ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭގެ ތިންވަނަ މެޗުގައި ހޯސްޓް ގަތަރާއި ސެނެގާލް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މި މެޗަށް ނުކުންނަ އިރު، ގްރޫޕް ސްޓޭޖުގައި ދެޓީމުންވެސް ފުރަތަމަ ކުޅުނު މެޗުން އޮތީ ބަލިވެފައި. އެހެންކަމުން ގަދަ 16 ގެ އުންމީދު ދަމަހައްޓަން ދެޓީމަށްވެސް މޮޅެއް މަޖުބޫރު. ގަތަރުން މުބާރާތް ހުޅުވި މެޗުގައި އެކުއެޑޯ އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުން. ސެނެގާލުން ކުޅުނު ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ބަލިވީ ނެދަލޭންޑްސް އަތުން. ސެނެގާލަކީ އެންމެފަހުގެ އެފްރިކާ ޗެމްޕިއަނުން، އަދި ގަތަރަކީ މިވަގުތު އޭޝިއާގެ ޗެމްޕިއަނުންވެސްމެ. މިއީ ޗެމްޕިއަނުންގެ ކުރިމަތިލުމެއް.
ނެދާލޭންޑްސްއާއި ސެނެގާލް ވާދަކުރި މެޗުގައި ނެދަލޭންޑްސްގެ ގޯލުތައް ޖެހީ ކޯޑީ ގަކްޕޯ އާއި ޑޭވީ ކްލާސަން. އެ ދެ ގޯލުގައިވެސް ޗެލްސީގެ ގޯލްކީޕަރު މެންޑީގެ ގޯސްތައް ފާހަގަވި.
މެންޑީ މިފަހަރު ވޯލްޑް ކަޕާ ކުރިމަތިލީވެސް ކްލަބު ފުޓުބޯޅައިގައި މާޔޫސްވެފައި ހުރެގެން. ޗެލްސީއާއެކު ސީޒަން ފެށީވެސް ދަށް ފޯމެއްގައި. އެއާއެކު ޗެލްސީއަށް އަލަށް ގެންދިޔަ ކޯޗު، ގްރަހަމް ޕޮޓާ ވަނީ އެއް ނަންބަރު ގޯލްކީޕަރެއްގެ ގޮތުގައި ސްޕެއިންގެ ކެޕާ އަރީޒާބަލާގާ ގޯލުގައި ބޭނުންކުރަން ފަށާފައި. މެންޑީގެ ފޯމު މިހާރު ދަށްކޮށް ފެނުނު ނަމަވެސް އޭނާއަކީ 2021 ވަނަ އަހަރު ޗެލްސީން ޗެމްޕިއަންސް ލީގު އުފުލައިލުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ގޯލްކީޕަރު. ސެނެގާލުން އެފްކޯން ނެގި އިރުވެސް މެންޑީގެ ފުރިހަމަ ކުޅުން ފެނިގެން ދިޔަ.
އެހެންކަމުން ކޯޗު އަލިއޯ ސީސޭ ބުނެފައި ވަނީ މަޖުބޫރު މެޗަށްވެސް މެންޑީއަށް އިތުބާރުކުރާނެ ކަމަށް.
ގަތަރުން ވޯލްޑް ކަޕަށް ތައްޔާރުކުރީ ހާއްސަ ޓީމެއް. އެއީ ބޮޑު ފުޓުބޯޅަ ޕްރޮޖެކްޓެއް. އެ ޓީމުން އޭޝިއަން ކަޕް ނެގީވެސް އުންމީދު ގެނެސްދެމުން. އެކި ގައުމުތަކަށް އުފަން ކުޅުންތެރިންނާވެސް އެކު، ގިނަ ދުވަސްތަކެއް ވަންދެން ވޯލްޑް ކަޕަށް ތައްޔާރުކުރި ޓީމަށް ސަޕޯޓަރުންގެ އުންމީދުތައް އޮތީ ބޮޑުކޮށް. އެހެންކަމުން ފުރަތަމަ ދެމެޗުން ބަލިވެ ކަޓައިގެން ދިޔުމަކީ މާޔޫސް ކަމަކަށް ވާނެ.
ފުރަތަމަ މެޗުގައި ގަތަރު ބަލިވެގެން ދިޔަ އިރު، ސަޕޯޓަރުން މެޗު ނުނިމެނީސް ސްޓޭޑިއަމް ދޫކޮށް ދިޔަތަން ފެނިފައިވޭ. ކޯޗު ފެލިކްސް ސަންޗޭޒް ބުނީ ޓީމުން އެނބުރި އަންނަން ޖެހޭ ކަމަށާއި، މިއަދުގެ މެޗުގައި އެކަން ފެންނާނެ ކަމަށް.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022