ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭގައި ނެދަލޭންޑްސްއިން ކުޅުނު މެޗުގައި 1-1 ގެ ނަތީޖާއަކުން އެކުއެޑޯ އަތުން އެއްވަރުވެއްޖެއެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ދެޓީމުންވެސް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން އޮތީ މޮޅުވެފައެވެ. ނެދަލޭންޑްސްއިން ފުރަތަމަ މެޗުގައި ސެނެގާލް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ނެދަލޭންޑްސްގެ ގޯލުތައް ފަހުވަގުތު ޖަހައިދިނީ ކޯޑީ ގަޕްކޯއާއި ޑޭވީ ކްލާސެންއެވެ. އެކުއެޑޯ ވަނީ މުބާރާތް ހުޅުވި މެޗުގައި ހޯސްޓް ގަތަރު ބަލިކޮށްފައެވެ. އެ މެޗުގައި އެކުއެޑޯވެސް މޮޅުވީ 2-0 އިންނެވެ. މެޗުގައި ދެ ގޯލުވެސް ޖެހީ ކެޕްޓަން އެނަ ވެލެންސިއާއެވެ.

މިރޭގެ މެޗަށް ނުކުތީ ގަދަ 16ގެ ފުރުސަތަކަށެވެ. މިއަދު ގްރޫޕް އޭގައި ކުޅުނު މެޗުގައި ސެނެގާލުން ގަތަރު ބަލިކުރުމުން، އެ ފުރުސަތު ޔަގީން ކުރެވެން އޮތީ ނެދާލޭންޑްސްއަށެވެ. އެއީ މޮޅަކާ އެކުގައެވެ. އެކުއެޑޯއަށް މޮޅުވެގެން ގަދަ 16 އަށް ވަރަށް ގާތަށް ޖެހިލެވެން އޮތް ނަމަވެސް، ހަނި ފުރުސަތަކުން އެ މަގާމު ގެއްލޭނެ ގޮތަކަށް އޮތީ ފަހު މެޗުގައި އެކުއެޑޯ އާއި ސެނެގާލް ކުޅެން ޖެހޭތީއެވެ. ނެދަލޭންޑްސްއަށް ފަހު މެޗު އޮތީ ގަތަރާ ދެކޮޅަށެވެ. މިރޭގެ މެޗުން އެކުއެޑޯ މޮޅުވެގެން ނޫނީ ގަތަރަށް ގަދަ 16ގެ ނަރެއްހާ ފުރުސަތުވެސް ނެތެވެ.

މެޗު ރަނގަޅަށް ފެށީ ނެދަލޭންޑްސްއިންނެވެ. މި ވޯލްޑް ކަޕްގައި އެންމެ އަވަސް ގޯލުވެސް އެޓީމުން ޖެހިއެވެ. ފަސްވަނަ މިނެޓް ތެރޭގައި އެ ގޯލު ޖެހީ ކޯޑީ ގަކްޕޯއެވެ. ޑޭވީ ކްލާސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ގަކްޕޯ ޖެހި ބާރު ބޯޅަ އަމާޒު ކޮށްލީ ގޯލުގެ ތިރީ ކަނަަށެވެ.

ނެދަލޭންޑްސްގެ އުންމީދީ ތަރި ޖެހި ގޯލުން ފަށައިގެން އެޓީމަށް ހަމަޖެހެން ފުރުސަތު ލިބުނީ މަދު ވަގުތުކޮޅަކަށެވެ. ދެކުނު އެމެރިކާގެ ކޮލިފިކޭޝަންގެ ތަފާތު ދެއްކި އެކުއެޑޯން ނުރައްކާ ކުރިއެވެ. 11 ވަަނަ މިނެޓުގައި ޕާވިސް އެސްޓުޕިނިއާން ދިން ބޯޅައަކުން ކެޕްޓަން އެނާ ވެލެންސިއާ ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ޑިފެންޑަރު ބްލޮކް ކުރިއެވެ.

އޭގެ އިތުރުން 32 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން އެކުއެޑޯ ކެޕްޓަން އެނާ ވެލެންސިއާ ފޮނުވާލި ހަމަލާ، ނެދަލެންޑްސް ކީޕަރު އެންދްރިއެސް ނޮޕާޓް މަތަކޮށް ބޭރުކޮށްލިއެވެ. އޭގެ އިތުރުން ހާފު ނިމިނިމި އޮއްވައި ލިބުނު ކޯނަރެއްގައި އެކުއެޑޯ އިން ބޯޅަ ގޯލަށް ވައްދާވެސް ލިއެވެ. ކޯނަރުގެ ތެރެއިން ތަނަވަސްވި ފުރުސަތުގައި ގޮންޒާލޯ ޕްލާޓާ ފޮނުވާލި ހަމަލާ އެސްޓުޕިނިއާން، ފައިގައި ޖެހި ނެދަލެންޑްސްގެ ގޯލުގެ ތެރެއަށް ބޯޅަ ވަން ނަމަވެސް، އޮފްސައިޑް މަގާމެއްގައި ހުރި އެކުއެޑޯގެ ޕޮރޯޒޯ، ކީޕަރު ނޮޕާޓް ކުރިމަތީގައި ހުރުމުން، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

ދެވަނަ ހާފަށް ނުކުމެ، ފުރަތަމަ ހާފުގައި ނެދަލޭންޑްސްއިން ކުރި ކަންތައް އެކުއެޑޯ އިން ކުރިއެވެ. ހާފުގެ ކުރީކޮޅުގައި ގޯލުޖެހިއެވެ. އެކުއެޑޯއަށް 49 ވަނަ މިނެޓުގައި ގޯލު ޖެހީ އެޓީމުގެ ކެޕްޓަން އެނާ ވެލެންސިއާއެވެ. އޭނާ އެ ގޯލު ޖެހީ ޕެނަލްޓީ އޭރިއާ ތެރެއިން އެސްޓުޕިނިއާން ފޮނުވާލި ބާރު ހަމަލާއެއް، ނެދަލެންޑްސް ކީޕަރު ނޮޕާޓް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ. މި ވޯލްޑް ކަޕްގައި ވެލެންސިއާގެ ތިންވަނަ ގޯލެވެ. އެކުއެޑޯ އިން ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު ފަސް މެޗުގައި ޖެހި ހުރިހާ ގޯލެއް ޖެހީ ވެލެންސިއާއެވެ. އެ ހަ މެޗުގައި ވެލެންސިއާ ހަ ގޯލު ޖަހައިފައިވެއެވެ.

ހާފުގެ ބާކީ ބައިގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެހެން ނަމަވެސް އަނެއްކާވެސް ނުރައްކާތެރި ހަމަލާތައް އުފެއްދީ ހަމަ އެކުއެޑޯ އިންނެވެ. އެގޮތުން 60 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ގޮންޒާލޯ ޕްލާޓާ ފޮނުވާލި ހަމަލާ އަމާޒުވީ ނެދަލެންޑްސް ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން ވެލެންސިއާ ދިން ބޯޅައަކުން އެސްޓްރާޑާ ފޮނުވާލި ހަމަލާ ކާމިޔާބެއް ނުވިއެވެ.

އެކުއެޑޯ އިން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައިވެސް ކެޕްޓަން ވެލެންސިއާއަށް އަނިޔާވެ ބާލަން ޖެހުނު އިރު، ހަމަ ހިތްދަތި މަންޒަރު މި މެޗުގައިވެސް ފެނުނެވެ. 89 ވަނަ މިނެޓުގައި ވެލެންސިއާ ބާލަން ޖެހުނީ އަށިގަނޑުގައެވެ.

މިރޭގެ ނަތީޖާއާއެކު ގްރޫޕް އޭ އިން ގަދަ 16 އަށް ދެން ފުރުސަތު އޮތީ ނެދަލޭންޑްސްއާއި އެކުއެޑޯގެ އިތުރުން ސެނެގާލަށެވެ. ގަތަރު ކެޓީ ޕޮއިންޓެއް ނުލިބި އޮވެއެވެ. ގަތަރުން ފަހު މެޗުގައި ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗުން ޕޮއިންޓަކާއެކު ނެދަލޭންޑްސްއަށް ގަދަ 16 ޔަގީން ވާނެއެވެ. އަދި ސެނެގާލާ އެކުއެޑޯ ކުޅެން ޖެހޭ ފަހު މެޗު ވެގެންދާނީ ވަރުގަދަ މެޗަކަށެވެ. އެ މެޗުން ފަހި ފުރުސަތެއް އޮތީ އެކުއެޑޯއަށެވެ. އެއީ ޕޮއިންޓަކުން ފުއްދާލުމެވެ.