އޮސްޓްރޭލިއާ ޓީމުގެ ހުރިހާ ކަމެއް، ބަލިފައިގެ ތަފްސީލުތަކަށް ދާންދެން އެނގޭ ކަމަށް ޓިއުނީޝިއާގެ ކޯޗު، ޖަލާލް ކަދްރީ ބުނެފިއެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ޑީގައި މިއަދު ޓިއުނީޝިއާއާއި އޮސްޓްރޭލިއާ ވާދަކުރާ އިރު، ފުރަތަމަ މެޗުގައި ޓިއުނީޝިއާ އޮތީ ޑެންމާކާ އެއްވަރު ކޮށްފައެވެ. އެމެޗު ގޯލެއް ނުޖެހި އެއްވަރުވެފައިވާ އިރު، އިދިކޮޅަށް ނުކުންނަ އޮސްޓްރޭލިއާއިން ވޯލްޑް ކަޕް ފެށީ އެންމެފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެމެޗުގައި އޮސްޓްރޭލިއާ ވަނީ ފްރާންސް އަތުން ބެލިވެފައެވެ. ފްރާންސް އަތުން އޮސްޓްރޭލިއާ ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.

ޓިއުނީޝިއާއި ޑެންމާކު ކުޅުނު މެޗުގައި ސްޓޭޑިއަމްގެ ބޮޑު ބަޔަކަށް ޓިއުނީޝިއާ ސަޕޯޓަރުން ވަދެ ބާރު އަޑުގައި ސަޕޯޓް ދީފައިވާ އިރު، ކޯޗު ކަދްރީގެ ނަޒަރުގައި ޑެންމާކުވެސް ޖެހިލުންވި އެއް ސަބަބަކީ އެއީއެވެ. މިއަދުގެ މެޗުގައިވެސް އެކަންތައް އެގޮތަށް ތަކުރާރުވާނެ ކަމަށްވެސް ކަދްރި ބުންޏެވެ.

އޭގެ އިތުރުން ކަދްރީ ބުނީ އޮސްޓްރޭލިއާ ޓީމުގެ ނޭނގޭ އެއްކަމެއްވެސް ނޯންނާނެ ކަމަށެވެ.

"އޮސްޓްރޭލިއާ ޓީމަކީ ވަރަށް ބޮޑަށް އިހުތިރާމު ލިބިފައިވާ ޓީމެއް، އެއީ އޭޝިއާގެ މުބާރާތްތަކުގައި ދައްކާ ކުޅުމުގެ ސަބަބުން. އޮސްޓްރޭލިއާއަކީ އެންމެ މަތީ ފަންތީގެ މެޗުތަކުގައިވެސް ވަރުގަދައަށް ކުޅެވޭނެ ޓީމެއް. އަވަސް، ހަލުވި ކުޅުންތެރިން އެޓީމުގަ އެބަތިބި. އެކަމަކުވެސް މެޗުގައި ބޭނުންކުރެވޭނެ ބަލިފައިތަކެއް އެބަހުރި،" ކަދްރީ ބުންޏެވެ.

"އޮސްޓްރޭލިއާގެ އެތުލެޓިކް ކޮލިޓީ ރަނގަޅު ނަމަވެސް ފިޒިކަލީ އަހަރެމެންނަށް އެޓީމާ ޗެލެންޖް ކުރެވޭނެ. ފްރާންސް މެޗުގައި ބަލިވި ބަލިވުންވެސް އެއީ ހައިރާންކަމެއް ނޫން. ލިބޭ ބޯޅައިގައި އޮސްޓްރޭލިއާ މޮޅަކަސް އެކަން ދަމަހައްޓަން އޮސްޓްރޭލިއާއަށް އުނދަގޫ. އޮސްޓްރޭލިއާ ޓީމުގެ ހުރިހާ ކަމެއް އެނަލައިސްކޮށް ބަލައިފިން. ހުރިހާ މެޗެއްވެސް އެނަލައިސްކޮށްފިން. އެހެންވީމާ ނޭނގޭނެ ކަމެއް ނޯންނާނެ،" ކަދްރީ އިތުރަށް ބުނެފައިވެއެވެ.

ޓިއުނީޝިއާ ކޯޗު އެފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ އިރު، އޮސްޓްރޭލިއާ ކޯޗު ގްރަހަމް އާނޯލްޑް ބުނީ އެޓީމުން ނުކުންނަނީ އާ ޖީލެއްގެ ފެށުން ދައްކާލަން ކަމަށެވެ. މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު 17 މެޗުން ދެމެޗުން މޮޅުވެފައި އޮތް ދަށް ރެކޯޑަކީ ހިތްވަރަކަށްވެސް ޓީމުން ބަލާ ކަމަށް އާނޯލްޑް ބުންޏެވެ.

އޮސްޓްރޭލި އާއި ޓިއުނީޝިއާގެ ކުރިމަތިލުން އޮންނާނީ މިއަދު މެންދުރުފަހު 3:00 ގައެވެ.