޭލިގެތަކަށް ގަތަރުގެ އާސާރީން ކިޔާ މަރުހަބާގެ ވާހަކައެކެވެ. އެއީ ސްޓޭޑިއަމްގެ ރަމްޒުން އޭނާ ދޭން ބޭނުންވި ތޫނުފިލި މެސެޖެވެ. އެ މެސެޖުން ދޭހަކޮށްދިނީ ގަތަރުގެ އިސްލާމީ މަރުހަބާއިން ފުޓުބޯޅައިގެ އީދަށް، އެގައުމުން މުޅި ދުނިޔެއަށް މަރުހަބާކީކަމެވެ. އެހިސާބުން ފްރީމެން ބުނީ، ލަވައެއް މިއުޒިކެއް ނޫން ގޮތެއްގައި އޭނާއަށް އިވުނީ މަރުހަބާ ކިޔައި، އުފާފާޅުކުރުމަށް ދިން ދައުވަތެއްގެ މެސެޖުގެ ވާހަކަ ކަމަށެވެ.
ގަތަރާއި ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިސްރާއީލާ ގަތަރާ ގުޅުން ކަނޑާލާފައި އޮތް ނަމަވެސް، ވޯލްޑް ކަޕަށް ތެލް އަވީވުން ފްލައިޓްތައް، ސީދާ ގަތަރަށް ދާނެ ގޮތެއް ހެދީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައޭ ބުނެވިދާނެއެވެ. ގަތަރު ވޯލްޑް ކަޕްގެ ޓިކެޓިންގައި ފަލަސްތީނުގެ ނަން އެކަނި ހިމަނާފައިވުމުން ޓިކެޓް ނެގުމުގައި ފަލަސްތީނު ރައްޔިތުންނަށް އޮތީ ލުއި ގޮތެކެވެ.
އެ ފުރުސަތާއެކު ފަލަސްތީނުގެ އެތައް ރައްޔިތުންނެއް އަންނަނީ ގަތަރުގެ މަގުތަކުގައި ދިދަ ވިހުރަމުންނެވެ. ދޭން ބޭނުންވަނީ މިނިވަން ކޮށްދޭން އެދި ދުނިޔެއަށް ދޭން ބޭނުންވާ މެސެޖެވެ. ފަލަސްތީނަކީ ބާކީކޮށްފައިވާ ގައުމެއް ކަމަށް ހުޅަނގުން ދައްކަން އުޅޭ މަންޒަރަށް ނިމުމެއް ގެންނާން ގަތަރު ވޯލްޑް ކަޕުން މަސައްކަތް ކޮށްދީފި ކަމަށް އެގައުމުގެ ރައްޔިތުން ސިފަކުރެއެވެ.
"ފަލަސްތީނުގެ އަސްލު މުޅި ދުނިޔެއަށް، މިފަދަ މިނިވަން ކަމެއްގައި ދައްކާލަދެވުމަކީ އުފާވެރިކަން އިހުސާސްވާ ކަމެއް. ފަލަސްތީނުގެ އަޑު ކަނޑާލަން އުޅުނަސް ނުކެނޑޭނެ،" އަސްމާ ޖާބިރު، ފަލަސްތީނު ދިދައެއްގެ އިތުރުން ސްކާފަކާވެސް އެކުގައި ހުރެ، އަލްޖަޒީރާއަށް ކިޔައިދީފައިވެއެވެ. އޭނާ ބުނި ގޮތުގައި ދާ ކޮންމެ ގައުމަކަށް ފަލަސްތީނު ދިދަ ގެންދާ ނަމަވެސް، މިނިވަންކަމުގެ އިހުސާސުގައި ގަތަރު ކަހަލަ މަދު ގައުމެއްގައި ފިޔަވައި، އެހެން ގައުމުތަކުގައި އެ ދިދަ ވިހުރުވައެއްނުލެވެއެވެ.
އޭގެ އިތުރުން ގަތަރުގައި ދިރިއުޅޭ ފަލަސްތީނުގެ އެތަކެއް ރައްޔިތުންނެއްވެސް ފަލަސްތީނުގެ ދިދަތަކާއި، ޗާޓުތައް ޖަހާފައި ޓީޝާޓްލައިގެން މަގުތަކުގައި އުފަލާއެކު އެގައުމުގެ މިނިވަންކަމަށް އަޑުއުފުލަމުން ދެއެވެ. ފަލަސްތީނުގެ ސްކާފެއް ކަރުގައި އޮޅާލައިގެން ހުރި ބަދުރު، އަލް ޖަޒީރާއަށް ބުނީ އެތައް ބަޔަކު އޭނާ ކުރެންވެސް ފަލަސްތީނުގެ އަސްލު ހަގީގަތް ހޯދަމުން އަންނަ ކަމަށާއި، ފަލަސްތީނުގައި އިސްރާއީލެއް ނޯންނާނެ ކަމަށް އެތައް ބައެއް ކައިރީ ބުނެ، އޮޅުންފިލުވައިދެވުމަކީ މުހިއްމު ކަމެއް ކަމަށެވެ.
- އިސްރާއީލްގެ މީޑިއާތަކަށް އެތައް ބައެއްގެ ނަފްރަތު
ގަތަރުގެ ވޯލްޑް ކަޕަކީ ގަލްފުގެ ވޯލްޑް ކަޕަކަށްވީ ހިނދު، އެ ވޯލްޑް ކަޕަށް އެތައް އަރަބީންނެއް އޮތީ ގަތަރަށް ޖަމާވެފައެވެ. އެ ވާހަކަތައް ކަވަރުކުރަން ދުނިޔޭގެ އެތައް މީޑިއާއެއް ގަތަރަށް ޖަމާވެފައި އޮތް އިރު، އެތައް މަންޒަރުތަކެއްވެސް އެބަ ދައްކުވައިދެއެވެ. އެގޮތުން އިސްރާއީލްގެ ޓީވީ ރިޕޯޓަރުން އިންޓަވިއު ކުރި ހިސާބުން އެތައް ބަޔަކުވަނީ ޓީވީ ޖާނަލިސްޓަށް ނޫނެކޭ ބުނެ، ފަލަސްތީނާއެކުގައި ތިބިކަން ދައްކައިދީފައެވެ. އެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވެސް ވެއެވެ. އެ މަންޒަރުތަކަކީ މުސްލިމުންގެ ހިތްތައް ތާޒާ ކޮށްދޭ، އެއްބަނޑު އެއްބަފާކަން، ބަދަހިކަން ދައްކައިދޭ މަންޒަރުތަކެވެ.
އެހިސާބުން ނިމެނީކީ ނޫނެވެ. ފަލަސްތީނުގެ ދިދަތައް ސްޓޭއަމުން ނުފެންނަ މެޗެއް ނުދެއެވެ. ހުޅަނގުން "ވަން ލަވް" ބޭންޑް އަޅާ ވާހަކަތަކަށް ރައްދުތައް ދީ ގަތަރުގެ އެތައް ސަޕޯޓަރުންނެއް، ފަލަސްތީނު ދިދަ ރަމްޒުކޮށްދޭ ބޭންޑްގައި ދަނޑަށްވެސް ވަދެފައިވެއެވެ. އެމަންޒަރުތައް އެއީ ޔަހޫދީންނަށް ބަލަން ކުޅަދާނަ ވާނެ މަންޒަރުތަކެއްވެސް ނޫނެވެ.
ފީފާގެ އުސޫލުތަކާއި ވޯލްޑް ކަޕް ބާއްވާ ގައުމުކަމަށްވާ ގަތަރުގެ ގާނޫނުތަކާއި އާދަކާދަތައް މުގުރާލައި ޔޫރަޕުގެ 8 ޓީމެއްގެ ކެޕްޓަނުން އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދިނުމަށް "ވަންލަވް" ކެޕްޓަން ބޭންޑު އަޅަން ފުރަތަމަ ނިންމާފައިވީ ނަމަވެސް، އެ ބޭންޑް އަޅާ ކެޕްޓަނުންނަށް ކާޑު ދެއްކުންފަދަ މެޗުތެރޭގެ އަދަބުތައް ދޭނެ ކަމަށް ބުނުމުން، އެކަން ނުކުރަން އެ ހުރިހާ ގައުމަކުންވެސް ފަހުން ވަނީ ނިންމައިފައެވެ.
އެ ނިންމުން ނިންމަން ފީފާއަށް މަޖުބޫރު ކުރުވީ ހޯސްޓް ގައުމު ގަތަރުންނެވެ. އެއީ އެގައުމުގެ ވަރުގަދަ ސްޓޭންޑެކެވެ. އެކަމާ ފުރަތަމަ ޖަރުމަނުން ދެކޮޅު ހަދައި، އަޑު އުފުލަން މަސައްކަތް ކުރި ނަމަވެސް އެކަން ވީ ޖޯކަކަށެވެ. އެކަންވީ ނަފުރުސަތު އަމާޒުވި ކަމަށެވެ. ސީދާ ހުޅަނގުގެ ރައްޔިތުންވެސް އެކަމުގައި ޖަރުމަނަށް ދިނީ "އިހުތިރާމް" ކުރަން ދަސްކުރާށޭ ބުނެ ދިން ޖަވާބެކެވެ.
ޖަރުމަނުގެ އެ އަޑުއުފުލުގައި އެހެން ގައުމަކުން ބައިވެރިއެއްވެސް ނުވިއެވެ. އެއަށްވުރެ ފުޓުބޯޅަ އިސްކޮށް ކެޕްޓަނުން ވާހަކަވެސް ދައްކައިފިއެވެ.
"ސްވިސް ޓީމުން އެކަމުގައި އެއްވެސްކަމެއް ކުރާކަން އަހަންނަކަށް ނުފެނޭ. ގަވާއިދުތަކާއި އުސޫލުތަކަށް އިހުތިރާމުކޮށް ކުރިއަށް ދާން ފެންނަނީ. ފޯކަސްކުރަންވީ ފުޓުބޯޅައަށް. ގަތަރަށް އައިސް މިތިބީ ފުޓުބޯޅަ ކުޅެން. ބަޔަކަށް މެސެޖު ދިނުމުގެ މަސައްކަތްތަކެއް ކުރާކަށް ނޫން،" ސްވިޒަލޭންޑްގެ ކެޕްޓަން، ގްރެނިޓް ޖަކާ ޖަރުމަނު ކޮޕީ ނުކުރާނެ ކަމަށް ބުނަމުން ބުންޏެވެ.
ގަތަރުން ވޯލްޑް ކަޕާ ދިމާކޮށް އިސްލާމް ދީން ދުނިޔެއަށް ދައްކާލަން ހާއްސަ ކަންކަން ކުރިކަން މާކުރިންވެސް އޮތީ އެނގިފައެވެ. އޭގެ ތެރެއިން ކުރި މަސައްކަތްތަކުގެ ތެރޭގައި ހަދީސް ބޯޑުތައް މަގުތަކުން އިތުރަށް ފެންނާނެ ގޮތް ހެދުމާއި، ހޮޓަލުގެ ކޮޓަރިތަކުގެ ބާކޯޑް މައުލޫމާތު ޝީޓްތައް ފާހަގަވިއެވެ. ބާކޯޑް ރީޑް ކޮށްލުމުން ހަދީސްތަކާއި އިސްލާމީ އާދަކާދަތައް ކިޔައިދޭ މައުލޫމާތު ކާޑުތައް ފެންނާނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފައެވެ.
ދެން ފެނުނީ އިއްޔެގެ ހުކުރުގެ ސާދާ މަންޒަރެކެވެ. ގްރޫޕް ސްޓޭޖުގެ ހަތަރު މެޗު މިހާރު ކޮންމެ ދުވަހަކު ކުޅޭ އިރު، ގަތަރު ގަޑިން މެންދުރު 1:00 ގައި ފުރަތަމަ މެޗު ކުޅެން ޖެހެއެވެ. އެހެންކަމުން އަހުމަދު ބިން އަލީ ސްޓޭޑިއަމްގެ ކައިރީގައި ބޮޑު ޖަމާއަތެއްގައި އިއްޔެ ވަނީ ހުކުރު ނަމާދުކުރިތަން ފެނިގެން ގޮސްފައެވެ.
ހަމައެހެން، ސްޓޭޑިއަމްތަކުގައިވެސް ނަމާދުކުރުމަށް ހާއްސަ ސަރަހައްދުތައް ގިނަކަން ފާހަގަވެ، އެވާހަކަތައްވެސް މީސް މީޑިއާއަށް ތިލަވެފައިވާ އިރު، ވަރަށް ގިނަ ކަންތައްތަކުގެ ތެރެއިން ނަމާދު ވަގުތައް ބްރޭކް ނެގުންވެސް ގަތަރުން ފާހަގަވެފައިވެއެވެ.
ގަތަރަކީ އެންމެ ފުރިހަމަ ގައުމަށް ނުވެދާނެއެވެ. އިހުމާލެއް ހިނގާފައި ނޯވެދާނެއެކޭ ނޫނެވެ. އެކަމަކުވެސް ހުޅަނގުން ގަތަރަށް ފާޑު ކިޔައި، ނަފުރަތު އުފައްދަނީ ހަމަ ސީދާ މުނާފިގުކަމުންނެވެ، އެއީ ހުޅަނގަކީ ތަމައްދުން، ހުޅުވާލެވިފައިވާ އިހުތިރާމުގެ ވިސްނުމެއް ދަންނަ، ދަންނަން ބޭނުންވާވެސް ބަޔަކަށް ނުވާތީއެވެ. ޔޫކްރެއިން ރަޝިއާ ހަނގުރާމައިގެ ސަބަބުން ރަޝިއާ ފުޓުބޯޅައިން ނެރެ އެއްލައިލި ބަޔަކު، އަދިވެސް ތިބީ އިސްރާއީލް ފަދަ އަނިޔާވެރިން ބޯޅަކުޅޭތަން ބަލާށެވެ. އެއީ ހުޅަނގުގެ ދެފުށްދެގޮތް ސިޔާސަތެވެ. ހަގީގީ ގްލޯބްލައިޒޭޝަންގެ ޖަވާބު ދިނީ ގަތަރުންނެވެ. ހުޅަނގު ނޫންވެސް ބަޔަކު، އެބައެއްގެ އަމިއްލަވަންތަ ކަންތައްތަކެއް، ދީނީ ހަމައެއް، އިންސާފަކައިގެން އުޅޭކަން ގަތަރުން ދައްކުވައިދީފިއެވެ. ދުނިޔެއަކީ ވަކި ބަޔަކު ގަބޫލުކުރާ ހަމައެއް އޮންނަން ޖެހޭނެ ތަނެއް ނޫންތާއެވެ. ގަތަރަށް އެތެރެވެ، ގަތަރަށް ވޯލްޑް ކަޕް ބަލަން ދާންވާނީ ގަތަރަށް އިހުތިރާމު ކޮށްގެންތާނެއެވެ. ވޯލްޑް ކަޕަކަށް ޓަކައި، ގަތަރުން ދީން ދޫކޮށެއް ނުލާނެއެވެ. އެގައުމުން އޮތީ މާކުރިންވެސް އެހެން ބުނެފައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022