ބްރެޒިލްގެ ތަރި ނޭމާގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ގްރޫޕް ސްޓޭޖުގެ ބާކީ ދެ މެޗު ގެއްލޭނެ ކަމަށް ޓީމު ޑޮކްޓަރު ރޮޑްރީގޯ ލާސްމާ ބުނެފިއެވެ.
މިހާތަނަށް ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލްގެ ތަރި، ނޭމާއަށް އަނިޔާވީ ރޭ އެޓީމުން ސާބިއާއާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައެވެ. އެ މެޗުގައި ބްރެޒިލުން ފުރިހަމަ މޮޅެއް ހޯދީ 2-0 އިން ސާބިއާ ބަލިކޮށްގެންނެވެ. މެޗުގައި ދެ ގޯލުވެސް ޖެހީ ރިޗާލްސަންއެވެ.
އުމުރުން 30 އަހަރުގެ ނޭމާގެ ފައިގެ ކުޑަހުޅަށް އަނިޔާވެގެން ރޭ ބާލަން ޖެހިފައިވާ އިރު، އޭނާގެ ކުޑަހުޅަށް އަނިޔާވީ ފަހު ހާފުގައެވެ. އާންމުކޮށްވެސް އަނިޔާގެ މައްސަލަތާ ދިމާވާ ނޭމާގެ އެންމެ އަނިޔާ ބޮޑީވެސް ކުޑަހުޅުގައެވެ. ނޭމާގެ އަނިޔާގެ ތަފްސީލަށް ސަޕޯޓަރުން އިންތިޒާރު ކުރަމުން ދިޔަ އިރު، ރޭގެ މެޗަށްފަހު ބްރެޒިލް ކޯޗު އުންމީދީ ގޮތަކަށް ބުނީ ހާސް ނުވުމަށެވެ. ނޭމާއަށް ވޯލްޑް ކަޕް އެކުގައި ނުގެއްލޭނެ ކަމަށެވެ.
ނޭމާގެ އިތުރުން ޑެނީލޯއަށްވެސް ރޭގެ މެޗުގައި އަނިޔާވެފައިވާ އިރު، ޓީމް ޑޮކްޓަރު ބުނީ ނޭމާގެ އަނިޔާގެ ތަފްސީލު މިއަދު އެމްއާރްއައި ސްކޭނެއް ހަދާފައިވާ ކަމަށާއި، ސްކޭނުން އެނގުނީ ދެ ކުޅުންތެރިންގެ ފައިގެ ކުޑަހުޅުގެ ލިގަމެންޓަށްވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކަމަށެވެ.
"ނޭމާއާއި ޑެނީލޯ މިއަދު އެމްއާރްއައި ސްކޭންތައް ހަދާފައިވޭ. ދެ ކުޅުންތެރިންގެ ފައިގެ ކުޑަހުޅުގެ ލިގަމެންޓަށްވެސް ގެއްލުންތަކެއް ލިބިފައިވޭ. އެންމެ މުހިއްމު ކަމަކީ ހަމަޖެހިލައިގެން ދެ ކުޅުންތެރިންގެ ރިކަވަރީ ދުވަހެއް ދުވަހަށް މޮނިޓާ ކުރުން. އަދި މުބާރާތުގެ ވަކި ހިސާބަކުން ފެންނާނެ ކަމަށް މިބަލަނީ ރިކަވަރީ ވެގެން،" ޑޮކްޓަރު ލާސްމާ ބުންޏެވެ.
ރޭ ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާއަށް އަމާޒުކޮށް ގިނަ ފައުލްތަކެއް ސާބިއާއިން ކޮށްފައިވާ އިރު، އޭނާއަށް އެކަނިވެސް ނުވަ ފަހަރަކު ފައުލް ކޮށްފައިވެއެވެ.
ނޭމާއަކީ އަނިޔާގެ މައްސަލަތަކާ ގިނަ ފަހަރެއްގެ މަތިން ކުރިމަތިލާން ޖެހިފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ބްރެޒިލުން ކާމިޔާބުކުރި 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާގައިވެސް އަނިޔާގެ ސަބަބުން ނޭމާ ކުޅެފައެއް ނުވެއެވެ. އޭގެ އިތުރުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ބޮޑުބައެއްގައިވެސް ނޭމާ ހުންނަން ޖެހުނީ އަނިޔާގައެވެ. އަދި 2021 ވަނަ އަހަރު ސީޒަންގެ ބޮޑުބައެއްވެސް ނޭމާ ހޭދަކުރީ އަނިޔާގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022