ގަތަރު ވޯލްޑް ކަޕް 2022

އުރުގުއާއީ އާއި ދެކުނު ކޮރެއާގެ ފޯރިގަދަ ކުރިމަތިލުން އެއްވަރު

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގެ ފުރަތަމަ މެޗުގައި ދެކުނު ކޮރެއާއާއި އުރުގުއާއީ އެއްވަރު ވެއްޖެއެވެ.

އެޑިއުކޭޝަނަލް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު އެއްވަރުވީ ގޯލެއް ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ.

މިއީ ދެކުނު ކޮރެއާއިން ނުކުތް 11 ވަނަ ވޯލްޑް ކަޕެވެ. ކޮރެއާއިން ވޯލްޑް ކަޕަކަށް ނުކުންނަ އިރު، އަބަދުވެސް ދެކެވެނީ 2002 ވަނަ އަހަރު އަމިއްލަ ގައުމުގައި ވޯލްޑް ކަޕްގެ ވާހަކައެވެ. ގޫސް ހިޑިންކްގެ އެރާއާއެކު އެއީ ތާރީހީ ވޯލްޑް ކަޕެކެވެ. އެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ކޮރެއާއިން ހޯދީ ދުނިޔެ ހައިރާން ކޮށްލައިފައެވެ. ގްރޫޕް ސްޓޭޖުގައި ޕޮލެންޑާއި ޕޯޗުގަލް ބަލިކޮށް، ގަދަ 16 ގައި ވަރުގަދަ އިޓަލީވެސް ކަޓުވާލިއެވެ. އަދި ދެކުނު ކޮރެއާ ސެމީއަށް ދިޔައީ ސްޕެއިންވެސް ކަޓުވާލައިފައެވެ. ސެމީގައި 1-0 އިން ބަލިވީ ޖަރުމަނު އަތުންނެވެ.

އަނެއްކޮޅުން މިރޭގެ މެޗަށް ނުކުތް އުރުގުއާއީ އިން މިހާތަނަށް 13 ވޯލްޑް ކަޕެއްގައި ކުޅެފައިވާ އިރު، 2010 ވަނަ އަހަރު ވޯލްޑް ކަޕްގެ ހަތަރުވަނަ އުރުގުއާއީ ހޯދީ ޑިއޭގޯ ފޯލާނާއި ލުއިސް ސުއަރޭޒްގެ އިތުރުން ޑިއޭގޯ ގޮޑީން ފަދަ ކުޅުންތެރިންނާއެކުގައެވެ. އުރުގުއާއީ އަކީ އެންމެ ފުރަތަމަ އަމިއްލަ ގައުމުގައި 1930 އަހަރު ބޭއްވި ވޯލްޑް ކަޕާއި 1950 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމުވެސް މެއެވެ.

މިފަހަރުގެ ވޯލްޑް ކަޕް ސްކޮޑުގައިވެސް އުރުގުއާއީ އިން ސުއަރޭޒާއި ގޮޑީންވެސް ހިމަނާފައިވާ އިރު، މިދިޔަ އަހަރު ޓީމާ ހަވާލުވި ކޯޗު ރިން ގައުމީ ޓީމަށް ކުޅުނު ޑިއޭގޯ އެލޯންސޯ ފުރަތަމަ މެޗަށް ނެރުނު 11 ގައިވެސް ސުއަރޭޒާއި ގޮޑީން ބޭނުންކުރިއެވެ. 2006 ވަނަ އަހަރު މިދިޔަ އަހަރާ ހަމައަށް އުރުގުއާއީގެ ކޯޗުކަމުގައި ހުރި އޮސްކާ ތަބަރޭޒްގެ ވަކިވުމަށްފަހު އުރުގުއާއީ އިން ފުރަތަމަ ވޯލްޑް ކަޕަކަށް މިފަހަރު ނުކުތީ ޒުވާން ތެރިންގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިންވެސް ބާކީ ނުކޮށް އޮތް ސްކޮޑަކާއެކުގައެވެ.

މެޗު ދެ ޓީމުންވެސް ފެށީ ވަރަށް އަވަސް ކުޅުމެއްގައެވެ. ޕްރެސިން ގޭމަކަށް ދެޓީމުންވެސް ކުޅެމުން ދިޔަ އިރު، ފުރަތަމަ ކޮޅުގައި ދެކުނު ކޮރެއާއިން ޕްރެސްކުރަމުން ދިޔަ މިންވަރު އިތުރެވެ. އެޓީމުގެ މަސައްކަތު ރޭޓްވެސް ފެނުނީ ރަނގަޅަށެވެ. އެހެންނަމަވެސް ފުރުސަތު ފެނުނީ މަދުންނެވެ.

އަނެއްކޮޅުން ނުނޭޒްގެ ނުރައްކާ ކޮންމެވެސް ވަރަކަށް ފެންނަމުން ގޮސް، އޭނާގެ ފުރަތަމަ ފުރުސަތުގައި އޭރިއާ ތެރެއިން ބޯޅައާ ފަޔާ ލައްވާނުލައި ދިޔަ އިރު، އޭގެ ފަހުން ރެއާލް މެޑްރިޑްގެ ތަރި ފެޑަރީކޯ ވަލްވާޑޭ ފޮނުވާލި ހަމަލާ ދިޔައީ މަތިންނެވެ. ފުރަތަމަ ހާފުގައި އެންމެ ހުސް ފުރުސަތެއް ލިބިގެން ދިޔައީ ހުވާންގް ޔޫ ޖޯ އަށެވެ. ކިމް މޫން ހުވާންގް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ހުވާންގް ޔޫ ޖޯ ފޮނުވާލި ހަމަލާ ދިޔައީ އުރުގުއާއީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ހަމަލާތައް މަދުކޮށް ފެނުނު އިރު، އުރުގުއާއީ އިން ވަނީ ސުއަރޭޒްގެ ބަދަލުގައި ތަޖުރިބާކާރު އަނެއް ފޯވަޑް، އެޑިސަން ކަވާނީ ދަނޑު މައްޗަށް ނެރެފައެވެ. އެ ބަދަލާއެކު އުރުގުއާއީގެ އެޓޭކަށް ކޮންމެވެސް ވަރެއްގެ ދިރުމެއް އައިސް ހަމަލާތައް އިތުރުވާން ފެށިއެވެ. އެގޮތުން ނުނޭޒްގެ ނުރައްކާތެރި ހަމަލާއެއް ފެނުނު އިރު، އޭނާ 79 ވަނަ މިނެޓުގައި ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ދަނޑި ކައިރިންނެވެ.

ކުރިން ޕޯޗުގަލާއެކު ކުޅުންތެރިއެއްގެ ގޮތުގައި، އަދި ކޯޗެއްގެ ގޮތުގައިވެސް ވޯލްޑް ކަޕަށް ނުކުތް ޕަބްލޯ ބެންޓޯ އިރުޝާދު ދެމުން ދިޔަ ކޮރެއާގެ ހަމަލާތައް ދެވަނަ ހާފުގައި މަޑުޖެހިފައި އޮތް އިރު، އެޓީމުގެ އަރިމަތިން ނުރައްކާ ކުރީ މާސްކްގައި ކުޅެމުން ދިޔަ ހިއުން-މިން ސޮންއެވެ. އޭނާގެ ބާރު ދުވެލި ހިފަހައްޓަން އުރުގުއާއީ އިން ފައުލުތައް ކޮށްފައިވާ އިރު، ދެޓީމަށްވެސް ދިމާވި މައިގަނޑު މައްސަލަތަކަށް މެޗުގައިވީ މެދުތެރެއިން އެޓޭކް އުފެއްދުމެވެ. ރަނގަޅު ގުޅުންތެރިކަމެއް ދެޓީމުގެ މެދުންވެސް ނުފެނުންވީ މެޗުގައި ގޯލެއް ނުފެނުނު އެއް ސަބަބަށެވެ.

މެޗު ނިމެން މިނެޓް ކޮޅަކަށްވެފައި ވަނިކޮށްވެސް ދެޓީމުގެ ސަޕޯޓަރުންނަށްވެސް ނޭވާ ހިފަހައްޓާލަން ޖެހިފައިވާ ވަގުތުކޮޅެއް ދިޔައެވެ. އެއްކޮޅުން ފެޑަރީކޯ ވަލްވާޑޭ އުރުގުއޭއަށް ލީޑު ނަގައިދިން ޖެހި ބޯޅަ އަރިމަތީ ދަނޑީގައި ޖެހިފައި ބޭރަށް ދިޔަ އިރު، އަނެއްކޮޅުން ސޮން ދުރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ އުރުގުއާއީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ނިމުން ފެނުނީ ފޯރި ގަދަކޮށެވެ. ޓެކުލްތަކާއި ފައުލްތައްވެސް ފެނިގެން ދިޔަ އިރު، ދެޓީމުންވެސް ރޫހުގައި ތިން ޕޮއިންޓަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަން ކާމިޔާބުނުވެ މެޗު ނިންމާލަން ޖެހުނީ ޕޮއިންޓަކުން ފުއްދާލައިގެންނެވެ.

ކުރިއަށް ހުރި މެޗުތައް

21:00 ޕޯޗުގަލް - ގާނާ (ގްރޫޕް އެޗް)
00:00 ބްރެޒިލް - ސާބިއާ (ގްރޫޕް ޖީ)