ފުޅާ ދާއިރާއެއްގައި ވަގު ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ރޭގެ ވަގުތެއްގައި ސައްހަ ނޫން ޑޮލަރުން ވިޔަފާރީގެ މުއާމަލާތް ކުރަމުންދިޔަ 24 އަހަރުގެ ދިވެހި އަންހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭ މަގުމަތިން ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހުގެ މުއްދަތު ދެ މީހުންނަށްވެސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.