ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް އިއްޔެ ވަޑައިގެންފިއެވެ.
ޝާހިދުގެ މި ދަތުރުފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅެކެވެ. ނަމަވެސް މި ދަތުރުގެ ތަފުސީލެއް ފޮރިން މިނިސްޓްރީއަކުން ހާމައެއް ނުކުރެއެވެ.
ދަތުރުގެ ތެރެއިން މިނިސްޓަރު ޝާހިދު މިއަދު ވަނީ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އަލް ސަވާދީއާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭޑީއެފްޑީގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭ ގޮތުންނާއި ތަރައްގީގެ މަޝްރޫއުތަކުގައި އެއްބާރުލުންދިނުމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި ވާހަކަދެކެވުނު ކަމަށެވެ.