ފްރާންސުން ނުކުތީ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރާށެވެ. އަނިޔާގެ މައްސަލަތަކުގެ ތެރެއިންވެސް އެކަން ވެދާނެކަން ފުރަތަމަ މެޗުންވެސް ފްރާންސް ދައްކާލިއެވެ. ޗެމްޕިއަނުންގެ ގޮތުގައި އަންނަ ޓީމުތަކުގެ ދަށް ފެށުންވެސް ހަނދާން ނައްތާލީ އޮސްޓްރޭލިއާ ކައިރިން ހޯދި 4-1ގެ މޮޅުންނެވެ.
ހަމަޖެހިލައިފައި އޮތް ފްރާންސަށް ދެން އޮތީ އަދި އެހެން ޗެލެންޖެކެވެ. އެންމެފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ބަލިނުކުރެވި އޮތް ޑެންމާކު ބަލިކުރުމުގެ ޗެލެންޖެވެ. ނޭޝަންސް ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި މިއަހަރު ފްރާންސް އޮއްވައި، އެ މުބާރާތުން ކަޓުވާލުމުގައިވެސް އެންމެ ބޮޑު "ދޯކާ"އެއް ދިން ޑެންމާކު ބަލިކުރުމެވެ.
ރަޝިއާ 2018ގައި ފްރާންސާއި ޑެންމާކު ވާދަކުރި މެޗުވީ 0-0 އިން އެއްވަރެވެ. ދެން އޭގެ ފަހުން މިއަހަރު ނޭޝަންސް ލީގުގައި މިދިޔަ ފަސް ވަރަކަށް މަސް ތެރޭގައި ޑެންމާކުން ދެފަހަރަށް ފްރާންސް ބަލިކޮށްފިއެވެ. އެ ބަލިތަކާއެކު ފްރާންސް ނޭޝަންސް ލީގުގެ ފައިނަލް ބުރަށް ނުގޮސް ކެޓީއެވެ. ޖޫން މަހު ފްރާންސްގައި ކުޅުނު މެޗުން ޑެންމާކު މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އަމިއްލަ ގައުމުގައި ޑެންމާކުން ސެޕްޓެމްބަރު މަހު ފްރާންސް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
އެ ބަލިތައް ފްރާންސް ކޯޗު ޑިޑިއޭ ޑިޝޭމްޕްސް އެބަހުއްޓެވެ. އެއީ ފިލާވަޅުތަކެއް ކަމަށްވެސް ބަލަން އޭނާ ބޭނުންވެއެވެ.
"ޑެންމާކަކީ ޓީމެއްގެ ގޮތުގައި މާ ބޮޑަށްވެސް ދަށްކުރެވޭ ޓީމެއް. މިދިޔަ ހަތަރު މަހު ޑެންމާކުން ދެފަހަރަށް ފްރާންސް ބަލިކޮށްފި. މި ދައްކަނީ މީގެ ހަތަރު މަސްކުރީގެ ވާހަކަ. ޑެންމާކު އަހަރެންނަށް އުނދަގޫތަކެއް ކުރިމަތިކުރުވާ. އެއީ މި މެޗުން ވެގެންވާނެ ގޮތެއް ނޫންކަން އެނގިތިބެ ނުކުންނާނީ،" ކޯޗު ޑިޝޭމްޕްސް ބުންޏެވެ.
ޑިޝޭމްޕްސް ބުނީ ބަދަލު ހިފުމަކަށް ނޫން ކަމަށާއި، ޑެންމާކަށް ސަމާލުވުމަކަށް ކުރީގެ ނަތީޖާތަކަށް ވިސްނަން ޖެހޭ ކަމަށެވެ.
"އެވާހަކަދައްކަނީ ބަދަލުހިފާކަށް ނޫން. ޑެންމާކު އަހަރެމެންނަށް އެނގޭތީ. އެކި ސްޓައިލުގެ ފުޓުބޯޅަ ޑެންމާކު ކުޅޭނެ. އެހެންވީމަ އެކި ކަހަލަ އުނދަގޫ ޓީމަށް ކުރިމަތިކުރުވާ ޓީމެއް ޑެންމާކަކީ،" ޑިޝޭމްޕްސް ބުންޏެވެ.
ފްރާންސް ޓީމްގެ ކެޕްޓަން ހޫގޯ ލޮރިސްވެސް ވަނީ ޑިޝޭމްޕްސްގެ ވާހަކައާ ގުޅުވައި ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ޑެންމާކު އަތުންވި އެ ބަލިތަކުން ދައްކުވައިދެނީ ޑެންމާކުގެ ފެންވަރު ކަމަށާއި، މެޗުގެ މުހިއްމުކަން އެނގެނީ އެ ނަތީޖާތަކުން ކަމަށެވެ.
ޑެންމާކުން މިދިޔަ އަހަރު އޮތް ޔޫރޯގެ ސެމީ ފައިނަލްގައިވެސް ކުޅެފައިވާ އިރު، އެޓީމުގެ ކޯޗު ކެސްޕާ ޖުލްމާންޑް ބުނީ ފްރާންސްގެ ޗާލު ފެށުމަށް ޖެހިލުން ނުވާ ކަމަށެވެ. އެހެން ނަމަވެސް ޗެމްޕިއަނުންނަށް ދޭން ޖެހޭ އިހުތިރާމް ދޭނެ ކަމަށްވެސް ޖުލްމާންޑް ބުންޏެވެ.
ފްރާންސާއި ޑެންމާކުގެ ކުރިމަތިލުން އޮންނާނީ މިރޭ 9:00ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022