ސެނެގާލްގެ ގޯލް ބެލެހެއްޓުމުގެ ޒިންމާއަށް އެޑުއާޑް މެންޑީއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ކޯޗު އަލިއޯ ސީސޭ ބުނެފިއެވެ.
ސެނެގާލުން ވޯލްޑް ކަޕް ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުގައި ނެދަލޭންޑްސް އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ނެދާލޭންޑްސްގެ ގޯލުތައް ޖެހީ ކޯޑީ ގަކްޕޯ އާއި ޑޭވީ ކްލާސަން އެވެ. އެ ދެގޯލުގައިވެސް ޗެލްސީގެ ގޯލްކީޕަރު މެންޑީގެ ގޯސްތައް ފާހަގަވިއެވެ.
މެންޑީ މިފަހަރު ވޯލްޑް ކަޕާ ކުރިމަތިލީވެސް ކްލަބު ފުޓުބޯޅައިގައި މާޔޫސްވެފައި ހުރެގެންނެވެ. ޗެލްސީއާއެކު ސީޒަން ފެށީވެސް ދަށް ފޯމެއްގައެވެ. އެއާއެކު ޗެލްސީއަށް އަލަށް ގެންދިޔަ ކޯޗު، ގްރަހަމް ޕޮޓާ ވަނީ އެއް ނަންބަރު ގޯލްކީޕަރެއްގެ ގޮތުގައި ސްޕެއިންގެ ކެޕާ އަރީޒާބަލާގާ ގޯލުގައި ބޭނުންކުރަން ފަށާފައެވެ. މެންޑީގެ ފޯމު މިހާރު ދަށްކޮށް ފެނުނު ނަމަވެސް އޭނާއަކީ 2021 ވަނަ އަހަރު ޗެލްސީން ޗެމްޕިއަންސް ލީގު އުފުލައިލުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ގޯލްކީޕަރެވެ. ސެނެގާލުން އެފްކޯން ނެގި އިރުވެސް މެންޑީގެ ފުރިހަމަ ކުޅުން ފެނިގެން ދިޔައެވެ.
"މެންޑީގެ ފެންވަރު އޭނާ ވަނީ ކުރިންވެސް ސާބިތުކޮށްދީފަ. އެއްވެސް މީހަކު މެންޑީއާ ދޭތެރޭ ސުވާލުވެސް އުފައްދައިގެން ނުވާނެ. މެންޑީއަށްވެސް ދޭތެރެއަކުން ދަށް ދުވަހެއް އައިސްދާނެ، އެހެންވިޔަސް އަހަރެންގެ ފުރިހަމަ އިތުބާރު އަބަދުވެސް މެންޑީއަށް އޮންނާނެ. ސެނެގާލް ކުޅުންތެރިންގެ އިތުބާރުވެސް މެންޑީއަށް އޮންނާނެ. މާދަމާ (މިއަދުގެ) މެޗުގައިވެސް މެންޑީ ކުޅޭނެ. ތަފާތުވެސް ފެންނާނެ. މަގާމަށް ބަދަލެއް ނާންނާނެ،" ކުރިން ސެނެގާލްގެ ކެޕްޓަންކަން ކޮށް، މިހާރު ކޯޗުކަމުގައި ހުރި ސީސޭ ބުންޏެވެ.
ސެނެގާލުން މިއަދު ގަތަރާ ދެކޮޅަށް ނުކުންނާނީ މޮޅުވުން މަޖުބޫރު މެޗަކަށެވެ. އެ މެޗަށް އެފްރިކާގެ ޗެމްޕިއަން ނުކުންނާނީ އެތައް ކަމެއް ސާބިތުވެސް ކޮށްދޭން ކަމަށްވީއިރު، ޑިފެންޑަރު ކަލިދޫ ކުލިބާލީވެސް ވަނީ މެންޑީގެ ގޯހަށް ވާހަކަ ދައްކާފައެވެ.
"މާބޮޑު ކޮށްލައިގެން މީހުން އެވާހަކަ (މެންޑޭގެ ވާހަކަ) ދައްކަނީ. މެންޑީއަށްވެސް ޗެލެންޖިން ވަގުތުތައް އަންނާނެ. މެންޑީއަކީ އަހަރެންގެ ކްލަބު މޭޓެއްގެ އިތުރުން ގައުމީ ޓީމުގެ ވަރުގަދަ ގުޅުމަކުން ގުޅިފައިވާ އާއިލީ މެންބަރެއް ކަހަލަ އެކުވެރިއެއް. އޭނާއަށް އަހަރެން ފުރިހަމައަށް އިތުބާރުކުރަން،" ކެޕްޓަން ކުލިބާލީ ބުންޏެވެ.
ގަތަރަކީ އެންމެފަހުގެ އޭޝިއަން ޗެމްޕިއަނުންނެވެ. ސެނެގާލަކީ އެފްރިކާގެ ޗެމްޕިއަނުންނެވެ. ދެ ޗެމްޕިއަނުންގެ ކުރިމަތިލުމާއި ގުޅޭ ގޮތުން މެންޑީ ބުނީ ސެނެގާލަކީ "ލަޔަންސް އޮފް ޓެރަންގާ" ކަމަށާއި، ސެނެގާލުގެ ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ ހުވަފެނަށްޓަކައި މެޗު ހޯދަން ނުކުންނާނެ ކަމަށެވެ.
ސެނެގާލާއި ގަތަރުގެ ކުރިމަތިލުން އޮންނާނީ އިރުއޮއްސި 6:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022