ގަތަރު ވޯލްޑް ކަޕް 2022

"އިންގްލެންޑަށް އަންނަނީ ގެއްލިފައިވާ އިތުބާރު ލިބެމުން"

އިންގްލެންޑަށް ދުނިޔޭގެ ފުޓުބޯޅައިގައި ގެއްލިފައިވާ އިތުބާރު އަލުން ހޯދެމުން އަންނަ ކަމަށް ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.

ގަތަރު ވޯލްޑް ކަޕަށް ދިޔުމުގެ ކުރިން، ގަތަރާއި ފީފާއަށް ފާޑު ކިޔުމުގައި ބުރަވެ އުޅުނު އިންގްލެންޑުން ކުޅުނު ފުރަތަމަ މެޗުގައި އިރާން ބަލިކުރީ 6-2 ގެ ނަތީޖާއަކުންނެވެ. އެއީ އެންމެފަހުން ކުޅުނު ޔޫރޯ ފައިނަލަށް ދިޔަ އިންގްލެންޑަށް ރަނގަޅު ފެށުމެކެވެ. ކޯޗު ސައުތުގޭޓްގެ ނަޒަރުގައި މިހާރު އިންގްލެންޑްގެ ފުޓުބޯޅައަކީ އިހުތިރާމު ލިބެމުން އަންނަ ފުޓުބޯޅައެކެވެ.

"މިއީ އިންގްލެންޑް ފުޓުބޯޅައަށް ފަހި ދުވަސްތަކެއް. އެންމެ ޒުވާން ލެވެލުން ފެށިގެން ސީނިއާ ޓީމުގެ އިތުރުން އަންހެން ޓީމުގެ ފަރާތުންވެސް ފެންނަނީ ރަނގަޅު ކަންތައްތަކެއް. މިހާރު ފުޓުބޯޅަ ދައްކާ މަންޒަރުން ފެންނަނީ އަހަރުތަކެއް ވަންދެން ވާދެވެރިވެވޭނެ ގައުމެއްގެ ގޮތުގައި. ދުރު ރާސްތާ ކާމިޔާބީ ޓީމުތަކެއް ބިނާކުރުމަކީ އެތައް އަހަރެއް ވަންދެން އިންގްލެންޑުން ނުފެނުނު މަންޒަރެއް. އެކަން ކުރެވެމުންދިޔުމާއެކު، މި ކުޅުންތެރިން ދުނިޔޭގެ ފުޓުބޯޅައިގައި އިންގްލެންޑަށް ގެއްލިފައިވާ އިތުބާރު ހޯދައިދެމުން މިދަނީ،" ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑުން 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅެފައިވާއިރު، 2014 ވަނަ އަހަރު ގްރޫޕް ސްޓޭޖުން ކެޓި ކެޓުން ހަނދާން ނައްތާލަން މިފަހަރުވެސް ގަދަ 16 މުހިއްމެވެ. އެގައުމުގެ އަމާޒަކީ 1966 ވަނަ އަހަރަށްފަހު ފުރަތަމަ ވޯލްޑް ކަޕެއް، އަދި ފުރަތަމަ ތަށްޓެއް ހޯދުމެވެ. އެކަމަށް އޮތީ އެމެރިކާ ބަލިކުރުމެވެ. ވޯލްޑް ކަޕްގެ ތާރީހުގައި އިންގްލެންޑަށް އޮތީ އެމެރިކާ ކައިރިން ބަދުނަސީބެވެ.

"އޮތް ގޮތަކީ މެޗުން މޮޅުވުން. އޭރުން ކޮލިފައިވީ. އެމެރިކާއާ މީގެކުރިން ވޯލްޑް ކަޕްގައި ކުޅުނު މެޗުތަކުން މޮޅުނުވެވި އޮތް އޮތުން ބަދަލުކުރަން ޖެހޭ. އަމިއްލަ ފުޓުބޯޅައިގެ ދަރަޖަ މަތިކޮށް ވާހަކަ ދައްކާނަމަ، އެކަން އަމަލުތަކުންވެސް ދައްކައި ރަނގަޅަށް ކުޅެވެން ޖެހޭނެ،" ސައުތުގޭޓް ބުންޏެވެ.

އެމެރިކާ އާއި އިންގްލެންޑް މީގެ ކުރިން ވޯލްޑް ކަޕްގައި ވާދަކުރީ ދެފަހަރަކުއެވެ. އެއީ 1950 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. 1950 ވަނަ އަހަރު އިންގްލެންޑް ބަލިވި އިރު، 2010 ގެ މެޗު ވީ އެއްވަރެވެ.

އެ ތާރީހު ބަދަލުކުރަން އިންގްލެންޑުން އެމެރިކާއާ ދެކޮޅަށް ނުކުންނާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.