ޚަބަރު

އެހެން މީހުންގެ އުނި ސިފަތައް ހާމަކުރުމަކީ ދުނިޔެއާއި އާހިރަތް ފަސާދަކުރާ ބަލިމަޑުކަމެއް: ހުތުބާ

އަލީ ޔާމިން

އެހެން މީހުންގެ އުނި ސިފަތައް ހޯދައި އެކަންކަން ހާމަކުރުމަކީ ދުނިޔެއާއި އާހިރަތް ފަސާދަކުރާ ބަލިމަޑުކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނީ، އިސްލާމް ދީނަކީ އިންސާނާ މާތްކުރައްވައި އޭނާގެ ނަފުސު ރައްކާތެރިކުރެއްވި ދީން ކަމަށާއި އިންސާނާގެ ކަރާމާތަށް އުނިކަން ލިބިދާނެ ކަންކަމުން އޭނާގެ ނަފުސު ސަލާމަތްތެރިކޮށް ރައްކާތެރިކުރުމަށް އިސްލާމްދީން ބާރު އަޅުއްވާ ކަމަށެވެ. އެގޮތުން ހައްގަކާ ނުލައި، މުސްލިމު އަހާގެ ނަފުސުގެ ކަރާމަތާއި އިއްޒަތް ނަގައިނުލުމަށް އިސްލާމްދީން ބާރު އަޅާ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، އެހެން މީހުންގެ ކުށްތަކާއި އައިބުތަކާއި އުނި ސިފަތައް ހޯދައި ކަޝްފުކުރުން މަނާކުރައްވާފައިވަނީ، އެއީ އިންސާނާގެ ދުނިޔެއާއި އާހިރަތް ފަސާދަކުރާ ބަލިމަޑުކަމަކަށްވާތީ ކަމަށެވެ. އަދި އެފަދަ މީހުންނަށް އެ މީހުންގެ އުނި ސިފަތަކެއް ނުފެންނާނެ ކަމަށާއި އަބަދުމެ ފެންނަނީ އަނެކުންގެ އުނި ސިފަތައް ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، މިއަދުގެ ހާލަތަށް ބަލައި އިރު، ބައެއް މީހުންގެ މަސައްކަތަކީ އަބަދުމެ، މީސްތަކުންގެ އުނި ސިފަތައް ހޯދައި، ސޯޝަލް މީޑިއާގައި އެކަންކަން ހާމަކުރުން ކަމަށާއި އެގޮތުން މީހުންގެ ހާލަތާއި ސިފައާ ބެހޭ ގޮތުންނާއި ހަސަބާއި ނަސަބާ ބެހޭ ގޮތުން މަލާމާތްކޮށް ނެތިމޮށޭ ކަަމަށެވެ. އަދި އެ މީހުންނަކީ އެއްވެސް އުނި ސިފައެއް ނެތް ފުރިހަމަ ބައެއް ކަމަށް ދެކޭ ކަމަށް ބުންޏެވެ.