ގަތަރު ވޯލްޑް ކަޕް 2022

އިރާންގައި ހަލަބޮލިކަން: އާންމުންނާއި ނޫސްވެރީންގެ "ސިޔާސީ" ސުވާލުތަކުން ކޯޗު ރަތަށް

މުޙައްމަދު ޝަމްޢޫން

އިރާނުގެ ދާހިލީ މައްސަލަ އޮތީ ގޯސް ކޮށެވެ. ވޯލްޑް ކަޕަށް ދިޔަ ގައުމީ ޓީމަށްވެސް އެކަމުގެ ހިޔަނި އޮތީ އެޅިފައެވެ. އެންމެފަހުން އިންގްލެންޑާ ދެކޮޅަށް އެގައުމުން ކުޅުނު މެޗުގެ ކުރިން ކެޕްޓަން އެހުސާން ހަޖްސާފީ ނޫސްވެރިންނާ ވާހަކަ ދައްކަމުންވެސް ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ. ކެޕްޓަން ބުނީ ހައްގުތަކަށް އަޑު އުފުލަމުން އަންނަ އާއިލާތަކާ އެކުގައި ގައުމީ ޓީމު އޮތް ކަމަށާއި ގައުމުގައި ހިނގަމުންދާ މުޒާހަރާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ގައުމީ ޓީމުންވެސް ތައުޒިޔާ ފޮނުވާ ކަމަށެވެ.

އިރާނުގައި މުޒާހަރާ ކުރަމުން ދަނީ ފުލުހުންގެ ހައްޔަރުގައި ހުއްޓައި މަރުވި އަންހެނެއް ކަމަށްވާ، ކުރުދިސްތާނަށް ނިސްބަތްވާ މާޝާ އަމީނީގެ މަރާ ގުޅިގެންނެވެ. އީރާނުގައި ފުލުހުން އޭނާ ހައްޔަރު ކޮށްފައި ވަނީ ރަނގަޅަށް ބޯނިވާނުކޮށް ހުރެގެންނެވެ. ފުލުހުން ބުނެފައި ވަނީ އަމީނީ ހައްޔަރުގައި ހުރީ އިރާނުގެ ގަވާއިދާ ހިލާފުވެގެން ކަމަށެވެ. އިރާނުގެ ސަރުކާރުން ބުނަމުންދަނީ އެ މުޒާހަރާއަކީ ހުޅަނގުން ބާރު ދީގެން ސަރުކާރަށް ޕްރެޝަރުކުރަން ކުރާ މުޒާހަރާއެއް ކަމަށެވެ. ސަރުކާރުން ބާރުގެ ބޭނުން ކޮށްގެންވެސް އާންމު ރައްޔިތުން ހުއްޓުވަނީ އެހެންވެގެން ކަމަށެވެ.

ގައުމުގައި މުޒާހަރާ ކުރަމުންދާ އެތައްހާސް ރައްޔިތުންނަކާ އެކު ގައުމީ ޓީމު ތިބިކަން ދެއްކުމަށް، ސަރުކާރުގެ ސަމާލުކަމަށްވެސް އެކަން ގެނައުމަށް އިރާން ޓީމުން، އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ގައުމީ ސަލާމް ކިޔަން އިންކާރު ކުރިއިރު، އެ ކަމުގެ ޕްރެޝަރު ޓީމަށް ނެތްކަމަށް ފޯވަޑް މެހްދީ ތެރާމީ ވަނީ ވޭލްސް މެޗުގެ ކުރިން ބުނެފައެވެ.

"އަހަރެން މިއީ ސިޔާސީ ވާހަކަ ދައްކަން ބޭނުންވާވެސް މީހެއް ނޫން. އެކަމަކު ކަމެއް ސާފުކޮށްލަދޭން ބޭނުން، ސަރުކާރަކުން ޓީމަށް އެއްވެސް ފިއްތުމެއް ނުފިއްތާ، ޕްރެޝަރެއްވެސް ނުކުރޭ،" ތެރާމީ ބުންޏެވެ.

ތެރާމީ ބުނީ ޕްރެސްއަށް ދިޔައިރުވެސް، އެފަދަ ސުވާލުތައް އަންނާނެކަން އެނގޭ ކަމަށާއި، ކޮންމެ ޖަވާބެއް ދިނަސް، ލިޔަން ބޭނުންވާ އެއްޗެއް ބޭނުން ގޮތަކަށް ލިޔާނެ ކަންވެސް އެނގޭ ކަމަށެވެ. ތެރާމީ އަކީ އިންގްލެންޑް އަތުން ބަލިވި މެޗުގައި އިރާނުގެ ދެ ގޯލުވެސް ޖެހި، ޕޯޓޯއަށް ކުޅެމުން އަންނަ ފޯވަޑެވެ.

އިނގިރޭސި މީޑިއާތަކުން އިރާންގެ ކޯޗު ކާލޯސް ގުއެރޯޒަށްވެސް ސިޔާސީ އެތައް ސުވާލެއް ކުރިމަތިކުރުވާފައިވާ އިރު، އިއްޔެގެ ޕްރެސްއަށްފަހު ގުއެރޯޒް ވަނީ އިނގިރޭސި އަންހެން ނޫސްވެރިޔަކާ ވަކިންވެސް ސުވާލުކޮށްފައެވެ. އިރާނުގެ ދާހިލީ ހަމަނުޖެހުންތަކުގެ ވާހަކަ އެހުމުން، ޕްރެސްގައި އޭނާ ބުނީ ސިޔާސީ އާއި ފުޓުބޯޅަ މަސްހުނި ކުރަން ބޭނުން ނުވާ ކަމަށެވެ. ފަހުން ގުއެރޯޒް ވަނީ، އިންގްލެންޑް ކޯޗާ އެފަދަ ސުވާލުތައް ނުކުރަނީ ކީއްވެތޯ ސުވާލު ކޮށްފައެވެ.

ގުއެރޯޒް ބުނީ މީޑިއާތަކުން ނަގަން ބޭނުން މައްސަލައެއް ނަގައި، އެ މައްސަލައެއްގައި ހިފައި ދަމައިގެން ފުޓުބޯޅައިގެ ތެރެއަށް ގެންނަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އިންސަނީ ހައްގުގެ އެތައް މައްސަލައެއް ދުނިޔޭގެ އެތަންމިތަނުގައި އޮތް އިރު، ހަމައެކަނި އިރާންގެ ކޯޗާ އެ ސުވާލުތައް ކުރަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށްވެސް ގުއެރޯޒް ވަނީ ބުނެފައެވެ.

އިރާނުން ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިއަދު 3:00 ގައެވެ.