ގަތަރު ވޯލްޑް ކަޕް 2022

ސެނެގާލް ނޫސްވެރިޔާއަށް ވެން ހާލް ހާއްސަ، ސުވާލެއް ނެތް، "ވަރަށް ލޯބިވޭ" ބުނެ ބައްދާލީ!

މުޙައްމަދު ޝަމްޢޫން

ވޯލްޑް ކަޕަކީ ފުޓުބޯޅައިގެ ހުރިހާ ކަމެއް ހިނގާނެ މުބާރާތެކެވެ. އެތައް ބައެއްގެ ހުވަފެންތައްވެސް ހަގީގަތަކަށް ހަދައިދޭ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރުގެ، އެންމެ ބޮޑު އީދެވެ. މިފަހަރު ހުވަފެންތައް ހަގީގަތަކަށްވީ ސެނެގާލްގެ ނޫސްވެރިޔާ ޕާޕާ މަހްމޫދު ގޭ އަށެވެ. އުމުރުން އެންމެ ތިން އަހަރުން ފެށިގެންވެސް އޭނާއަކީ ނެދަލޭންޑްސްގެ ކޯޗު ލުއިސް ވެން ހާލްގެ "ޑައިހާޑް" ފޭންއެކެވެ. ނޫސްވެރިޔާ ފުރަތަމަ ފަހަރަށް ވެން ހާލްއާ ދިމާވީ އިއްޔެގެ ޕްރެސް ކޮންފަރެންސުންނެވެ. އެ ބައްދަލުވުން އޭނާއަށް ހާއްސަވެސް ވިއެވެ.

ކޯޑީ ގަކްޕޯ އާއި ޑޭވީ ކްލާސަންގެ ގޯލުތަކުން ނެދަލޭންޑްސްއިން ފުރަތަމަ މެޗުގައި ސެނެގާލް ބަލިކުރިކުރުން އެއްފަރާތްކޮށް ސެނެގާލްގެ ނޫސްވެރިޔާ ވެން ހާލާ އެކުއެޑޯ މެޗު ޕްރީ މެޗު ޕްރެސްއިން ބައްދަލުކޮށް ބުނީ، ސުވާލެއް ނެތް ކަމަށާއި ތިން އަހަރުން ފެށިގެން ދެކެމުން އައި ހުވަފެނާއެކު މިފަހަރު ބައްދާލާނީ ކަމަށެވެ.

ވެން ހާލް ގައިގައި ނޫސްވެރިޔާ ބައްދާލަމުން ބުނީ "ވަރަށް ލޯބިވާ" ކަމަށެވެ. އެއީ ނޫސްވެރިކަމުގެ ކެރިއަރުގައިވެސް މަހްމޫދަށް ލިބުނު ތަފާތު ތަޖުރިބާއަކަށް ވާނެއެވެ. ވެން ހާލް ޕްރެސް ނިންމައި މަހުމޫދަށް ހާއްސަ ވަގުތުކޮޅެއް ހުސްކޮށްލީ ވެން ހާލަށް އޭނާ ކުރި ތައުރީފުންނެވެ.

ފޭން ނޫސްވެރިއެއްގެ އެވަގުތުކޮޅަށްފަހު ދެން ޕްރެސްގައި ވެން ހާލް ފޯކަސް ކުރީ މިރޭ އެކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗަށެވެ. އެކުއެޑޯން ފުރަތަމަ މެޗުގައި ހޯސްޓް ގަތަރު ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެކުއެޑޯގެ އެންމެ މުހިއްމު ހަތިޔާރަކީ އެނަ ވެލެންސިއާ އެވެ. ވެން ހާލް ބުނީ ސެނެގާލަށްވުރެ އެކުއެޑޯ އުނދަގޫވާނެ ކަމަށެވެ.

"އެކުއެޑޯގައި އެބަތިބި ނަތީޖާ ބަދަލުރަން އެނގޭ، ސްމާޓް ކުޅުންތެރިން. އެހެންވީމާ ސެނެގާލަށްވުރެ އުނދަގޫވާނެ ކަމަށް ބަލައިގެން ފޯކަސް ރަނގަޅުކޮށްގެން މި ނުކުންނަނީ،" ވެން ހާލް ބުންޏެވެ.

ނެދަލޭންޑްސްއިން ކުޅުނު ފުރަތަމަ މެޗުގައި ސެނެގާލް ކައިރީގައިވެސް އުނދަގޫ ވަގުތުތަކެއް ދިޔައެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ނުރައްކާކުރީވެސް ސެނެގާލެވެ. ނެދަލޭންޑްސްއަށް މުހިއްމު ގޯލުތަކެއް އެ މެޗުގައި ޖެހީ ފަހު ވަގުތުގައެވެ.

ނެދަލޭންޑްސްއިން ގަދަ 16އަށް މުހިއްމު މެޗަށް އެކުއެޑޯއާ ދެކޮޅަށް ނުކުންނާނީ މިރޭ 9:00 ގައެވެ.