ގަތަރު ވޯލްޑް ކަޕް 2022 ގައި ހޯސްޓް ގައުމު ގަތަރުން ސެނެގާލް ކައިރިންވެސް ބަލިވެއްޖެއެވެ.

އަލް ތުމައިމާ ސްޓޭޑިއަމްގައި ކުޅުނު މެޗުން ސެނެގާލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ނުކުތް އިރު، ގްރޫޕް ސްޓޭޖުގައި ދެޓީމުންވެސް ފުރަތަމަ ކުޅުނު މެޗުން އޮތީ ބަލިވެފައެވެ. އެހެންކަމުން ގަދަ 16 ގެ އުންމީދު ދަމަހައްޓަން ދެޓީމަށްވެސް މޮޅެއް މަޖުބޫރެވެ. ގަތަރުން މުބާރާތް ހުޅުވި މެޗުގައި އެކުއެޑޯ އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. ސެނެގާލުން ކުޅުނު ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ބަލިވީ ނެދަލޭންޑްސް އަތުންނެވެ. ސެނެގާލަކީ އެންމެފަހުގެ އެފްރިކާ ޗެމްޕިއަނުންގެ ގޮތުގައި އޮތް އިރު، ގަތަރަކީ މިވަގުތު އޭޝިއާގެ ޗެމްޕިއަނުންވެސްމެއެވެ. އެހެންކަމުން މެޗު ވެފައި އޮތީ ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުމަކަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެމްޕިއަނުންގެ ފަރާތުން ޝައުގުވެރި ކުޅުމެއް ފެނުނީ މަދު ފަހަރަކުއެވެ. ހަމަލާތައްވެސް ފެނުނީ މަދުންނެވެ. އެހެން ނަމަވެސް އެފްރިކާގެ ޗެމްޕިއަން ސެނެގާލުން ދިޔައީ މަޑުމަޑުން ފުރުސަތުތަކަށް މަސައްކަތް ކުރަމުންނެވެ. އަލިއޯ ސީސޭ އިރުޝާދު ދެމުން ދިޔަ ސެނެގާލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ހަމަލާތަކަށް ފުރުސަތު ހޯދިވެސް މެއެވެ. ދުރުން ޑިއާޓާ ފޮނުވާލި ހަމަލާ، ގަތަރުގެ ކީޕަރު މެޝާލް ބާޝަމް ވަނީ މަތަކޮށްފައިވާ އިރު، ކޯނަރެއްގައި ބޫލާ ޑިއާ ބޮލުން ފޮނުވާލި ހަމަލާ، ގަތަރުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ހަމަލާތައް މަޑުމަޑުން ވަރުގަދަ ކުރަމުން ގޮސް، ސެނެގާލުން ދިޔައީ ގަތަރުގެ ފަހަތުން ގޯސްތައް ހަދުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ހާފު ނިންމާލީ ލީޑުވެސް ނަގައިގެންނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ގަތަރުގެ ބޫލެމް ކޫކީއަށް ރަނގަޅަށް ބޯޅަ ދިފާއުނުކުރެވުމުން ލިބުނު ފުރުސަތުން ސެނެގާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބޫލާ ޑިއާއެވެ.

ގަތަރުން ހާފު ނިންމާލީ ރެފްރީއަށް ޝަކުވާ ކުރަމުންނެވެ. އެއީ 33 ވަނަ މިނެޓުގައި ސެނެގާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ގަތަރުގެ އަކްރަމް އަފީފަށް ލިބުނު ފުރުސަތަކަށް ހުރަސް އަޅަން، ސެނެގާލްގެ އިސްމާއިލާ ސާ ޖެހިގަތުމަށް ޕެނަލްޓީ ދޭން ޖެހޭ ކަމަށް ބުނެއެވެ.

ގަތަރުގެ އެތައް ހާސް ބަޔަކު ވަދެ ތިބި އަލް ތުމާމާ ސްޓޭޑިއަމަށް މާޔޫސީ ފުރަތަމަ ހާފަކަށްފަހު ދެވަނަ ހާފްގެ ފެށުމާއެކު ގަތަރަށް ގޮތްވެސް ހުސްވިއެވެ. ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ސެނެގާލް ދެވަނަ ގޯލެއް ޖެހިއެވެ. އިސްމާއިލް ޖެކޮބްސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ސެނެގާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފަމަރާ ދިއެދިއޫއެވެ. އެ ގޯލާއެކު ވޯލްޑް ކަޕްގައި ދެމިއޮތުމަށް ގަތަރަށް ކޮންމެވެހެންވެސް ޖަވާބެއް ދޭން ޖެހުނެވެ.

އެ ޖަވާބަށް ގަތަރުން މަސައްކަތްވެސް ކުރިއެވެ. އެހެންނަމަވެސް ސެނެގާލްގެ ޗެލްސީ ގޯލްކީޕަރު އެޑުއާޑް މެންޑީ ފޫއަޅުވާލުންވީ އުނދަގޫ ކަމަށެވެ. އެންމެފަހުން ނެދަލޭންޑްސް މެޗުގައި ގޯސްތަކެއް ހެދި މެންޑީ، ގަތަރުގެ ދެ ހަމަލާއެއް މަތަކޮށް ސެނެގާލަށް އުންމީދު ދަމަހައްޓައިދިނެވެ. އޭގެ ތެރޭގައި އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ގަތަރުގެ އިސްމާއިލް މުހައްމަދު ފޮނުވާލި ހަމަލާ ފާހަގަވިއެވެ.

ގަތަރުން ކުޅުން ރަނގަޅު ކުރަމުން ތާރީހުގެ ފުރަތަމަ ވޯލްޑް ކަޕް ގޯލަކަށް މަސައްކަތް ކުރަމުން ދިޔައެވެ. އެތައް ހާސް ސަޕޯޓަރުންނަށް އެ ހިނިތުންވުމުގެ ވަގުތު އައީ 77 ވަނަ މިނެޓުގައެވެ. އިސްމާއިލް މުހައްމަދު ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ގަތަރަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް މުހައްމަދު މުންތާރީއެވެ. އެ ގޯލާއެކު ބޯޅަ ހިފައިގެން އަވަހަށް ކުޅުން ފެށުމަށް ގަތަރުން ދުއްވައިގަތެވެ.

ފަހަތުން އަރައި ހަމަކުރަން ގަތަރަށް ހިތްވަރެއް ލިބުނު ނަމަވެސް، އެ ހިތްވަރު ދެމިގެން ނުދިޔައެވެ. 84 ވަނަ މިނެޓުގައި ސެނެގާލް އަނެއްކާވެސް ލީޑު ފުޅާކުރިއެވެ. އިލިމަން އެންޑިއާޔޭ ދިން ބޯޅައަކުން ގަތަރު ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސެނެގާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ބަމްބާ ޑިއެންގްއެވެ. ގަތަރުގެ އުންމީދުތައް ގެއްލި މާޔޫސްވިއެވެ. ސެނެގާލަށް ގަދަ 16 އަށް ދިރުން ލިބުނެވެ.

މެޗުން މޮޅުވެ ސެނެގާލަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، އެ ގްރޫޕުގައި ދެން އޮތް ނެދަލޭންޑްސްއާއި އެކުއެޑޯއަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ގަތަރަށް ޕޮއިންޓެއް ނުލިބި އޮތް އިރު، ގަތަރަށް ދެން ގަދަ 16 އަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ. އެއީ އެކުއެޑޯ ދެން އޮތް ދެ މެޗުން މޮޅުވެގެން ލިބެން އޮތް ކުޑަ ފުުރުސަތެކެވެ. އެ ފުރުސަތަށްވެސް ގަތަރުން ފަހު މެޗުގައި ނެދަލޭންޑްސް ބަލިކުރަން ޖެހޭނެއެވެ.