ދިވެހި ގައުމީ ޓީމުތަކުގެ ކުޅުންތެރިން ރާއްޖޭން ބޭރުގައި ބާއްވާ މުބާރާތްތަކާއި ތަމްރީނުތަަކަށްދާއިރު އަހަރު ނުވާ ދަރިފުޅާއި ބެލެނިވެރިއެއް ގެންދެވޭނެ ގޮތް ޔޫތް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ޔޫތު މިނިސްޓްރީން ވަނީ މިއަދު ސައުދީ އަރަބިއްޔާއަށް ތަމްރީން ކޭމްޕަކަށް ފުރި ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރީންނަށް އަހަރު ނުވާ ދަރިފުޅާއި ބެލެނިވެރިއެއް ގެންދެވޭނެ ގޮތް ހަމަޖައްސައިދީފައެވެ.
އެކަމާ ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްްގައި ވިދާޅުވީ، މީގެ ފަހުން ގައުމީ ޓީމުގެ ކުޅުންތެރިން ވިހެއުމަށް ފަހު ކުޅުން ހުއްޓާލާ ދުރަށްދާކަށް ނުޖެހޭނެ ކަމަށެވެ.
"އަންހެން ވޮލީ ޓީމު މިއަދު އެ ފުރީ އަހަރު ނުވާ ހަތަރު ކުދީން ގޮވައިގެން. މިއީ އުފާވެރި ދުވަހެއް،" މަހުލޫފު ވިދާޅުވިއެވެ.
ގައުމީ އަންހެން އަދި ފިރިހެން ޓީމުގެ ކުޅުންތެރިން ސައުދީގައި މި ފުރިހަމަކުރާ ޓްރެއިނިން ކޭމްޕަކީ ރާއްޖޭގައި ބާއްވަން ތައްޔާރުވާ ސެންޓްރަލް ޒޯންގެ ޗެލެންޖް ކަޕަށް ތައްޔާރުވުމަށް ކުރާ ދަތުރެކެވެ. ރާއްޖެއިން އިތުރު ތަމްރީނުތަކަށް ސައުދީއަށް ދިޔަ ނަމަވެސް އަދި މުބާރާތުގެ ސީދާ ތާރީހެއް ވީއޭއެމްއިން ޔަގީން ކޮށްދީފައެއް ނުވެއެވެ. ކުރިން މުބާރާތް ބާއްވަން އޮތީ އަންނަ މަހުގެ 18 ވަނަ ދުވަހުގައި ނަމަވެސް، ބެލެވޭ ގޮތުގައި މުބާރާތް އެދުވަހު ފަށަން އަދި ތާވަލު ކޮށްފައެއް ނުވެއެވެ. އެއީ އެކިއެކި ސަބަބުތަކާ ހެދިއެވެ.
ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތަކަށް މަސަައްކަތް ކުރަމުންދާ އިރު، އެކަމުގައި ވޮލީބޯޅަ އެސޯސިއޭޝަނުން މީޑިއާއަށް އަދި ސާފު މައުލޫމާތެއް ދީފައިނުވާ އިރު، ދާދިފަހުން ރާއްޖޭގައި ބޭއްވި ބީޗްބޯޅަ ވޯލްޑް ޓުއާ މުބާރާތުގައިވެސް މީޑިއާއަށް މައުލޫމާތުތައް ދިނުމުގައި އެސޯސިއޭޝަނުގެ ފަރާތުން ކުރި މަސައްކަތްތައް ދަށް ކަމަށް ފާހަގަވެފައިވެއެވެ.