އާޖެންޓީނާ ބަލިކުރި މެޗަށްފަހު ސައުދީ އަރަބިއާގެ ކުޅުންތެރިންނަށް ރޯލްސް ރޯއީ ކާރު ފަދަ އަގުބޮޑި ހަދިޔާތައް ލިބުނު ކަމަށް ދެކެވުނު ވާހަކަތައް އެގައުމުގެ ކޯޗު ހާވޭ ރެނާޑް ދޮގު ކޮށްފިއެވެ.
ސައުދީން ގަތަރު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި އާޖެންޓީނާ ބަލިކުރީ ފަހަތުން އަރައި ހޯދި ހައިރާންކުރުވަނިވި ނަތީޖާއަކުންނެވެ. 2-1 ގެ އެ މޮޅާއެކު ސައުދީ ސަރުކާރުން ޖެހިގެން އައި ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި އިއުލާން ކޮށްފައިވާ އިރު، މީޑިއާތަކުގައި އަޑު ފެތުރުނީ އަގުބޮޑެތި ހަދިޔާތައްވެސް ސަރުކާރުން ކުޅުންތެރިންނަށް ދިން ކަމަށެވެ.
ހާއްސަކޮށް ރޯލްސް ރޯއީ ކާރުތައް ފަދަ ހަދިޔާތައްވެސް ކުޅުންތެރިންނަށް ލިބުނު ކަމަށް ބުނެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ. އެވާހަކަތަކަށް ސައުދީ ޓީމުގެ ފަރާތުން އިއްޔެގެ ޕްރީ މެޗު ޕްރެސްގައި ޖަވާބު ދީފައިވެއެވެ. ކޯޗު ރެނާޑްގެ އިތުރުން ފޯވަޑް ސާލެ އަލްޝެހްރީވެސް ވަނީ ހަދިޔާތައް ލިބުނު ވާހަކަ ދޮގު ކޮށްފައެވެ.
"ސައުދީގެ އެފްއޭއަކީ ވަރަށް ސީރިއަސް އެފްއޭއެއް. މިނިސްޓަރުވެސް އެހާމެ ސީރިއަސްވާނެ. އެހެންވީމާ އެންމެ މެޗަކުން މޮޅުވެގެން އެކަހަލަ ކަންކަން ނުކުރާނެ. މުބާރާތުގައި އަދި ވަރަށް މުހިއްމު ދެމެޗު އެބައޮތް. އުންމީދުތައްވެސް ހުރީ އެ ދެމެޗު ނެގުމަށް. ހަދިޔާތައް ދޭ ވަރެއްވެސް އަދި ނުވޭ،" އެންމެ މޮޅަކުންވެސް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ ކޯޗު، ރެނާޑް ބުންޏެވެ.
ރެނާޑް އިތުރަށް ބުނީ ސައުދީ ކަހަލުގެ އޭޝިއާ ޓީމުތަކުން ޔޫރަޕާ އަރާ ހަމަކުރާކަން ދައްކަން އަދިވެސް ފުރުސަތުތައް ބޭނުންވާ ކަމަށެވެ. ހާއްސަކޮށް ވޯލްޑް ކަޕް ފަދަ ޕްލެޓްފޯމްތަކަކީ އެކަމަށް ފަހި ޕްލެޓްފޯމްތަކެއް ކަމަށް ރެނާޑް ފާހަގަކުރިއެވެ.
މިރޭ ސައުދީން ޕޮލެންޑާ ދެކޮޅަށް ނުކުންނަ އިރު، ޕޮލެންޑަކީ ރެނާޑާ އާއިލީ ގުޅުމެއްވެސް އޮތް ގައުމެކެވެ. އެކަންވެސް ޕްރެސްގައި އޭނާ ފާހަގަކުރިއެވެ.
"އަހަރެންގެ މާމައާއި ކާފައަކީވެސް ޕޮލެންޑަށް އުފަން ބައެއް. އެހެންވިޔަސް މާދަމާ އަހަންނަކީ ސައުދީގެ ރައްޔިތެއް. އަދި ގްރޫޕްގައި އެންމެ ބަލި ޓީމަކީ ސައުދީ ކަން ހަނދާނެއްވެސް ނުނެތޭ. ތަޖުރިބާ މަދު ޓީމަކީވެސް ސައުދީ،" ރެނާޑް ބުންޏެވެ.
އާޖެންޓީނާ މެޗާއެކު ރެނާޑްގެ އުކުޅުތަކަށް ފޯކަސް ހުއްޓިފައިވާ އިރު، އެމެޗުގެ ނަތީޖާ ބަދަލުކުރުމަށް އޭނާ ހާފް ޓައިމްގައި ދެއްކި ވާހަކަތަކަށްވެސް އެތައް ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ޕޮލެންޑާއި ރޮބާޓް ލެވަންޑޯސްކީ ހުއްޓުވަން ސައުދީން މިރޭ ނުކުންނާނީ 6:00 ގައި އޮންނަ މެޗުގައެވެ.